ލަންކާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ 21 ވަނަ އިސްލާހު އިތުރަށް ދިރާސާކުރުމަށް ސަމަޖީ ޖަނަ ބަލަވެގަޔާ (އެސްޖޭބީ) އިން ގޮވާލައިފިއެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން އެސްޖޭބީ އިން ވަނީ ރައީސްއަށް މިހާރު ދީފައިވާ ގިނަ ބާރުތައް ހަނި ކުރުމަށް މިއިސްލާހު އިތުރަށް ދިރާސާކުރުން މުހިންމުކަމަށް ބުނެފައެވެ.
އެސްޖޭބީ ގެ ޖެނެރަލް ސެކްރެޓަރީ ރަންޖިތު މަޑުއްމާ ބަންޑާރަ ވަނީ އެ ޕާޓިން މި އިސްލާހު އިތުރަށް ދިރާސާކޮށް ބަދަލުތައް ގެނައުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އަށް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި އިސްލާހުގައި މިނިސްޓީރިއަލް މަގާމުތަކަށް ރައީސަށް ބާރުފޯރުވޭ ވަރު ކުޑަކުރުމަށް ހިމެނުމަށާއި އައު ރައީސަކު ހޮވުމުގެ ބާރު މަޖިލީހަށް ދިނުމަށް ހިމެނުމަށް ބޮޑުވަޒީރަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހަށް އައްޔަނު ވުމަށްފަހު ތާއިދުކުރާ ކޮޅު ބަދަލުކުރާ މެމްބަރުންނާ މެދު އަމަލުކުރާނެ ގޮތުގެ ބައެއް ކަންކަންވެސް އިސްލާހުގައި ހިމެނުމަށް އެޕާޓީން ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތާއިދުކުރާ ކޮޅު ބަދަލުކޮށް މަގާމުތަކަށް އައްޔަނު ނުކުރެވޭނެ ގޮތަށް ހެދުމަށް ހުށަހާޅަފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެސްޖޭބީގެ ޖެނެރަލް ސެކްރެޓަރީ އިތުރަށް ވިދާޅުވީ މެމްބަރަކު ކޮޅު ބަދަލު ކުރުމުން އެކަން ހުއްޓުވުމަށް އަމުރު ނެރެވޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ހެދުމަށްވެސް ހުށަހަޅާފައިވާނެކަމަށެވެ.
ގާނޫނު އަސާސީގެ 21 ވަނަ އިސްލާހު މަޖިލީހުން ފާސްކުރުމުން އެ އިސްލާހާމެދު ގޮތް ނިންމުމަށް ރިފަރެންޑަމް އަކަށް ދިއުމަށްވެސް އެޕާޓީން ވަނީ ބޮޑުވަޒީރަށް ހުށަހަޅާފައެވެ.