ކ. މާލެ
|
24 މެއި 2022 | އަންގާރަ 16:28
އެއަރޕޯރޓް ސެކިޔުރިޓީ މެނޭޖްމަންޓް ކޯހުގެ ބައިވެރިން
އެއަރޕޯރޓް ސެކިޔުރިޓީ މެނޭޖްމަންޓް ކޯހުގެ ބައިވެރިން
އެމްއޭސީއެލް
އެއަރޕޯރޓް ސެކިޔުރިޓީ މެނޭޖްމަންޓް ކޯސް
އެއަރޕޯރޓް ސެކިޔުރިޓީ މެނޭޖްމަންޓް ކޯހުގެ ތިންވަނަ ބުރު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި
މިއީ އެވިއޭޝަން ސެކިޔުރިޓީ މަސައްކަތްތައް ކުރުމުގެ ހުނަރު ލިބިގެންވާ ބައެއްކަމުގައި ހެދުމުގެ މަޤްސަދުގައި ފަރުމާކޮށް ހިންގުނު ޕްރޮގްރާމެއް
މި ޕްރޮގްރާމްގައި 24 ބައިވެރިން ސެޓްފިކެޓް ހާސިލްކުރި

އެއަރޕޯރޓް ސެކިޔުރިޓީ މެނޭޖްމަންޓް ކޯހުގެ ތިންވަނަ ބުރު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެންޓި ޓެރަރިޒަމް އެސިސްޓަންސް އާއި އެވިއޭޝަން ސެކިޔުރިޓީ ކޮމަންޑް ގުޅިގެން 15 – 24 މެއި 2022 އަށް ކުރިއަށްގެންދެވުނު އެއަރޕޯރޓް ސެކިޔުރިޓީ މެނޭޖްމަންޓް ކޯހުގެ ތިންވަނަ ބުރު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަންގާރަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމެރިކާ އެމްބަސީ ގެ ޗާޖް ޑި އެފެއަރސް އޮފް ދަރ މިޝަން ޓު ދަ މޯލްޑިވްސް މިސް އެންޑްރިއާ އަޕެލް އެވެ.

މިޕްރޮގްރާމަކީ އެއަރޕޯރޓް ތަކުގައި އެވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި މަސައްކަތް ކުރާ އިދާރާތަކުގެ އޮޕަރޭޝަނަލް މާހައުލުގައި ހަރަކާތްތެރިވާ މިޑްލް މެނޭޖްމަންޓް މުވައްޒަފުންނަކީ އެވިއޭޝަން ސެކިޔުރިޓީ މަސައްކަތްތައް ކުރުމުގެ ހުނަރު ލިބިގެންވާ ބައެއްކަމުގައި ހެދުމުގެ މަޤްސަދުގައި ފަރުމާކޮށް ހިންގުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި އެވިއޭޝަން ސެކިޔުރިޓީ ކޮމަންޑްގެ 14، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގެ 5 އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ 5 އޮފިސަރުންނާއި އެކު ޖުމްލަ 24 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ޙާސިލްކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިންނަށް ސަރޓިފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހެމާން އެމެރިކާ އެމްބަސީ ގެ ޗާޖް ޑި އެފެއަރސް އޮފް ދަރ މިޝަން ޓްދަރ މޯލްޑިވްސް މިސް އެންޑްރިއާ އަޕެލް އެވެ.

މިރަސްމިއްޔާތުގައި މިސް އެންޑްރިއާ ދެއްކެވި ވާހަކަފުޅުގައި އެވިއޭޝަން ސެކިޔުރިޓީ ކޮމަންޑް ގެ ލޯގޯގައި ހިމެނޭ ކޯ ވެލިޔުސްތައް ކަމުގައިވާ އިންޓެގްރިޓީ، އިނޮވޭޝަން އަދި ޓީމް ސްޕްރިޓް އިން ދޭހަކޮށްދޭ މާނައިގެ ފުންކަމާއި މުހިންމު ކަމަށް އަލިއަޅުވާ ލެއްވިއެވެ. އަދި މި ޕްރޮގްރާމްގައި ސެކިޔުރިޓީ އާއި ގުޅުންހުރި ރާއްޖޭގެ މައި ދެ އިދާރާ ބައިވެރިވެފައިވާކަމީ އެއަރޕޯރޓްގެ އޭވިއޭޝަން ސެކިޔުރިޓީ ބެލެހެއްޓުމުގައި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ހާމަވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ލީޑް އިންސްޓްރަކްޓަރ ގެ ވަހަކަފުޅުގައި ޕްރޮގްރަމްގައި ކިޔަވައިދެވުނު ބައިތަކާއި ޕްރޮގްރަމް ބައްޓަން ކުރެވިފައިވާ ގޮތް އަދި ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ޝައުޤު ވެރިކަން ފާހަގަކޮށް ކިޔަވައިދެވުނު ފިލާވަޅުތައް އަބަދުވެސް ހަނދާނުގައި ބަހައްޓާ، ދަސްކޮށްދެވުނު ކަންކަން މަސައްކަތު މަހައުލުގައި ބޭނުން ކުރުމަށް ނަސޭހަތްތެރިވިއެވެ.

މި ރަސްމިއްޔާތުގައި އެވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ކޮމާންޑަރ ކާނަލް ނަސްރުއްﷲ އިބްރާހިމް މަޖްދީ ވާހަކަފުޅު ދައްކަވަމުން އެމެރިކާ ސަރުކާރުގެ އެހީގައި އޭވިއޭޝަން ސެކިޔުރިޓީ ދާއިރާ ހަރުދަނާކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ބޭނުންތެރިކަން ފާހަގަކުރައްވާ އެމެރިކާ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ގައުމީ ސަލާމަތުގެ ވިއުގައިގާ އެވިއޭޝަން ސެކިޔުރިޓީގެ މުހިއްމުކަމާއި މިވިއުގައިގާ ހިމެނޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވިއެވެ،

މިރަސްމިއްޔާތުގައި އެވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ އިސްވެރިންނާއި ކޯހުގެ މުދައްރިބުން އަދި އޭވިއޭޝަން ސިނާއަތުގެ އެކިއިދާރާތަކުގެ ބޭފުޅުން ބައިވެރިވެފައި ވެއެވެ.

- ކޮމެންޓް