ކ. މާލެ
|
23 މެއި 2022 | ހޯމަ 18:59
ކޫއްޑޫ މަސްކިރާ ސަރަހައްދުގައި ދެކުނުގެ މަސްވެރިން އެއްވެފައި
ކޫއްޑޫ މަސްކިރާ ސަރަހައްދުގައި ދެކުނުގެ މަސްވެރިން އެއްވެފައި
ފަރެސްމާތޮޑާ މަސްވެރިއެއް
މަސްކިރުމުގެ ކެޕޭސިޓީ
ވަގުތީ ހައްލެއްގެ ގޮތުން، 400 ޓަނުގެ ފްރީޒަރ ވެސެލެއް ހޯދުމުގެ މަސައްކަތް ކުރަނީ
މަސްވެރިކަން ރަނގަޅު ދުވަސްވަރު ކޫއްޑޫއަށް އެކަނިވެސް، ދުވާލަކަށް 800 ޓަނާ 1000 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރުވަން ގެނޭ
މައްސަލަތައް ހައްލުކުރުމަށްޓަކައި ޝޯޓް ޓަރމްއާއި ލޯންގް ޓަރމްގައި ގެންނަންޖެހޭ ހައްލުތަކާމެދު މިހާރު ވެސް ދަނީ މަޝްވަރާކުރެވެމުން
މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ
ކޫއްޑޫގައި މިހާރު ހުރި ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 240 ޓަނު

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްކިރުމުގައި ދިމާވާ ދަތިތަކަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން, 400 ޓަނުގެ ފްރީޒަރ ވެސެލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މަސްކިރުމުގައި މިހާރު ދިމާވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ކުރަމުންދަނީ ކޮންކަމެއްތޯ، ވލިނގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު ސައުދު ހަސަން ކުރައްވާފައިވާ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅު ދުވަސްވަރު، މަސްކިރުމުގައި މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށްޓަކައި ޝޯޓް ޓަރމްއާއި ލޯންގް ޓަރމްގައި ގެންނަންޖެހޭ ހައްލުތަކާމެދު މިހާރު ވެސް ދަނީ މަޝްވަރާކުރެވުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން އާދަޔާޚިލާފަށް ތިޔާގިވާ ދުވަސްވަރު އައުމުގެ ކުރިން ވަގުތީ ހައްލެއް ހޯދަންޖެހޭކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ދެތިން ހަތަރު މަހު ގެންނަންޖެހޭ ބަދަލުތައް ކަމަށެވެ.

މައްސަލަތައް ދިރާސާކޮށް، އެކަންކަމުގެ ދާއިމީ ހައްލެއް ހޯދުމަށް ޓަކައި ކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެ ކަންކަމަށް ބޭނުންވާ ފައިސާ ހޯދައި، އެކަންކަން ހައްލުކުރުމަށް ކުރެވޭ ކަންތައްތަކަށް މުއްދަތެއް ނަގާނެ ކަމަށެވެ. ސައޫދީ ޑިވަލޮޕްމަންޓު ފަންޑުގެ ލޯނުގެ ދަށުން، ކޫއްޑޫއާއި އަދި އެހެން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، އިންޑިއަން އެގްޒިމް ބޭންކުގެ އެހީގައި ފެލިވަރުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއު ހިންގުމަކީ، ރާއްޖޭގެ މަސްވެރިކަން އާދަޔާ ޚިލާފަށް ތިޔާގި މޫސުމުގައި ދިމާވާ މައްސަލައަށް ހައްލު ހޯދުމަށް ކުރާ ކަންކަން ކަމުގައެވެ. އެންމެގިނަ އަދަދަކަށް މަސްކިރުވަމުންދަނީ ހުވަދުއަތޮޅާއި އައްޑޫ ހިމެނޭ، ދެކުނުގެ ސަރަހައްދުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ މަސްވެރިކަމުގެ ރަނގަޅު މޫސުން، އަންނަ އޮގަސްޓު ނުވަތަ ސެޕްޓެންބަރުގައި ފެށޭނެކަމަށް ބެލެވޭ ކަމަށާއި، މަސްވެރިކަން އޮކްޓޫބަރާއި ޖަނަވަރީއާ ދެމެދު އާދަޔާ ޚިލާފަށް ރަނގަޅުވަމުންދާނެ ކަމަށްވެސް ގަބޫލުކުރެއްވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެ ދުވަސްވަރު ކޫއްޑޫއަށް އެކަނިވެސް ދުވާލަކަށް 800 ޓަނާ 1000 ޓަނާ ދެމެދަށް މަސް ކިރުވަން ގެންނަކަމަށެވެ.

ކޫއްޑޫގައި މިހާރު ހުރި ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 240 ޓަނެވެ. ކޫއްޑޫގައި މިހާރު ބޭނުންކުރާ "މަހާކަލަމިންޖާ" ބޯޓުގެ ކެޕޭސިޓީއާއެކު ދުވާލަކު ކޫއްޑޫއަށް ގަނެވޭނީ ޖުމުލަ 400ވަރަކަށް ޓަނު ކަމަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ޝޯޓް ޓަރމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި މި ގާބިލުކަން ގާއިމުކުރެވޭނެ ހަމައެކަނި ގޮތަކީ، މަސްފިނިކޮށް ގަނޑުކުރާ ފްރީޒަރ ރިސޯސް ގަނެގެން ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެފަދަ އުޅަނދުތައް ވިއްކާ ފަރާތްތައް ވަނީ ދެނެގަނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މާކެޓުގައި ހުރި ބޯޓުތަކަށް ބަލާއިރު ބޭނުންވާ ކެޕޭސިޓީ ހާމަކުރުމަށް މަދުވެގެން 2 ބޯޓު ނުވަތަ 3 ބޯޓު ބޭނުންވާނެކަމަށެވެ. އެހެންނަމަވެސް މިކަމަށް ޔަގީންކަން ދެވޭނީ ބޭނުންވާ ފައިސާ ހަމަޖެހިގެންކަމަށެވެ. އެކަމަށް ފައިސާ ލިބިއްޖެ ނަމަ ކުރިއަށް އޮތް 3 މަސް ދުވަހެއްގެ ތެރޭގައި ވެސެލް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ދެކުނުގެ މަސްވެރިކަމަށް ހައްލުތައް ހޯދުމަށް ރައީސް އޮފީހުން އިރުޝާދު ދީފައިވާތީ، މިފްކޯއާއި ކަމާބެހޭ އެހެން ފަރާތްތަކާއެކު ފިނޭންސް މިނިސްޓްރީން މަޝްވަރާ ކުރުމަށްފަހު ރައީސް އޮފީހަށް ހުށައަޅަންޖެހޭކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް