އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެު ނިންމާލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ފެށި މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރުއެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި މުބާރާތުގައި 47 ސްކޫލަކުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ ތެރޭގެ 25 ސްކޫލަކާއި މާލޭގެ 22 ސްކޫލެކެވެ. މުބާރާތުގައި ޖުމުލަ 102 އިވެންޓު ކުރިއަށް ދިޔައެވެ. އަދި 1800 އަށްވުރެ ގިނަ އެތުލީޓުން ވެސް ބައިވެރިވިއެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން 3 ވަނަ ޓީމަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. އަދި 13 އަހަރުން ދަށުގެ އަންހެން 3 ވަނަ ޓީމަކަށް ހޮވުނީ މުހައްމަދު ޖަމާލުއްދީން ސްކޫލެވެ. މި އުމުރުފުރާގެ ފިރިހެން ދެ ވަނަ ޓީމަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. އަދި އަންހެން ދެ ވަނަ ޓީމަކަށް ހޮވުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލެެވެ. މި އުމުރުފުރާގެ ފިރިހެން އެއް ވަަނަ ސްކޫލަކަށް ހޮވުނީ މުހައްމަދު ޖަމާލުއްދީން ސްކޫލެެވެ. އަދި އަންހެން އެއް ވަނަ ޓީމަކަށް ހޮވުނީ އަފީފުއްދީން ސްކޫލެވެ.
15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ އިސްކަންދަރު ސްކޫލްއެވެ. އަދި އަންހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލެެވެ. 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި އަންހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލެެވެ. 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޮވުނުއިރު، އަންހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.
15 އަހަރުންދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ ޔޫސުފް އަޔާން އާމިރުއެވެ. އަދި އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާޠިމަތު މާއިން ފަރީދުއެވެ.
17 އަހަރުންދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު އިބްރާހީމް ނާހިލް ނިޒާރްއެވެ. އަދި އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލްގެ ހައްވާ މިޒްނާ ފާއިޒްއެވެ.
19 އަހަރުންދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޢިމާދުއްދީން ސްކޫލްގެ އަޙްމަދު ވިޝާމްއެވެ. އަދި އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީދާންދޫ ސްކޫލްގެ އާމިނަތު ލަޔާނާ މުޙައްމަދުއެވެ.
މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދްއެވެ. އަދި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވާތީ އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އެކަމަނާއަށް ޚާއްސަ މެޑެލްއެއް އަރުވާފައެވެ.