ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކީލިއަން އެމްބާޕޭ ކަންތައް ކުރި ގޮތަށް އޭނާ ކަންތައް ނުކުރާނެކަމަށް ބުނެ ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗް ފާޑު ކިޔައިފިއެވެ.
އޭނާ މި ގޮތަށް ވާހަކަ ދެއްކީ ރެއާލާއެކު އޭނާ ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މޮޑްރިޗް ބުނީ މިހާތަނަށް އޭނާ އަދި އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާކަމަށެވެ. އެކަމަކު އެމްބާޕޭ ކަންތައް ކުރި ގޮތަށް އޭނާ ކަންތައް ނުކުރާނެކަމަށް ހެމުން މޮޑްރިޗް ބުންޏެވެ. އަދި އޭނާ ބުނީ ރެއާލުން ވެސް އެގޮތަށް ކަންތައް ނުކުރާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ. މޮޑްރިޗް މި މޭރުމުން ވާހަކަ ދައްކާފައި މި ވަނީ އެމްބާޕޭ ރެއާލަށް ބަދަލުވާން އުޅެ، ފަހު ވަގުތު ނިންމުން ބަދަލުކޮށްފައި ވަނިކޮށެވެ.
މޮޑްރިޗް ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. މިކަމާ ގުޅިގެން މޮޑްރިޗް ކުރިން ބުނީ އޭނާއަށް ހުރިހާ ވެސް އެއްޗަކީ ރެއާލްއެވެ. އަދި ރެއާލަކީ އޭނާގެ ހޯމް ކަމަށާއި، ރެއާލްގައި އޭނާ ހުންނަނީ ނުހަނު ހިތްހަމަ ޖެހިގެން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ރެއާލްގެ އެއްބައި ކަމަށާއި، އަބަދު ވެސް އޭނާ އަކީ ރެއާލްގެ މީހެއް ކަމަށް ވެސް މޮޑްރިޗް ބުންޏެވެ.
މިކަމާ ގުޅިގެން އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނީ ރެއާލާއެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތުގެ 2023 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އިތުރުކުރާނެ ކަމުގައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފަހުން މޮޑްރިޗް އައު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރޮމާނޯ ވަނީ ބުނެފައެވެ.