ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު އިސްކޯ އެ ޓީމު ދޫކޮށްލަން ނިންމައިފިއެވެ.
ރެއާލާއެކު އިސްކޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. އެއްބަސްވުން އައު ނުކޮށް އޭނާ ވަނީ އެ ކުލަބް ދޫކޮށްލަން ނިންމާފައެވެ. އެހެންކަމުން އޭނާ ރެއާލް ދޫކޮށްލާނީ ފްރީ ޓްރާންސްފާއެއްގައެވެ. އޭނާ ވަނީ ރެއާލާއެކު މި ސީޒަނުގެ ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
ރެއާލް ދޫކޮށްލަން ނިންމައި އޭނާ ބުނީ ނުވަ އަހަރަށްފަހު ރެއާލް ދޫކޮށްލާއިރު، ކުޑައިރު އޭނާ ދުށް ހުރިހާ ހުވަފެނެއް ހަގީގަތަށް ހެދިއްޖެ ކަމަށެވެ. އޭގެ އިތުރުން އޭނާ އުންމީދު ކުރި ވަރަށްވުރެ ވެސް ގިނަ ތަށި ކާމިޔާބު ކުރެވުނުކަމަށެވެ. އަދި ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެވުނުކަމާއި، ތަފާތު ކުޅުންތެރިންނާ ބައްދަލުވި ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ އެ ޓީމުގެ ކުޅުންތެރިންނާއި، ކޯޗުން، ޓެކްނިކަލް ފަރާތްތަކާއި ހުރިހާ އެންމެނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ހިތްވަރު ދިނުމާއި، ސަޕޯޓުކޮށްދިނުމުގައި ތިބި އެންމެހައި ސަޕޯޓަރުންނަށް ވެސް އިސްކޯ ވަނީ ޝުކުރު އަދާކޮށްފައެވެ.
ވެލެންސިއާއިން 2009 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި އިސްކޯ ރެއާލަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ޓީމާއެކު މިވީ ނުވަ އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 353 މެޗު ކުޅެދީ 53 ލަނޑު ޖަހާދީފައެވެ. ރެއާލަށް ބަދަލުވުމުގެ ކުރިން އިސްކޯ ވަނީ ސްޕެއިންގެ މަލަގާއަށް ވެސް ކުޅެފައެވެ.
އުމުރުން 30 އަހަރުގެ އިސްކޯ ވަނީ ރެއާލާއެކު 19 ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު، ކޮޕަ ޑެލްރޭ އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. އިސްކޯއަކީ ރެއާލާއެކު ފަސް އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.