ސްރީ ލަންކާގައި ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އަންގާރަ ދުވަހު ލަންކާގެ ސަރުކާރުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ، އެގައުމަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން ސަރުކާރުގެ އާމްދަނީއަށް ކޮށްފައިވާ އަސަރާއެކު، އެކަމަށް ހައްލެއް ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް އަގަށް މިގެނައި ބަދަލާއެކު، ކުރުމުއްދަތުގައި އެގައުމުގެ އިންފްލޭޝަން ވަރަށް ބޮޑަށް އުފުލޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރ ކަންޗަނަ ވިޖެސެކެރަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެގައުމުގައި ޕެޓްރޯލްގެ އަގު 20 އިންސައްތައާ 24 އިންސައްތައާ ދެމެދުގެ އަދަދަކަށް އުފުލިގެންދާނެ ކަމަށާއި، ޑީސެލްގެ އަގު 35 އިންސައްތައާ 38 އިންސައްތައާ ދެމެދުގެ އަގަކަށް އުފުލިގެންދާނެ ކަމަށެވެ. މިގޮތަށް އަގަށް ބަދަލު ގެނައިނަމަވެސް، ކޮންމެ ދުވަހަކު ބޮލަކަށް ވިއްކާ ތެޔޮ ލީޓަރުގެ އަދަދު ކޮންޓްރޯލް ކުރެވޭނެއެވެ.
މީގެ އިތުރުން ތެލުގެ އަަގަށް މި އަންނަ ބަދަލާއެކު ދަތުރުފަތުރު ކުރުމުގެ އަގުތަކަށް ބަދަލު ގެނައުމަށް، ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ މީހުންނާއެކު މަޝްވަރާކުރެވޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ ތެޔޮ ބޭނުންކުރާވަރު ވީހާވެސް މަދުކުރުމަށްޓަކައި އޮފީހަށް ނުގޮސް ގޭގައި މަސައްކަތްކުރަމަށް އިލްތިމާސްކުރައްވާކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ މުވައްޒަފުން މަސައްކަތަށް އޮފީހަށް ނުކުންނާނީ އެކަމަށް އެންގުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިސްޓުން ގަބޫލުކުރާގޮތުގައި ލަންކާގައި ތެލުގެ އަގު އުފުލުމާއެކު ކުރިއަށް އޮތްތާގައި ކާބޯތަކެއްޗާ އެހެނިހެން މުދަލުގެ އަގުވެސް އުފުލިގެން ދާނެއެވެ. އެހެންނަމަވެސް ލަންކާ ސަރުކާރުގެ އާމްދަނީއަށް އައިސްފައިވާ ލޮޅުން ރަނގަޅުކުރުމަށް ތެލުގެ އުފުލުމަކީ މުހިންމު ކަމެއް ކަމަށް އިކޮނޮމިސްޓުން ފާހަގަކުރެއެވެ.
ލަންކާ ސަރުކާރުން ހޯމަ ދުވަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހު އެގައުމުގެ އެނުއަލް އިންފްލޭޝަން ރޭޓް ވަނީ 33.8 އިންސައްތައަށް އުފުލިފައެވެ. މާޗު މަހު މި އަދަދު ހުރީ 21.5 އިންސައްތައިގައެވެ.
ލަންކާއިން މިހާރު ކުރިމަތިލަމުންދާ އިގުތިސާދީ ކާރިސާއަކީ އެގައުމަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އިގުތިސާދީ ކާރިސާއެވެ. އިމްޕޯޓަށް ޚަރަދުކުރާނެ ބޭރު ފައިސާ ނެތި، އެގައުމަށް ވަނީ ތެލާއި ބޭހުގެ ސަޕްލައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެފައިވަނީ އެގައުމުގެ ސަރުކާރުން ނަގަމުން އައި ގިނަ އަދަދެއްގެ ޓެކްސްތައް ނެގުން ހުއްޓާލުމާއި ކޮވިޑް-19ގެ ސަބަބުން އެގައުމުގެ އިގުތިސާދަށް އައި ލޮޅުމާއެކު ސަރުކާރުގެ އާމްދަނީ ދަށްވެ ދައުލަތައް ލިބެމުން އައި ބޭރުފައިސާ ދަށަށް ދާން ފެށުމުންނެވެ.