ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 08:46
ތައުލީމީ ދާއިރާގެ މުސާރައަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ތައުލީމީ ދާއިރާގެ މުސާރައަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީސް
ނޫސްވެރިކަން
ނޫސްވެރިކަމުގެ ދާއިރާގެ ދަތިތައް
 
ކޮންމެ މީހަކަށްވެސް ނުވަތަ މީޑިއާއަކަށްވެސް، ޚިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނަނީ ވަރަށް ބޮޑަށް ހުޅުވާލާފައި

މިނިވަން ނޫސްވެރިކަމަށް ފުރުސަތުދީ, ޚިޔާލު ފާޅުކޮށް ކަންކަމުގައި ސުވާލު ކުރުމަށް ފުރުސަތު ފަހިކޮށްދޭން ޖެހޭކަމަށް އަބަދުވެސް ވާހަކަތައް ދެކެވެއެވެ. އަދި ކޮންމެ ސަރުކާރެއް އަޔަސް، ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްނޭޅުމަށް ވެސް ވާހަކަތައް ދެކެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެންނެވިފަހުން ނޫސްވެރިކަމުގެ މިނިވަންކަމަށް މިވަނީ ޖާގަ ދެއްވާފައެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ކޮންމެ މީހަކަށް ވެސް ނުވަތަ މީޑިއާއަކަށް ވެސް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު މިއޮންނަނީ ވަރަށް ބޮޑަށް ހުޅުވާލާފައެވެ. ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ ބަޔަކަށް ވިޔަސް މިއަދު އެ ފުރުސަތު އެބައޮތެވެ.

"ރިޕޯޓަރސް ވިތައުޓް ބޯޑަރސް" ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި ރާއްޖެ އޮތީ 87 ވަނައިގައެވެ. މިއީ މިދިޔަ އަހަރަށްވުރެ 15 ދަރަޖަ ފަހަތަށް ވެއްޓުނު ފަހަރެވެ. މިދިޔަ އަހަރު އެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގައެވެ. އެހެންކަމުން މިއީ 15 ދަރަޖައިގެ ވެއްޓުމެކެވެ. މިއީ ފާއިތުވި ހަތަރު އަހަރު ދުވަހަށް ބަލާނަމަ މި އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގައެވެ. 2019 ވަނަ އަހަރު 98 ވަނައިގައި އޮތްއިރު 2020 ވަނަ އަހަރު އޮތީ 79 ވަނައިގައެވެ.

އަނެއްކޮޅުން މިއީ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ބައިނަލްއަގުވާމީ މިންގަނޑުގައި ރާއްޖެ މި ވެރިކަމުގައި މިހާ ބޮޑަށް ފަހަތަށްޖެހުނު ފުރަތަމަ ފަހަރުވެސްމެއެވެ. މިސަރުކާރު އައީ ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލަމުންނެވެ. އަދި ތަކުރާރުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ދީފައިވާކަމަށް ސަރުކާރުގެ އެކި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިންޑެކްސްގައި ލިޔެފައިވާ ގޮތުން ރާއްޖެ ފަހަތަށް ވެއްޓުނީ ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެގޮތަށް، ހެތްކާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުގައި ހުށަހަޅާފައި ވާތީއެވެ. އެއީ ނޫސްވެރިން ލިޔާ ޚަބަރުތައް ނުވަތަ ރިޕޯޓުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭގޮތަށް އެ ބިލުގައި ހުށަހަޅާފައިވާތީ ކަމަށް އިންޑެކްސްގައި ބުނެފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ޖާގަ ހުޅުވާލާފައިވާއިރު، ނޫސްވެރިންނަށް ރަނގަޅު ތަމްރީނުތަކުގެ ފުރުސަތުތައް ވެސް އެބަ ފަހިކޮށްދޭން ޖެހެއެވެ. މިހާރު މިދާއިރާއަށް ބަލާއިރު، އެއީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެވިގެންދާ ކަންތައްވެސްމެއެވެ. މިދާއިރާއަށް މިހާރު ނުކުންނަ ޒުވާނުންގެ އަދަދު މިވަނީ މަދުވެފައެވެ. ތަމްރީނުގެ ފުރުސަތުތަކާއެކު ނޫސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނުކުތުމަށް ހިތްވަރުދީ، މިދާއިރާއިންވެސް ގާބިލް ބަޔަކު ބިނާކުރުމަކީ މުހިންމުކަމެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ހުޅުވާލިޔަސް، މިދާއިރާ ކުރިއަރާނީ ގާބިލް ނޫސްވެރިން މި ގައުމުގައި ބިނާކުރެވިގެންނެވެ. އެހެންކަމުން އެހެން ދާއިރާތަކެކޭ އެއްފަދައިން މިދާއިރާއަށް ވެސް ތަމްރީނުގެ ފުރުސަތުތައް އިންތިހާއަށް މުހިންމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް