ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 08:19
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް
ޓްވިޓަރ
ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް
ކުޅޭނީ ޔުކްރެއިންގެ ރައްޔިތުންނަށްޓަކައި: ކްލޮޕް
 
ރަޝިޔާގައި ނުކުޅޭކަމަކީ ދެވޭ ރަނގަޅު މެސެޖެއް
 
ހަނގުރާމަ ދަނީ އަދިވެސް ކުރިއަށް، އެއީ ވިސްނަން ޖެހޭ ކަމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭނީ ޔުކްރެެއިންގެ ރައްޔިތުންނަށްޓަކައި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ލިވަޕޫލް ނިކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

މި އަހަރުގެ ފައިނަލް ބާއްވަން ކުރިން ހަމަޖެހިފައި އޮތީ ރަޝިޔާގައެވެ. ނަމަވެސް، ރަޝިޔާއިން ޔުކްރެއިނަށް ދެމުން ދިޔަ ހަމަލާތަކުގެ ސަބަބުން ފައިނަލް ރަޝިޔާގައި ނުކުޅުމަށް ޔުއެފާ އިން ނިންމިއެވެ. އަދި ރަޝިޔާ ވަނީ ފުޓުބޯޅައިން ސަސްޕެންޑު ވެސް ކޮށްފައެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ކްލޮޕް ވަނީ ޔުކްރެއިންގެ ރައްޔިތުންނަށް ހަމްދަރުދީގެ މެސެޖެެއް ވެސް ފޮނުވާފައެވެ. ކްލޮޕް ބުނީ ޕެރިސްގައި ފައިނަލް ކުޅޭތީ އޭނާ އުފާވާ އެތައް ސަބަބުތަކެއް ހުރި ކަމަށެވެ. އަދި މިހާރު ވެސް ހަނގުރާމަ ކުރިއަށްދާ ކަމަށާއި، އެއީ އެންމެން ވެސް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، ފައިނަލް އެބަ ކުޅެވޭ ކަމާއި، ރަޝިޔާގައި ނުކުޅޭކަމަކީ ދެވޭ ރަނގަޅު މެސެޖެއް ކަމަަށް ވެސް ކްލޮޕް ބުންޏެވެ. އަދި އޭނާ ބުނީ ލިވަޕޫލުން މި މެޗު ކުޅޭނީ ޔުކްރެއިންގެ ރައްޔިތުންނަށްޓަކައި ކަމަށެވެ.

މިރޭގެ ފައިނަލަކީ ކްލޮޕް އޭނާގެ ކޯޗިން ކެރިއަރުގައި ނިކުންނަ ޗެމްޕިއަންސް ލީގުގެ ހަތަރު ވަނަ ފައިނަލެވެ. އަދި އޭނާ ހުރީ މިރޭގެ މެޗުން މޮޅުވެ ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލުމުގެ އުންމީދުގައެވެ.

އިތުރަށް ވާހަކަ ދައްކަމުން ކްލޮޕް ބުނީ ލިވަޕޫލް މޮޅުވެއްޖެ ނަމަ އޭނާއަށް ވާނެ ގޮތް ބުނެދޭން ވެސް ނޭނގޭކަމަށެވެ. އަދި ލިވަޕޫލް އޮތީ ރަނގަޅު މެޗަކަށް ތައްޔާރުވެ ރަނގަޅު ފައިޓެއް ދިނުމަށް ކަމަށެވެ. އަދި ކްލޮޕް ބުނީ ރެއާލަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމުކަމަށެވެ. އަދި ރެއާލްގެ ކޯޗުން އެ ތަށި ހަތަރު ފަހަރު ހޯދިކަމަށާއި، އެއް ރެޔަކުން އެ ތަޖުރިބާއެއް ނުލިބޭނެ ކަމަށެވެ. މީގެ އިތުރުން ކްލޮޕް ބުނީ ލިވަޕޫލަކީ ވެސް ތަޖުރިބާ ހުރި ޓީމެއް ކަމަށާއި، މިއީ ފަސް އަހަރުގެ ތެރޭގައި ކުޅޭ ތިން ވަނަ ފައިނަލް ކަމަށެވެ. އެހެންކަމުން މިއީ ޚާއްސަ ކަމަކަށް ވާނެ ކަމަށެވެ.

ލިވަޕޫލާއި ރެއާލް ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
50%
0%
0%
ކޮމެންޓް