ސަރުކާރުން ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތައް މިވަގުތަށް މަޑު ޖައްސާލުމަކީ ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ މަޖިލީހުގެ ތަޅުމުގައި ހޯމަ ދުވަހު މެމްބަރުން އަމާޒުކުރެއްވި ސުވާލުތަކާ ގުޅޭގޮތުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިއީ ކޮންކްރިޓްގެ ޕްރޮޖެކްޓްތައް ބާރަށް ކުރިއަށްގެންދަންވީ ވަގުތުކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، މިހާރު ދުނިޔޭގެ މާލީ ހާލަތާއި ތެލުގެ އަގު އުފުލެމުން ދިޔުމެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ވައުދުތައް ފުއްދުމުގެ ސްޕިޑް މަޑު ޖައްސާލުމަކީ، މިވަގުތު ރާއްޖޭ މާލިއްޔަތަށް އެންމެ ރަނގަޅުގޮތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ ކަންކަމަށް އަންނަ ބަދަލުތަކާއި، އަދި ދުނިޔޭގެ އިގްތިސާދަށް، ޚާއްސަކޮށް ތެލުގެ އަގަށް އަންނަ ބަދަލަށް ބަލައި ޕްރޮޖެކްޓްތައް މަޑުޖައްސާލަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އަވަށްޓެރި ގައުމެއް އެއޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށާއި، މިއީ ވިސްނުންތެރި ކަމާއެކު ތިބެންވީ ވަގުތު ކަމަށެވެ.
ތެލުގެ އަގު 121 ރުފިޔާއަށް އަރައިފި، އަދި އަވަށްޓެރި ގައުމެއް އެއޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި، މިއީ ވިސްނުންތެރި ކަމާއެކު ތިބެންވީ ވަގުތުމުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް
ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވަނީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ވައުދުތައް ފުއްދުމަށް އޮންނަ ގޮންޖެހުންތަކުގެ ވާހަކަ ދެއްކުމަކީ އެކަން ނުކުރުން ނޫންކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވީ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ކުރެއްވާފައިވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ.