ކ. މާލެ
|
30 މެއި 2022 | ހޯމަ 07:00
އަންހެނުންގެ ކޮމިޓީއެއްގެ ރައީސް ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރައްވަނީ
އަންހެނުންގެ ކޮމިޓީއެއްގެ ރައީސް ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރައްވަނީ
ރައީސް އޮފީސް
އަންހެނުންގެ ކޮމިޓީތަކުގައި ހުރި ކަންބޮޑުވުން
ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެއްބާރުލުން ނުދޭތީ ކަންބޮޑުވުން
 
ކައުންސިލްތަކުން ތިބެނީ ކޮމިޓީ މެމްބަރުން އެއް ފަރާތްކޮށްފައި ކަމުގެ ޝަކުވާ
 
ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ މަސައްކަތް ނުކުރެވޭ ކަމަށް އަންހެނުންގެ ކޮމިޓީތަކުން ފާހަގަ ކުރި
 
ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަން ފާހަގަ ކުރެވޭ ކަމަށް ރައީސް ވެސް ވިދާޅުވި

ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށުގައި ކައުންސިލްތަކަށް ބާރުތައް ދޫކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރިކުރުވަން ގިނަ މަސައްކަތްކެއް ކުރެއެވެ. ނަމަވެސް އެ ކޮމިޓީތަކަކީ ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާ ކޮމިޓީތަކަށްވާއިރު ބައެއް ކައުންސިލްތަކުން އަދިވެސް އެ އެއްބާރުލުން ނުދޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

އއ. އުކުޅަހުގައި ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭ ކަމެވެ. އެ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ އެކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނެސް ބާރުތައް ދިނީ ރަށުގެ ތަރައްޤީއާއި އިޖުތިމާއީ ދުޅަހެޔޮކަން ކުރިއެރުވުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ބައިވެރިކުރުވުމުގެ މަޤުސަދުގައި ކަމަށެވެ. ނަމަވެސް އެކަން ކައުންސިލްތަކުން ބަލައި ނުގަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސް ވެސް ވިދާޅުވިއެވެ.

ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ދިއްފުށީ އަންހެނުންގެ ކޮމިޓީގެ ރައީސް އައިމިނަތު ހުދާ ވިދާޅުވި ގޮތުގައި ކޮންފަރެންސްގައި މެމްބަރުންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުން ބައެއް ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތައް ނަގާ އެއް ފަރާތް ކޮށްލާފައިވާ ކަމަށެވެ. މިއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި ކައުންސިލްތަކުން އެއަށްވުރެ ރަނގަޅަށް ކޮމިޓީތަކާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ކޮމިޓީތަކަކީ ޕާޓްޓައިމް މަޤާމަކަށްވުމާ ގުޅިގެން ގިނަ ރަށްރަށުގައި އެ ފަރާތްތަކަށް ޚާއްސަ އިމާރާތެއް ނުހުރެއެވެ. މިފަދަ ރަށްރަށުގައި އަންހެނުންގެ ކޮމިޓީތަކުގެ ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަން ކައުންސިލްތަކުން ޖާގަ ދިނުމަށް ސަރުކާރުން ބާރުއަޅައެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން އެ ޖާގަ ވެސް ނުދޭ ކަމަށް އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ކައުންސިލްތަކުން އެއްބާރުލުން ނުލިބޭ އަންހެނުންގެ ކޮމިޓީތަކުގެ ތެރޭގައި ވެރިރަށް މާލެ ވެސް ހިމެނެއެވެ. އެގޮތުން، މާލެ ސިޓީގެ އަންހެނުންގެ ކޮމިޓީގެ ރައީސް މަރިޔަމް ޝިމާޒާ ވިދާޅުވީ ސިޓީ ކައުންސިލްގެ އެއްބާރުލުން އެ ކޮމިޓީއަށް ނުލިބޭ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވުޒާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މަސައްކަތް ކުރުމުގައި ދަތިތަކާ ވެސް ކުރިމަތިވެއެވެ. ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީ އެކުގައި މަސައްކަތް ކުރަން ޖެހޭއިރު މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެ އެއްބާރުލުން ނުލިބުމަކީ ހިތާމަ ކުރާ ކަމެއް ކަމަށާއި ކޮންފަރެންސްގައި ބައިވެރިވެ ދެ ބޭފުޅުން އެކުގައި މަޝްވަރާ ކުރުމަށް އޮތް ފުރުސަތު ވެސް ސިޓީ ކައުންސިލުން ނުނެގުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުގެ އިތުރުންވެސް ގިނަ ކަންކަން އަންހެނުންގެ ކޮމިޓީތަކުގެ ރައީސުން ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ފާހަގަ ކުރެއްވިއެވެ. މީގެ ތެރޭގައި މުސާރަ ކުޑަވުމާއި ބަޖެޓް ކުޑަވުން ހިމެނެއެވެ. މި ކަންކަމަށް ހައްލު ހޯދުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން ކައުންސިލްތަކުގައި އަންހެނުންގެ ކޮމިޓީތަކަށް ދަތިވާ ގޮތަށް ހުރި ކަންކަން ބަދަލު ކުރުމަށް ރައީސް ވަނީ ހުރިހާ ކައުންސިލްތަކުގައި އެދިވަޑައިގަންނަވައިފައެވެ.

ބައެއް ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް އެއްބާރުލުން ނުދިން ނަމަވެސް ކޮންފަރެންސް ތެރޭގައި ގުޅިގެން މަސައްކަތް ކުރާ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީ މެމްބަރުން ވެސް ފެނިގެންދިޔައެވެ. އެ ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަކީ ރަށުގެ ތަރައްޤީއާއި އިޖުތިމާއީ ދުޅަހެޔޮކަން ކުރިއެރުވުމަށް މުހިންމު ކަމެއް ކަން މިގޮތަށް ގުޅިގެން މަސައްކަތް ކުރާ ކައުންސިލަރުން ވެސް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް