ކ. މާލެ
|
29 މެއި 2022 | އާދީއްތަ 13:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު
ރައީސް އޮފީސް
"ވިއަވަތި ރާއްޖެ" ކޮންފަރެންސް
އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް ބޮޑުކުރުމަށް މަސައްކަތް ކުރާނަން: ރައީސް
 
އަންހެނުންގެ ކޮމިޓީތަކުން ވަނީ ގިނަ ޝަކުވާތަކެއް ހުށަހަޅާފައި
 
އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް ބޮޑު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
 
ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓް ބޮޑުކުރަން މަޝްވަރާތައް ކުރައްވާނެ ކަމަށް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބަޖެޓް ބޮޑުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އުކުޅަހުގައި ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިންމަވާލެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މިފަދައިން ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބަޖެޓު ކުޑަވުމުގެ ސަބަބުން މަސައްކަތް ކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް އެ ކޮމިޓީތަކުގެ ރައީސުން ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ. އެގޮތުން، ކައުންސިލް ބަޖެޓުން ދޭ 5 އިންސައްތަ ކޮމިޓީއަށް ދޭއިރު އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި ކޮމިޓީގެ މެމްބަރުންގެ އުޖޫރަތައް ދިނުމަށްފަހު އެހެނިހެން މަަސައްކަތްތަކަށް ފައިސާ ނުހުންނަ ކަމުގައި އެ ކޮމިޓީތަކުގެ ރައީސުން ފާހަގަކުރެއްވިއެވެ.

މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ވިއަވަތި ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކަށް މާލީ ދަތިކަން ހުރި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް މާލީ ގޮތުން ބާރުވެރިކުރުވަން ބަޖެޓު ބޮޑުކުރާއިރު، މުޅި ދައުލަތަށް ވިސްނަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާލީ ބާރުވެރިކަން މިހާރަށް ވުރެ ބޮޑު ބަޖެޓެއް ލިބުމުގައި މުޅި ދައުލަތުގެ އާމްދަނީއަށް އެބަ ވިސްނަން ޖެހޭ. އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުގައި މިއަށް ހެދޭނެ ގޮތެއް ބަލާނަން. އަދި ހަމައެއާއެކީގައި ޑަބްލިއުޑީސީއަށް މި ދޫކުރާ ބަޖެޓް މިހާރަށްވުރެ ރަނގަޅަށް ބޮޑުކޮށް، ހަރަކާތްތެރި ކުރުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދެއްކެވި ގިން މެމްބަރުން ރައީސްއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ބަޖެޓް ބޮޑު ކޮށްދިނުމާއި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ ވަކި އިންސައްތައެއް އެ ކޮމިޓީތަކަށް ޚާއްސަ ކުރުން ހިމެނެއެވެ. މިހާރު ކަނޑައަޅައިފައި އޮންނަ ގޮތުން ކައުންސިލްތަކުގެ ބަޖެޓުން އަންހެނުންގެ ކޮމިޓީތަކަށް މަދުވެގެން ދޭން ޖެހޭނީ 5 އިންސައްތައެވެ. ނަމަވެސް އެއަށްވުރެ ބޮޑުކޮށް ބަޖެޓް ދިނުމަށް ސަރުކާރުން ވަނީ ބާރު އަޅައިފައެވެ.

އަންހެނުންގެ ކޮމިޓީތަކުން އިތުރަށް ފާހަގަ ކުރިކަމުގެ ތެރޭގައި އުޖޫރައިގެ މައްސަލަތަކާއި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުން ހިމެނެއެވެ. އަދި އަންހެނުންގެ ކޮމިޓީގެ މެމްބަރުކަމަކީ ޕާޓް ޓައިމް މަސައްކަތެއްކަން ފާހަގަކޮށް އެކަމާ ގުޅޭ ގޮތުންވެސް ކޮމިޓީތަކުގެ ރައީސުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ކުރިއަރުވަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި