ކ. މާލެ
|
30 މެއި 2022 | ހޯމަ 08:10
ސާޑިއޯ މާނޭ
ސާޑިއޯ މާނޭ
ޓްވިޓަރ
މާނޭ ލިވަޕޫލް ދޫކޮށްލަން ނިންމުން
މާނޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި
ލިވަޕޫލް ދޫކޮށްލަން ނިންމީ އައު ތަޖުރިބާއެއް ކުރަން ބޭނުންވާތީ

ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ އިތުބާރު ފޯވާޑް ސާޑިއޯ މާނޭ އެ ކުލަބް ދޫކޮށްލަން ނިންމައިފިއެވެ.

ލިވަޕޫލާއެކު މާނޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެކަމާ ގުޅިގެން މާނޭ ކުރިން ބުނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ނިންމާ ނިންމުމެއް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހު ހާމަކުރާނެކަމަށެވެ. މިއަހަރުގެ ފައިނަލްގައި ލިވަޕޫލް ވަނީ ރެއާލް މެޑްރިޑް އަތުން 0-1 ން ބަލިވެފައެވެ.

އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި މާނޭ ވަނީ ލިވަޕޫލް ދޫކޮށްލަން ނިންމައިފައެވެ. އަދި ލިވަޕޫލާއެކު ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު، އޭނާ ހުރީ އައު ތަޖުރިބާއެއް ކުރަން ބޭންވެފައި ކަމަށެވެ. މިކަން މާނޭ ލިވަޕޫލަށް ވެސް އަންގާނެ ކަމަށް ރޮމާނޯ ވަނީ ބުނެފައެވެ. ލިވަޕޫލް ދޫކޮށްލަން މާނޭ ނިންމާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ޖަރުމަނުގެ ބަޔާން މިއުނިކުން ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މާނޭ ލިވަޕޫލަށް ބަދަލުވީ ސައުތެމްޓަންގައި ހުރުމަށްފަހު 2016 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ އޭގެ ފަހުން އެ ޓީމަށް 269 މެޗު ކުޅެދީ 120 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު ޔޫރަޕުގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު އެއް ފަހަރު، އެފްއޭ ކަޕް އެއް ފަހަރު، ކަރަބޯ ކަޕް އެއް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

- ކޮމެންޓް