ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 08:49
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް
ގެޓީ އިމޭޖަސް
ޞަލާޙުގެ ކުރިމަގު
ޞަލާޙު ބޭނުންވަނީ ލިވަޕޫލްގައި މަޑުކުރަން
މިއީ ކޮންޓްރެކްޓުގެ ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން
ޔަގީނުން ވެސް އަންނަ ސީޒަނުގައި ހުންނާނީ ލިވަޕޫލްގައި

ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ މުޙައްމަދު ޞަލާހު އެޓީމުގައި މަޑު ކުރަން ބޭނުންވާ ކަމަށް ބުނެފިއެވެ.

މި ސީޒަނުގެ ނިޔަލަށް އޭނާ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ. ޞަލާޙު އަންނަނީ ލިވަޕޫލާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ރަން ބޫޓު ހޯދާފައެވެ.

ލަވަޕޫލްގައި މަޑު ކުރުމާ ގުޅޭ ގޮތުން ޞަލާޙު ބުނީ ޔަގީނުން ވެސް އަންނަ ސީޒަނުގައި ހުންނާނީ ލިވަޕޫލުގައި ކަމަށެވެ. އެއީ ވަރަށް ސާފު ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނީ މިވަގުތު އޭނާގެ ވިސްނުމުގައި ކޮންޓްރެކްޓުގެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ޞަލާޙު އެ ބުނަނީ ކުރިއަށް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކަމަށް ވުމުން، ހުރިހާ ފޯކަސްއެއް ފައިނަލަށް ހުރި ވާހަކައެވެ.

އިތުރަށް ވާހަކަ ދައްކަމުން ޞަލާޙު ބުނީ އޭނާ އަމިއްލަ އެދުން ބޮޑުވާން ބޭނުން ނުވާ ކަމަށެވެ. އަދި މިއީ އޭނާގެ ކޮންޓްރެކްޓާ ބެހޭ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ޞަލާޙު ވަނީ ބުނެފައެވެ.

އުމުރުން 29 އަހަރުގެ ޞަލާޙު ލިވަޕޫލަށް ބަދަލުވީ ރޯމާގައި ހުރުމަށްފަހު، 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ކުޅެދިން 253 މެޗުގައި 156 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ޞަލާޙު ވަނީ ލިވަޕޫލާއެކު ޕްރިމިއަރ ލީގާއި، އެފްއޭ ކަޕާއި، އީއެފްއެލް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއް ފަހަރު ހޯދާފައެވެ.

- ކޮމެންޓް