ކ. މާލެ
|
25 މެއި 2022 | ބުދަ 12:19
ޖަމާލުއްދީން ސްކޫލް
ޖަމާލުއްދީން ސްކޫލް
ޖަމާލުއްދީން ސްކޫލް
އިޖްތިމާއީ ރިޕޯޓް
ޖަމާލުއްދީނަށްވަދެ މާރާމާރީ ހިންގުން: ނުރައްކާތެރި ރަނގަބީލެއް!!
 
މިއީ ފުންކޮށް ވިސްނާލެވި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް

ޖަމާލުއްދީން ސްކޫލަށް ޢާއްމުންގެ މީހަކު ވަދެ މާރާމާރީ ހިންގައިގެން އެވަނީ ހައްޔަރުކޮށްފައެވެ. ބުނެވޭ ގޮތުގައި ތޫނު ހަތިޔާރަކާވެސްއެކު އެމީހާ ވަދެފައިވަނީ އެތަނުގެ ގާޑަށްވެސް ކިޔަމަން ނުވެ ގަދަކަމުންނެވެ. އެކަމާހުރެ ބައެއް ކިލާސް ރޫމްތައް ބަންދުކުރަން ޖެހޭ ހާލަތަށް ކަންކަން ދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެތަނަށް ވަނީ "ލާދީނީ ގޮތަކަށް ކިޔަވައިދޭ" ޓީޗަރަކު ހޯދާށެވެ. ﷲ އަކްބަރުގެ ނަޣްމާ ބާރަށް ކިޔަމުން އެމީހާ ވަދެ މާރާމާރީ ހިންގަން އުޅުމުން ހައްޔަރުކުރިނަމަވެސް އެކަމާ ބެހޭ މާބޮޑު މައުލޫމަތެއް ފުލުހުންވެސް އަދި ސްކޫލަކުންވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެކަން ހިނގާދިޔަކަމާއި މީހަކު ހައްޔަރުކުރިކަމުގެ ވާހަކަ މީޑިޔާތަކުގައި ޚަބަރެއްގެ ގޮތުގައި އެނބުރިލާފައި ނިމުނަސް މިއީ އާދައިގެ ކަމެއްކަމަށް ނިންމާލެވޭކަށް ނެތެވެ. ފުރަތަމަ ކަމަކީ އެފަދަ ގޮތަކަށް އާއްމު މީހަކަށް ވަންނަން ކެރުމެވެ. އަދި އެމީހާ ވަނުމަށް ޖާގަ ލިބިގެން ދިއުމެވެ. އާދައިގެ ވަޅިއެއް ނުވަތަ އެފަދަ އެއްޗެއް ހިފައިގެން އޭނާ ވަންނަމަވެސް ބަޑިފަދަ ތަކެތި ގެންގުޅެވޭ ތަނެއްނަމަ އޭނާ އެވަންވަގުތު ސްކޫލުގެ ހާލަތާމެދު ވިސްނާލާށެވެ. ކުދިންނަށް ވާނެ ގޮތަކާމެދު ނަޒަރު ހިންގާލާށެވެ.

ދެން އޮތީ އޭނާ ވަންކަމަށް ދެކެވޭ ސަބަބެވެ. ނަވަތަ އޭނާގެ ބޭނުމެވެ. އިސްލާމްދީނާ ފުށުއަރާ ގޮތަކަށް ޓީޗަރަކު ކިޔަވައިދޭކަމަށް ބުނެ އޭނާ ހޯދުމެވެ. ސްކޫލުންވެސް އަދި ފުލުހުންވެސް އެއީ ސަބަބުކަން ހާމަނުކުރިނަމަވެސް އެއީވެސް އެކަން ކުރެވިގެން ވާނެ ގޮތެއް ނޫނެވެ. ބެލެނިވެރިއަކަށް ނުވަތަ އާއްމު މީހަކަށްވެސް އެފަދަ ގޮތަކަށް ވަދެގަނެވިގެން ނުވާނެއެވެ. ހިތްހަމަ ނުޖެހޭ ކަމެއް އޮތްނަމަ އެކަންކަން ރިޕޯޓް ކޮށްގެން ނުވަތަ މައްސަލަ ހުށަހަޅައިގެން ބެލޭނޭ ގޮތްތައް އެބަހުއްޓެވެ. އަދި އެސަބަބު ނޫން އެހެން ސަބަބެއްގައި އޭނާ ވަންނަމަވެސް އެއީކީ ކުރެވިގެންވާނޭ ކަމެއް ނޫނެވެ. އަންނަ ރުޅީގައި ނުވަތަ ޖަޒުބާތުގައި އަމިއްލައަށް ގޮތް ނިންމާން ވެއްޖެ ނަމަ ދައުލަތެއްގެ ބެނުމެއް ނެތެވެ.

ކޮންމެއަކަސް އެހިނގީކީ އާދައިގެ ކުޑަކަމެއް ނޫނެވެ. އަޅާނުލައި ތިބެވޭވަރަށްވުރެ ބޮޑު ކަމެކެވެ. ހުރިހާ ފެންވަރެއްގައި ވިސްނާލައި މަޝްވަރާތައް ކުރެވި ދުރާލާ ފިޔަވަޅުތަކެއް އަޅަން ޖެހޭނޭ ކަމެކެވެ. މިއީ ތަފާތު ރަނގަބީލެކެވެ. ސަމާލުވާން ލިބުނު އިންޒާރެކެވެ. މިކަމާމެދު އަމަލީ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ މިއަށްވުރެ ބޮޑުކަމަކާ ކުރިމަތިވެދާނޭވަރުގެ ބިރުހުރި ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް