ކ. މާލެ
|
25 މެއި 2022 | ބުދަ 07:17
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް - ވެރިކަމުގެ ކުރީކޮޅުގައި އިންޑިއާ ވަރެއް ނެތިގެން އެމަނިކުފާނު އުޅުއްވި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް - ވެރިކަމުގެ ކުރީކޮޅުގައި އިންޑިއާ ވަރެއް ނެތިގެން އެމަނިކުފާނު އުޅުއްވި
ޔޫސުފް ސޮފްވާން ރަޝީދު
މަގޭ ރިޕޯޓް
ވައުދާ ހުވާކުރާނެޔޭ، އެހަނދާން ނެތޭނެޔޭ
އިންޑިޔާއާ ޚާއްޞަ ގުޅުމެއް އުފައްދަންވެސް އެބަޖެހޭ ކަމަށް ވިދާޅުވި
ގުޅުން ހަމަ ވަރަށް ވަރުގަދައަށް ބަދަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި
ޓެރަރިޒަމާ ދެކޮޅަށް އިންޑިޔާ ސަރުކާރާއި ދިވެހި ދައުލަތުން ކުރާ މަސައްކަތުގައި، ދެބައިމީހުންގެ ވިސްނުން ހުރި ގޮތް ހިއްސާކޮށް، އެކަންކަމުގައި އެއްބަސްވުންތަކެއްވި ކަމުގައި ވިދާޅުވި

ދިވެހި ލަވައެއްގަ އޮވެއެވެ. "ވައުދާ ހުވާކުރާނޭ، އެ ހަނދާންނެތޭނޭއޭ. ނޫނީ އެހެން ގޮތެއްގައި މަޖުބޫރުވާނެޔޭ. ނުރުހުން މަށެއް ނުވާނެޔޭ، ބުނެފާ ނުވޭހޭ" އެވެ. ބައެއްފަހަރު އަޅުގަނޑުމެން އަމިއްލައަށް ޖަޒުބާތުގައި ނަމަވެސް ޖެހިގެން ދައްކާ ވާހަކަ ހަނދާން ނެތެއެވެ. އެގޮތަށް އަޅުގަނޑުމެންގެ ތެރެއިން ނަމޫނާ ދައްކާ ވެރިން ބައެއްފަހަރު އެފަދަ ވާހަކަ ހަނދާން ނައްތާލުމަކީ ހިތާމަކުރާ ކަމެކެވެ. އަދި އެ ހަނދާންތައް ނައްތާލާ ގުޅުންތައް ކަނޑާލާ ދެކޮޅުވެރިވެ ރުޅިވެރިކަން އުފައްދާނަމަ އެ ކުރެވެނީ ދެފުއްކެހެރިން ކުރާފަދަ ކަމެކެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި އިންޓަރވިޔުގައި ދެއްކެވި ބައެއް ވާހަކަތަކަށް ބަލާލާނަމެވެ.

މީޑިއާއާއި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު މިއޮތް ހިސާބުން އަޅުގަނޑުމެން އިންޑިޔާއާ ޚާއްޞަ ގުޅުމެއް އުފައްދަން އެބަޖެހޭ ކަމަށެވެ. އެއީ ރައީސް މައުމޫންގެ ސަރުކާރުން އަދި އޭގެ ކުރިން ފެށިގެންވެސް މިއޮތީ ހަމަ އިންޑިޔާއާ އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް ކަމަށެވެ. ދެން އިންޑިޔާއަކީ އަޅުގަނޑުމެންނަށް ކަންބޮޑުވާ ކޮންމެ ވަގުތެއްގައި، އަޅުގަނޑުމެންގެ އެހީތެރިކަމަށް މިހާތަނަށް އައިސްފައިވާ ޤައުމު ކަމަށާއި، އަދި ކުރިއަށް އޮތް މުސްތަޤުބަލަށްވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ، އިތުބާރުކުރެވޭ، އަޅުގަނޑުމެންނަށް ދިމާވާ ބޮޑެތި ކޮންމެ ކަމެއްގައި، އެއީ ޢުދުވާނެއް ކަމުގައިވީނަމަވެސް، ސުނާމީކަހަލަ ޤުދުރަތީ ބޮޑު ކާރިޘާއެއް ކަމުގައިވީނަމަވެސް، އެކަހަލަ ޙާލަތަކަށް އިސްވެ އިޖާބަދޭ ޤައުމަކީ އިންޑިޔާ ކަމަށެވެ.

ވަރަށް ވެސް ތެދުފުޅެކެވެ. އެއިރު އިންޑިއާ ސަރުކާރާ މަނިކުފާނާއި އޮތް ގުޅުމަކީ ކޮބައިކަމެއް އަޅުގަނޑަކަށް ހަމަގައިމު ވެސް ނޭނގެއެވެ. ނަމަވެސް މަލުގެ ހާރުތައް އަތުރާ މަނިކުފާނު ދެއްކެވި މިވާހަކަފުޅު މިއަދު ހަނދާނުގައި ނެތް ކަމުގައި ވިޔަސް މި ވާހަކަތައް ލިޔެވި އަދިވެސް ފެންނަން އެބަހުއްޓެވެ.

މަނިކުފާނު މިހެންވެސް ވިދާޅުވިއެވެ.

އެހެންވީމާ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ ތެރޭގައި، ވަސީލަތްތައް ހުރި މިންވަރަށާއި އަދި އިންޑިޔާގެ ފޯރުންތެރިކަން ހުރި މިންވަރަށް ބަލާއިރު، އަޅުގަނޑުމެންނަށް މި ދިމާވާ ކަންތައްތަކުގައި، އެންމެ އަވަސްމިނެއްގައި، އަޅުގަނޑުމެންނަށް އެދެވޭ ޖަވާބެއް ދެވެން އޮތް ބަޔަކީވެސް ޙަޤީޤަތުގައި އިންޑިޔާ. އެހެންކަމާއެކީ، މި ސަރަޙައްދުގައި އަޅުގަނޑުމެން ހިމެނޭއިރު، އަޅުގަނޑުމެންނާއި އިންޑިޔާއާ ދޭތެރޭގައި އޮތް ގުޅުން، މިއަށްވުރެ ހަރުދަނާ ކުރަން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައި އެބަ ބޭނުންވޭ. އެ ސަބަބަށްޓަކައި އެންމެ ފުރަތަމަ މިކުރާ ދަތުރުވެސް މިއީ، އިންޑިޔާގެ ރައީސާއި ޕްރައިމް މިނިސްޓަރުގެ ދަޢުވަތަކަށް އަޅުގަނޑު މިކުރަނީ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

މިއީ ވަރަށް ވަރުގަދަ ވާހަކަފުޅުތަކެކެވެ. އެއިރު އިންޑިއާއަށް މަނިކުފާނު ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ތެރެއިން ހެލިކޮޕްޓަރާއި، އުދުހޭ ބައްތެއްޔާ، އެ މަރާމާތު ކުރަން މަނިކުފާނުގެ ބަސްފުޅުން ނަމަ އިންޑިއާ ސިފައިން ވެސް މަނިކުފާނު ގެންނެވިއެވެ. ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ދެންވެސް ހުރި ސަލާމަތެއްގެ ވާހަކަފުޅުވެސް މަނިކުފާނު ދެއްކެވިކަން ހަނދާންފުޅުގައި ހަމަ ނެތީ ކަމުގައި ވެދާނެއެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް އެނބުރި ވަޑައިގެންމަނިކުފާނު މިހެންވެސް ވިދާޅުވިއެވެ.

ދެ ސަރުކާރަށް، ދެޤައުމުގެ ރައްޔިތުންނަށް ދަތިވެފައި ހުރި، ނޫނީވިއްޔާ ވިސްނަންޖެހޭ ބޮޑެތި މައްސަލަތައްވެސް އެބަހުރި. އެއީ، އިންޑިޔާ ސަރަޙައްދުގައި، އިންޑިޔާ ކަނޑުގައި މި އޮންނަ މެރިޓައިމް ސެކިއުރިޓީގެ މައްސަލަ. މިމައްސަލައާއި ޓެރަރިޒަމާ ދެކޮޅަށް އިންޑިޔާ ސަރުކާރުން އަދި ދިވެހި ދައުލަތުން ކުރާ މަސައްކަތުގައި، އަޅުގަނޑުމެން ދެބައިމީހުންގެ ވިސްނުންހުރި ގޮތް އަޅުގަނޑުމެން ޝެއަރކޮށް، އެކަންކަމުގައި އަޅުގަނޑުމެން އެއްބަސްވުންތަކެއްވީމު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

އިންޑިއާއާއި ރާއްޖެއާއި އޮންނަ ގުޅުން ބަދަހިކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އިންވެސްޓްމަންޓް ހޯދާ ކަންކަން ކުރައްވާނެ ވާހަކަފުޅުވެސް މަނިކުފާނު ހަމަ މި ބައްދަލުވުމުގައި ދެއްކެވިއެވެ. މަނިކުފާނު މިހެންވެސް ވިދާޅުވިއެވެ.

އިންޑިޔާ ސަރުކާރުންވެސް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި މިއޮތީ ވަރަށް ގާތް އެކުވެރި ގުޅުމެއް. އެގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އިންޑިޔާ ސަރުކާރުގެ ފަރާތުންވެސް ހަމަ ވަރަށް ސާފުބަހުން ވިދާޅުވި. އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންގެ މި އެޑްމިނިސްޓްރޭޝަންގެ ފަރާތުން އަޅުގަނޑު އިންޑިޔާއަށް ދެންނެވިން، އިންޑިޔާ ސަރުކާރުގައި ދެންނެވިން. އިންޑިޔާއާއި ދިވެހިރާއްޖެއާ މިއޮންނަނީ ހަމަ ވަރަށް ގާތް އުޚުއްވަތްތެރި ގުޅުމެކޭ. މިގުޅުން ހަމަ ވަރަށް ވަރުގަދައަށް ބަދަހިވެގެންދާނެ ކަމަށް. މިޔާއެކީ އަޅުގަނޑުމެން ހަމައެކަނި މިއީ ރަސްމީ ވާހަކަތަކެއް ނޫން. އިންޑިޔާއިން ދިވެހިރާއްޖެއަށް މިހާރު ބޭނުންވެފައި ހުރި ބޮޑެތި ދާއިރާތަކުގައި އިންވެސްޓް ކުރުމަށް، އިންވެސްޓަރުން ގެނައުމަށް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރީމު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

އިންޑިއާއެކު މަޝްވަރާތަކެއް ކުރައްވާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހޯދުމުގެ ކަންކަމުގައި މަނިކުފާނު ވިދާޅުވި ވާހަކަފުޅު މިއަދު ހަނދުމަފުޅުގައި ނެތްކަމަށް ވެސް ވެދާނެއެވެ. އެހެންނަމެސް އިންޑިއާ ސްރީލަންކާ އަދި ރާއްޖެ ހިމެނޭގޮތަށް އިންޑިއާ ކަނޑުގެ ކަންކަން ފަސޭހަކުރުމުގައި އެއް ޕޮޒިޝަނެއްގައި ހުންނެވިކަމަށްވެސް މަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މި ސަރަޙައްދުގައި މިއުޅޭ ޤައުމުތަކަށް ކަނޑުގެ ސަލާމަތާ، މިކަންކަމާ ބެހޭގޮތުންވެސް އަޅުގަނޑުމެންގެ ތެރޭގައި ވާހަކަތަކެއް ދެކެވުނު. އެހެންވީމާ، އެކަންކަމުގައި އަޅުގަނޑުމެންގެ ކޮމަން ޕޮޒިޝަނަކަށް މިނެގީ، އިންޑިޔާ ކަނޑުގެ އިންޓްރެސްޓް އެންމެ ބޮޑަށް އޮންނާނީ އިންޑިޔާ ކަނޑަށް ފޭސްވާ ޤައުމުތަކަށޭ. ދިވެހިރާއްޖެ، އިންޑިޔާ، ސްރީލަންކާ. އެހެންވީމާ، އަޅުގަނޑުމެން މީގެ ބައެއް ކަންކަމަށް މިއީ އަޅުގަނޑުމެން ޓްރައިޕަރޓައިޓް އެއްބަސްވުންތަކެއް ހުންނަ ކަންކަން. ތިން ޤައުމުގެ އެއްބަސްވުން ހުންނަ ކަންކަން. އެހެންވީމާ، މިކަންކަމުގައި އަޅުގަނޑުމެންގެ ޕޮޒިޝަން ހަމަ ވަރަށް އެއްގޮތް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

މިއީ ހުސް މަނިކުފާނު ދެއްކެވި ވާހަކަފުޅެވެ. އިންޑިއާއެކު މެރިޓައިމްގެ އިތުރުގެ އެހެނިހެން ދާއިރާތަކާއި އިންޑިއާގެ އުނގަށް ވެއްޓިވަޑައިގެން މަނިކުފާނު ދެއްކެވިހާ ވާހަކަފުޅުތަކެވެ. ނަމަވެސް މިއީ ވެރިކަމުގެ ކުރީކޮޅުގައި މަނިކުފާނު ދެއްކެވި ވާހަކަފުޅެވެ. ފަހުން ވީގޮތެއް އެނގިވަޑައިގަންނަވާނީ ޚުދު މަނިކުފާނަށެވެ.

މިހާރު އޮތް އިންޑިއާގެ ސަރުކާރާއި، ވެރިކަންކުރާ ޕާޓީއަށް ނުގޮވާ އެއްޗެއް ނެތެވެ. ނަމަވެސް އެއިރު ވެރިކަމުގައި ހުންނަވައިގެން މަނިކުފާނު އެ ޕާޓީ ރާއްޖެ އައުމަށް ދައުވަތު ދެއްވިއެވެ. އަދި މިހާރު އޮތް ސަރުކާރުގެ ރާއްޖެ އައުމަށް ދެއަތް ހުޅުވާލާ މަރުހަބާ ވެސް ވިދާޅުވީ މަނިކުފާނެވެ.

މިފަދަ ކަންކަމުގައި ބުނެވޭނީ ހަމަ ދިވެހި ލައިވައިގައިވާ ގޮތަށެވެ. "ވައުދާ ހުވާކުރާނެޔޭ، އެހަންދާން ނެތޭނެޔޭ. ނޫނީ އެހެން ގޮތެއްގައި މަޖުބޫރުވާނެޔޭ. ނުރުހުން މަށެއް ނުވާނެޔޭ، ބުނެފާ ނުވޭހޭ"

- ކޮމެންޓް