ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 00:17
އިންޓަމިލާންގެ ކުޅުންތެރިންތަކެއް އުފާފާޅުކުރަނީ
އިންޓަމިލާންގެ ކުޅުންތެރިންތަކެއް އުފާފާޅުކުރަނީ
ގޫގުލް
ސްޕަލެއިޓީ އިންޓައަށް
ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ
ސްޕަލެއިޓީގެ އިރުޝާދުގެ ދަށުން ރޯމާ ވަނީ ލީގުގެ ދެވަނަ ހޯދާފައި

ރޯމާގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެއިޓީ އިންޓަ މިލާންގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

އިންޓަ އިން ސްޕަލެއިޓީ އެޓީމުގެ ކޯޗުކަމާ ހަވާލުވިކަން އިއުލާންކޮށްފައިވާއިރު، އޭނާ ރޯމާގެ ކޯޗުކަން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. އޭނާ އިންޓަގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންޓަގެ ކޯޗުކަމާ ހަވާލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްޕަލެއިޓީ ބުނީ އޭނާގެ މި ނިންމުމާ މެދު ބައެއް މީހުން ހިތްހަމަނުޖެހިދާނެ ކަމަށާއި، އެހެންނަމަވެސް އެއީ މައްސަލައެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

އެގޮތުން އޭނާ ބުނީ އިންޓައާއެކު ހާސިލްކުރަންޖެހޭ ކަންތައްތައް މިހާރުވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަންތައްތައް ހާސިލްކުރަން މިހާރުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށާއި، އެހެން ޓީމުތައް މިހާރުވެސް އިންޓައަށްވުރެ ކުރީގައި އޮތް ކަމަށެވެ.

މި ސީޒަނުގައި ސްޕަލެއިޓީގެ އިރުޝާދުގެ ދަށުން އިޓަލީ ލީގުގެ ދެވަނަ ރޯމާ ހޯދާފައިވާއިރު، އެޓީމަށް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ އޮޓޮމެޓިކް ޖާގައެއްވެސް ލިބިފައެވެ.

ރޯމާގެ ކޯޗުކަމާ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވި ސްޕަލެއިޓީގެ އިރުޝާދުގެ ދަށުން އެޓީމު ވަނީ 50 މެޗުން މޮޅުވެފައެވެ. ބާކީ 11 މެޗުން އެޓީމު އެއްވަރުވިއިރު، 14 މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

އުމުރުން 58 އަހަރުގެ ސްޕަލެއިޓީ ވަނީ މީގެކުރިން ޒެނިތް ޕީޓާސްބާގް، އުދިނޭޒީ، ސަމްޕްޑޯރިއާ އަދި އެމްޕޯލީއަށްވެސް ކޯޗުކަންކޮށްދީފައެވެ. ޒެނިތް އަށް ދެފަހަރެއްގެ މަތިން ރަޝިއަން ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ސްޕަލެއިޓީ ވަނީ ރޯމާ އަށް ދެފަހަރެއްގެ މަތިން އިޓާލިއަން ކަޕް ކާމިޔާބުކޮށްދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް