ކ. މާލެ
|
30 މެއި 2022 | ހޯމަ 16:30
އިންޑިއާ އައުޓް ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި
އިންޑިއާ އައުޓް ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި
ރާއްޖެއެމްވީ
އިންޑިއާ އައުޓް ބެނަރ ނެގުން
"ކޯޓުން އަނެއް ދެ ބާރުގެ އިޙުތިޞާޞްގެ ތެރެއަށް ނުވަންނާނެ"
 
ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަންކަމަށް ބެލެވޭކަށް ނެތް
 
ހ.ދޫވެއްސަކީ އާންމު ތަނެއް ނޫން
 
ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން ނިންމާނީ ކޯޓުތަކަކުން ނޫން

އިންޑިއާ އައުޓް ބެނަރ ނެގި މައްސަލައިގެ ޙުކުމާއެކު، އެއް ބަޔަކު ބުނަމުން ގެންދަނީ ޙުކުމުން ދޭހަވެގެން ދިޔައީ އިންޑިއާ އައުޓް ޙަރަކާތް ހިންގޭނެ ކަމެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ، އެ ޙުކުމުން ދޭހަވަނީ އިންޑިއާ އައުޓް ޙަރަކާތާ ދެކޮޅަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަކީ ބާތިލު ޤަރާރެއް ކަމެވެ.

އެހެންނަމަވެސް، މި ޙުކުމަކީ އެއަށްވުރެ ސާފުކޮށް، ސީދާކޮށް އޮތް ޙުކުމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން - ރާއްޖެއެމްވީ

ހ.ދޫވެއްސަކީ އާންމު ތަނެއް ނޫން

އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ފުލުހުން ތުހުމަތުކުރާ ކުށަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގެ ދަށުން ޢާންމު މަޞްލަޙަތަށް ގެއްލުންހުރި ޢަމަލެއްކުރުމުގެ ކުށުގެ ތުހުމަތެވެ.

އެ ތުހުމަތަށް ބަލާއިރު، އެ ޢަމަލު ހިންގި މީހާ އެ ޢަމަލު ހިންގީ ޢާންމު ތަނެއްގައި ހުރެގެން ކަމަށްވުން ޤާނޫނުން ލާޒިމުކުރެއެވެ. ވުމާއެކު، އެ ޝަރުތު ފުރިހަމަ ނުވާކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި 615 ވަނަ މާއްދާގައިވާ ޙާލަތު ފުރިހަމަވާކަމަށް ފަނޑިޔާރު ބަލާފައިވަނީ، ހ.ދޫވެހި ގޭގައި ބެނާއެއް ދަމާފައިވާ ދެމުމަށެވެ. ނަމަވެސް، ދޫވެއްސަކީ، އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ ގޯއްޗެއްކަމުން އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ ގޯތީގައި އޭނާއަށް ލިބޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޚިޔާލެއް ފާޅުކުރުމަކީ 615 ވަނަ މާއްދާގެ ދަށަށް އެ ޢަމަލު ފެތޭނެ ސަބަބެއް ނޫނެވެ
ހައިކޯޓުގެ ޙުކުމް

ފަނޑިޔާރުން ވިދާޅުވެފައިވާ ގޮތުގައި، 615 ވަނަ މާއްދާގެ ދަށުން މީހަކު ކުށްވެރިވާނީ އާންމު ތަނެއްގައި އެމީހަކު ކުރާ ކުށަކުންކަން އެ މާއްދާއިން ސާފެވެ.

"އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އަންނަނިވި ޢަމަލުތަކުގެ ތެރެއިން  ޢަމަލެއް ކުރާނަމަ އެކުރަނީ ކުށެކެވެ" -ޤާނޫނުލްޢުޤޫބާތު ގެ 615 ވަނަ މާއްދާ

ފުލުހުން ކޯޓު އަމުރާއެކު ޕީޕީއެމް އޮފީހާއި ޔާމީނުގެ ގެކޮޅަށް ވަދެ އިންޑިއާ އައުޓް ބެނަރ ނެގުން - ޕީޕީއެމް

މިސާލަކަށް ދޫވެއްސަކީ އާންމު ތަނެއްކަމަށް ބެލި ނަމަވެސް، މި މައްސަލަ އަދި ފުލުހުންނާ އެއްކޮޅަށް ނިމޭކަށް ނެތެވެ. އެކަމުގެ ސަބަބުތައްވެސް ފަނޑިޔާރުން ވަނީ ސާފުކޮށްދެއްވާފައެވެ.

އެ ވާހަކައާ ގުޅިގެން ފަނޑިޔާރުން ދެއްކެވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އެވެ. އެގޮތުން ކޯޓު އަމުރެއް ހޯދުމަށްޓަކައި އެދި ހުށަހަޅާއިރު ފުލުހުން ކުރަންޖެހޭ ކަންކަމަށް ބަލާއިރު،އެ ތަނަކަށް ވަދެގެން މެނުވީޙާޞިލުކުރަން ބޭނުންވާ ކަންތައް ފުރިހަމަ ނުކުރެވޭނެކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްކަން ބަޔާންކޮށްދޭން ޖެހޭނެކަމަށް އެ މާއްދާގައި ސާފުކޮށް އޮވެއެވެ.

ބެނަރ ނެގުމަށް ބަލާއިރު،"ހޮޅިތަކެއްގައި އާންމު ބޮޑު މަގަކަށް ކުރިމަތިވާހެން އެލުވާފައިވާ  ބެނާ އެގެއަށް ނުވަނެއްކަމަކު، ނަގަން ބޭނުންނަމަ، ނަގައިގެން ގެންދެވިދާނެކަމަށް"ޤަބޫލު ކުރެވޭކަމަށް ފަނޑިޔާރުން ވިދާޅުވެއެވެ. ވީއިރު، ރައީސް ޔާމީނުގެ ގެކޮޅަކީ އާންމު ތަނެއްކަމަށް ބެލި ނަމަވެސް އަދި ފަރުޖެއްސޭކަށް ނެތެވެ.

ހޮޅިތަކެއްގައި ޢާންމު ބޮޑުމަގަކަށް ކުރިމަތިވާހެން އެލުވާފައިވާ އެބެނާ އެގެއަށް ނުވަނެއްކަމަކު، ނަގަން ބޭނުންނަމަ، ނަގައިގެން ގެންދެވިދާނެކަމަށް ޤަބޫލުކުރެވޭތީ، އެތަނަށް ވަދެގެން މެނުވީއޭ އެޤާނޫނުގައި އެއޮތް ޝަރުޠާ ތަޢާރުޟުވެއެވެ. އެގެއަށް ވަދެގެން އެ ބެނާ ނެއްޓުން ފަސޭހަވެފައި ޚަރަދު ކުޑަވެދާނެއެވެ. ނަމަވެސް ޤާނޫނު އޮތީ އެހެނެއް ނޫނެވެ.
ހައިކޯޓުގެ ޙުކުމް

ފަނޑިޔާރުން ވަނީ ބެނަރ އަކީ ހެއްކެއްކަމަށް ބުނާއިރު، އެ ހެއްކެއް ނެގުމަށް ރައީސް ޔާމީނަށް އެންގެވި އެންގެވުމަކީ ހެކި ނައްތާލުންކަމަށް ނުވާނެތޯ ފަނޑިޔާރުން ކުރެއްވި ސުވާލަށްވެސް އެކަށީގެންވާ ޖަވާބެއް ފުލުހުންގެ ފަރާތުންވެސް ޕްރޮސެކިއުޝަނުންވެސް ދީފައިނުވާކަން ފާހަގަކުރައްވާފައެވެ.

ކޯޓު އަމުރު ނެރުމަކީ ތައްގަނޑަށް އޮބާ އުޞޫލުން ކުރަން އޮންނަ ކަމެއްނޫން:

ދެން ފަނޑިޔާރުން ފާހަގަކުރެއްވި އަނެއް ނުކުތާއަކީ ކޯޓު އަމުރު ނެރުއްވުމުގައި ފަނޑިޔާރުގެ ނިންމެވުމަށް ވާސިލުވި ސަބަބު ދަށު ކޯޓުގެ އަމުރުން ސާފު ނުވާކަމެވެ. އެގޮތުން ކޯޓު އަމުރު ނެރުމަކީ ތައްގަނޑަށް އޮބާ އުޞޫލުން ކުރަން އޮންނަކަމެއް ނޫންކަން ފާހަގަކުރައްވައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވަނީ، ފަނޑިޔާރު ވަކިގޮތަކަށް ދެކޭކަމަށް ނުވަތަ ބެލެވޭކަމަށް ބަޔާންކުރުމަކުން އަދި އެ މިންވަރުން ނުފުދޭނެ ކަމަށެވެ.

ފަނޑިޔާރު ވަކިކަމަކާމެދު ވަކި ގޮތަކަށް ދެކޭނަމަ ނުވަތަ ފަނޑިޔާރަށް ވަކިގޮތަކަށް ބެލެވޭނަމަ އޭގެ ސަބަބު ބަޔާންކުރަން ޖެހޭނެކަމަށް ހައިކޯޓުގެ ބެންޗުން ދެކިލައްވައެވެ.

ކޯޓު އަމުރު ނެރުމުގައި ފަނޑިޔާރު އެ ނިންމުމަށް ވާސިލުވި ސަބަބެއް ނުވަތަ ގޮތެއް ނުވަތަ ހަމައެއް ބަޔާންކޮށްދީފައި ނެތަތީ އެ އަމުރު ބާޠިލުކުރަންޖެހޭ ކަމުގައި އަހުރެންދެކެމެވެ. އެއީ، ކަމެއް އެކަށީގެންވާ މިންވަރަކަށް ފަނޑިޔާރު ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެކަމެއްގެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުން ކަމުގައިވާއިރު، އަމުރު ނެރުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ޤާނޫނާއި އެއްގޮތަށް ފަނޑިޔާރު ކަށަވަރުކުރިކަން އެނގެން ނެތަތީއެވެ.
ހައިކޯޓުގެ ޙުކުމް

ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަންކަމަށް ބެލެވޭކަށް ނެތް:

ހައިކޯޓުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވި މި މައްސަލައިގެ ފުރަތަމަ މައުޟޫޢުއަކީ، ކުށުގެ ޢަމަލަކަށް ނުފެތޭ ޙާލަތެއްގައި ބަލައި ފާސްކުރުމުގެ އަމުރު ނެރެފައިވާކަމަށް ބުނާ މައުޟޫޢުއެވެ.

ދެވަނަ މައުޟޫޢުއަކީ، ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ބައެއް އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭ ގޮތަށް ބަލައި ފާސްކުރުމުގެ އަމުރު ނެރެފައިވާކަމަށް ބުނާ މައުޟޫއެވެ.

ދެވަނަ މައުޟޫއާ ގުޅިގެންވެސް ފަނޑިޔާރުން ގިނަ ވާހަކަތަކެއް ވަނީ ދައްކަވާފައެވެ.

އެހެންނަމަވެސް، އެއީ މި މަރުޙަލާގައި ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ނުކުތާއެއް ނޫންކަމުން، އެކަމާ ހައިކޯޓުން ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

މިބާވަތުން ހުށަހެޅޭ، 7 ދުވަހުން ނިންމަން ޤާނޫނު ލާޒިމުކުރާ އިޖުރާއަތާއި ގުޅޭ މައްސަލައެއްގެ އަރިމަތިން ހުށަހަޅާ ނުކުތާއެއްގެ ތެރެއިން ދުސްތޫރީ މައްސަލައެއް ކަމަށް ފާހަގަވާ މިނުކުތާ ބަލައި ފައިޞަލާއެއް ނުކުރެވޭނެއެވެ.
ހައިކޯޓުގެ ޙުކުމް
އިންޑިއާ އައުޓް ކެމްޕޭން - ރާއްޖެއެމްވީ

މި މައުޟޫއަށް ވަކި ގޮތެއް ނުނިންމި ކަމުގައިވީނަމަވެސް، ފަނޑިޔާރުން ވަނީ މި މައުޟޫއާ ގުޅިގެން މުހިއްމު ނުކުތާތަކެއް ފާހަގަކުރައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުން، ޤާނޫނުއަސާސީގައި ބަޔާންކުރާ ގިނަ ޙައްޤުތަކާއި މިނިވަންކަމަކީ، މުޅިން މުޠްލަޤަށް ދޫކޮށްފައިވާ ޙައްޤުތަކެއް ނޫން ކަމަށާއި، ޤާނޫނުއަސާސީގެ ތެރެއިންނާއި އަދި ޤާނޫނުތައް މެދުވެރިކޮށް އެޙައްޤުތަކާއި މިނިވަންކަމުގައި، އެކި މިނަށް އެކި ގޮތަށް ޙައްދުތަކާއި ހުދޫދުތައް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެންކަމަށްވުމާއެކު، ކްރިމިނަލް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ޙައްޤުތައް ނިގުޅައި ގަތުމުގެ ގޮތުން ކުރިކަމެއްކަމަށް ބުނެވޭނެ ހަމައެއް ނެތްކަން ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން ނިންމާނީ ކޯޓުތަކަކުން ނޫން:

ދެންވެސް ފަނޑިޔާރުން ވަނީ އެ ނުކުތާގައި މުހިއްމު ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން އާންމު މަޞްލަޙަތާއި އަމްނުޢާންމާއި، ޤައުމީ ސަލަމަތާއި ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތަކަކީ، ކޯޓުގެ އިޚްތިޞާޞުން ބޭރުގައިވާ، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރުގެ މަސައްކަތެއްކަން ކޯޓުންވެސް ފާހަގަކުރެއެވެ.

ވުމާއެކު، ކޯޓުން އެ ބާރުތަކުގެ އިޙްތިޞާޞް ތެރެއަށް ނުވަންނާނެކަން ވަރަށް ސާފުކޮށް ޙުކުމުގައި އޮތީ ބަޔާންކޮށްފައެވެ.

އިންޑިއާ ސިފައިން ތިބުން-ނެތުން: ކޯޓުގެ ކުރިމަތީގައި އެ ވާހަކަތައް ހަމަހަމަ!

ދެން އޮތީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމުގެ މައްޗަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ދައްކަވާ ވާހަކައަށް ހައިކޯޓުގެ ބެންޗުން ދެކިލައްވާ ގޮތެވެ.

ފަނޑިޔާރުން ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ޤާއިމުވެ ތިބުމޭ ކިޔައިގެން އެ ދައްކާ ވާހަކައަކީ، ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ހިންގާ ޖާއިޒު އެންޓި-ބޭސް ޕްރޮޓެސްޓަކަށްވެސް ވެދާނެއެވެ.

ނޫނީ އެއީ ޚިޔާލެއްގެ މައްޗަށް ބިނާކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ގޮތުން ހިންގާ ނާޖާއިޒު ޙަރަކާތަކަށްވެސް ވެދާނެ ކަމަށެވެ.

މިދެގޮތްވެސް ކޯޓުގެ ކުރިމަތީގައި އޮތީ އެއް ހަމައެއްގައިކަމަށް ފަނޑިޔާރުން ވިދާޅުވެއެވެ. އެ ދެގޮތުން ކުރެ ވަކިގޮތެއް ކޯޓަކަށް ޚިޔާރެއް ނުކުރެވޭނެކަންވެސް ބަޔާން ކުރެއްވިއެވެ.

ވީއިރު، ހައިކޯޓުގެ ޙުކުމް ވަރަށް ސާފެވެ. ކްރިމިނަލް ކޯޓުގެ އަމުރު ގޯސްވީ އަމުރަށް ވާސިލުވި ސަބަބުތައް ފެންނަން ނެތުމުންނެވެ. އަމުރު ނެރުމަށް ޙަވާލާދެއްވި 615 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން މި މައްސަލައިގެ އަމަލުން ފުރިހަމަ ނުވުމުންނެވެ. އެއްވެސް ޙާލަތެއްގައި އެ އަމުރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރަހެއްކަމަށް ބަޔާންކޮށެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޖަލު ބަންދުގައި ތިބޭ މީހުން ޝަރުތުތަކާއެކު ގޭބަންދުކުރުމަށް ކުރާ އަމުރާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ އިދާރާތަކުން ކަށަވަރުކުރެވޭނެ ހަރުދަނާ އުޞޫލެއް ނެތް: ހައިކޯޓު