ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިންގ އެޕްގައި ބީއެމްއެލް ޕޭ ވޮލެޓްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ޚިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރުގެ ޚިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެއެވެ.
އަލަށް ތައާރަފް ކުރެވުނު މި ޚިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ހަމަ އެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާ އާއި ރަހުމަތްތެރިންނަށް ފައިސާވެސް ފޮނުވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މޯބައިލް ބޭންކިންގ އެޕަށް އައު ބަދަލުތަކަކާއި އިތުރު ފީޗަރ ތަކާއެކު މިދިޔަ އަހަރު ގެނެވުނު ކަމަށާއި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕްގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވިއެވެ.
ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ޚިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާރޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެ ތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ޚިދުމަތް ބޭނުންކުރެއެވެ.