ކ. މާލެ
|
27 މެއި 2022 | ހުކުރު 13:17
ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ މަސައްކަތް މިނިސްޓަރު ޝައުނާ ބައްލަވައިލެއްވުން
ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ މަސައްކަތް މިނިސްޓަރު ޝައުނާ ބައްލަވައިލެއްވުން
އެންވަރަންމަންޓް މިނިސްޓްރީ
ކުނި މެނޭޖްކުރުން
ސަރުކާރުން މިސްރާބު ޖަހާފައިވަނީ ކުނިން ހަކަތަ އުފެއްދުމާ ދިމާލަށް
 
ކުރިއަށްއޮތްތަނުގައި ކުނީގެ މައްސަލައަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ
 
ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް ކުނި ވަކިކޮށް، ޕެކްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދޭ
 
ތިލަފުށީ ކުނި ފަރުބަދައިން ދުން އެރުން ވަނީ ހުއްޓިފައި

ރައްކާތެރި ގޮތުގައި ކުނި މެނޭޖު ނުކުރެވުމުގެ މައްސަލައަކީ މިއަދު ހުރިހާ ގައުމަކަށްހެން ދިމާވެފައިވާ މައްސަލައެކެވެ. މިއީ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ޒަމާންތަކެއްވީ މައްސަލައެކެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައިހެން ކުނި ފަރުބަދައެއް ހުރެއެވެ. އެތަނަށް ކުނި ޖަމާކޮށް އަންދަމުންދެއެވެ. މާލެ ސަރަހައްދަށް ބަލާއިރު މާލެ ސަރަހައްދުން އުފައްދަމުންދިޔަ ކުނިތައް ޖަމާކުރަމުންދަނީ ތިލަފުއްޓަށެވެ. ދާދި ފަހަކާ ޖެހެންދެން ތިލަފުށީގައިވެސް މިފަދަ ފަރުބަދަތައް ހުއްޓެވެ. ހަމަގައިމުވެސް މިއީ ކުނި މެނޭޖްކުރެވުންކަމަކަށް ނުކިޔާނެއެވެ.

މިކަން މިގޮތަށް ކުރަމުން އަންނަތާ އެތައް ޒަމާވެއްވީއެވެ. އެތައް ވެރިކަމަށް ބަދަލުވެގެންދިޔައިރުވެސް މި ފަރުބަދަތައް ހަމަ ހުރީއެވެ. އައިހާވެސް ބަދަލަކީ އިތުރަށް އެ ކުނި ފަރުބަދަތައް ބޮޑުވުމެވެ. މި ހާލަތުގައި ރާއްޖޭގެ ހުރިހާ ރަށެއްހެން އޮއްވައި މި ސަރުކާރުން ވެރިކަމަށް އައީއެވެ. ރައްކާތެރިގޮތެއްގައި ކުނި މެނޭޖްކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ. މި މައްސަލަ މިހާތަނަށް ދެމިގެން އައިއިރުވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާތީ މިއީ ކުރެވޭނެ ކަމެއް ކަމުގައި ގަބޫލުކުރަން ގިނަ ރައްޔިތުން ބޭނުމެއް ނުވިއެވެ.

މިއަދާ ހަމައަށް އައިއިރު ކޮންމެ ކަމަކަށްވެސް ހައްލެއް ލިބިދާނެކަން ގަބޫލުކުރަން ރައްޔިތުން ބޭނުންވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މާލެ ކައިރިން ގެންދާހާ ކުނި ޖަމާކުރަމުންދިޔަ ތިލަފުއްޓަކީ އަބަދުވެސް ދުން އަރައި އަރައި އޮންނަ ތަނެކެވެ. އެތަނުން ދުން އެރުން ހުއްޓުވުން ވެގެންދިޔައީ މިކަމުގައި ސަރުކާރުން މަސައްކަތްތަކެއް ކުރާކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން ދިޔަ ކަމަކަށެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ހުރި ކުނި ފަރުބަދަތައް ސާފުކޮށް ރަށްރަށުގައި ކުނި ކޮށި ގާއިމްކުރެވިގެންދިއުމަކީ ރައްޔިތުންނަށް އުންމީދެއް ލިބުނު ކަމަކަށެވެ.

ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ މަސައްކަތް މިނިސްޓަރ ޝައުނާ ބައްލަވައިލެއްވުން - އެންވަރަންމަންޓް މިނިސްޓްރީ

އެއަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެންދިޔައީ ތިލަފުށި ކުނި ފަރުބަދަތައް ކުޑަވާން ފެށި މަންޒަރެވެ. ސަރުކާރުން ފެށި މަސައްކަތަކީ އެކި ވައްތަރުގެ ކުނި ވަކިކޮށްގެން މެޝިނެއްގެ އެހީގައި ކުނިތައް އެއްކޮށް ފިއްތާލުމަށްފަހު ކުނިތައް ޕެކްކޮށްލުން ނުވަތަ ބެއިލްކޮށްލުމުގެ މަސައްކަތެވެ. އެކި ވައްތަރުގެ ކުނި ވަކިކުރުމަށްފަހު ޕެކްކޮށްފައި ބެހެއްޓުމުގެ މަސައްކަތަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވައްސަށް ތައްޔާރުވުމަށް، ފުރަތަމަ ފިޔަވަހީގެ ތެރެއިން ކުރެވިގެންދާ މަސައްކަތެވެ.

މީގެ ދެވަނަ ފިޔަވަހީގެ ތެރެއިން ކުރެވިގެންދާނެ މަސައްކަތަކީ ކުނިން ހަކަތަ އުފެއްދުމަށް ވޭސްޓް އެނަރޖީ ޕްލާންޓް ގާއިމުކުރުމެވެ. އެކި ސަރަހައްދުތަކުގައި ވޭސްޓް އެނަރޖީ ޕްލާންޓް ގާއިމްކޮށް ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ފަށަން ނިންމާފައިވާ މި މަޝްރޫއަކީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. މި މަސައްކަތުގެ ސަބަބުން ހަމައެކަނި މާލެ ސަރަހައްދުން އުފައްދާ ކުނިންވެސް 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ.

މިއީ ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ މައްސަލަ ހައްލުވާނެ ކަމެކެވެ. އަދި މި މަސައްކަތް 2023 ގެ ކުރިން ފެށުމަށް އަމާޒުހިފާފައިވާއިރު މިއީ ކުނި މެނޭޖްކުރުމުގައި މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލަ ހައްލުވުމުގެ ފެށުމަށް ވެގެންދާނެއެވެ. މި ސަރުކާރުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށްދޭނެކަމަށް ވިދާޅުވެ ދެއްކެވީ ތޯތޯވާހަކަތަކެއް ނޫންކަން މިހާތަނަށް ކުރެވިފައިމިވާ މަސައްކަތްތަކުންވެސް ރައްޔިތުންނަށް ހާމަވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް