ކ. މާލެ
|
25 މެއި 2022 | ބުދަ 07:48
ދިވެހި ރެޑްކްރެސެންޓުގެ މާލެ ބްރާންޗްގެ މެނޭޖަރު މުޙައްމަދު އަދީލް
ދިވެހި ރެޑްކްރެސެންޓުގެ މާލެ ބްރާންޗްގެ މެނޭޖަރު މުޙައްމަދު އަދީލް
ރާއްޖެއެމްވީ
ދިވެހި ރެޑް ކްރެސެންޓްގެ މަސައްކަތްތައް
ކޮވިޑު ތެރޭގައި 2 ލައްކައަށްވުރެ ގިނަ ގަޑިއިރު ވޮލެންޓިއަރުން ހޭދަ ކުރި: ދިވެހި ރެޑްކްރެސެންޓް
ކޮވިޑުގައި ހިންގި އޮޕަރޭޝަނަކީ މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ވިދާޅުވި

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ރެޑްކްރެސެންޓުގެ ވޮލެންޓިއަރުން ދެ ލައްކައަށްވުރެ ގިނަ ގަޑިއިރު ޚިދުމަތުގައި ހޭދަ ކުރި ކަމަށް އެ ޖަމިއްޔާގެ މާލެ ބްރާންޗްގެ މެނޭޖަރު މުޙައްމަދު އަދީލް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަދީލް ވިދާޅުވީ ކޮންމެ ކާރިސާއެއް ނުވަތަ ހާދިސާއެއް ދިމާވި ނަމަވެސް ރެޑްކްރެސެންޓުގެ ވޮލެންޓިއަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން، ކޮވިޑު ތެރެއަކީ އެއް އަހަރަށްވުރެ ގިނަ ދުވަހު ހުއްޓުމެއް ނެތި ހަރަކާތްތައް ކުރިއަށްގެންދަން ޖެހުނު ދުވަސްވަރެއް ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދިނީ ކޮވިޑާ ގުޅިގެން އެންމެ ރަނގަޅު މައުލޫމާތު އެންމެނަށް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ހާލުގައި ޖެހިފައި ތިބި ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި ފުލުހުންނާއި އެޗްޕީއޭ އާއި ސިފައިންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ބޮޑު އިސްކަމެއް ދިނީ ބިދޭސީންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގައި ޓްރާންސޭލްޓްކޮށް ބިދޭސީން މެދުވެރިކޮށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް. އަދި ލޮކްޑައުން ހާލަތު އައިމަ މާލޭގެ އެކި ސަރަހައްދު ތަކުގައި ކޮމާންޑް ޕޯސްޓްތައް ހަދައިގެން އެތަންތަނުގައި ކަރަންޓީންވެފައި ތިބި ފަރާތްތަކާއި ޕޮޒިޓިވްވާ ފަރާތްތައް އެއްތަނުން އަނެއްތަނަށް މޫވް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން
ދިވެހި ރެޑްކްރެސެންޓުގެ މާލެ ބްރާންޗްގެ މެނޭޖަރު މުޙައްމަދު އަދީލް

އަދީލް ވިދާޅުވީ ރެޑްކްރެސެންޓުގެ ވޮލެންޓިއަރުން ކުރި މަސައްކަތަށް އާއްމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އެގޮތުން ކާބޯތަކެތި އުފުލުމުގައި ހިލޭ ދަތުރުތައް ބައެއް އުޅަނދުތަކުން ކުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހި ރެޑްކްރެސެންޓުގެ ވޮލެންޓިއަރަކަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ވޮލެންޓިއަރުންނަށް ވުމަށް އެދި ފޯމު ހުށަހަޅާ މީހުންނަށް ޚާއްސަ ޓްރެއިނިންތައް ދެމުން ގެންދާކަމަށް އަދީލް ވިދާޅުވިއެވެ. އަދި މިއީ އެންމެނަށް ވެސް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް