ކ. މާލެ
|
23 މެއި 2022 | ހޯމަ 11:08
މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް
މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް
ރާއްޖެއެމްވީ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ
މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
 
ބިރުދެއްކިކަމަށް ބުނާ މައްސަލަ މާވިން އެއްވެސް ބަޔަކަށް ރިޕޯޓު ކޮށްފައެއް ނުވޭ
 
ޒުވާބު ހިނގީ އިސްކުރެއް ހަލާކުވެގެން ދެއްކި ވާހަކައެއްގެ ތެރެއިންކަމަށް މާވިން ބުނޭ
 
ލަމްހާއަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސްއާއި، މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ އަބްދުއްރަޙުމާންގެ މައްޗަށް ދައުވާ އުފުލައި، އަޑުއެހުންތައް ކުރިއަށްދެއެވެ.

ޒުވާބު ހިނގީ އިސްކުރެއް ހަލާކުވެގެން ދެއްކި ވާހަކައެއްގެ ތެރެއިން؟

މައުލޫމާތު ލިބިފައިވާ ގޮތުގައި މޭރީ ދަންޖެހުނު ދުވަހުގައި މޭރީއާއި މާވިންއާދެމެދު ބޮޑު ޒުވާބެއް ހިނގިކަމަށްވެއެވެ. އެކަމާ ގުޅިގެން މާވިން ބުނެފައިވާ ގޮތުގައި މޭރީ ހިތްހަމަ ނުޖެހިގެން އުޅުނީ ފާޚާނާގެ އިސްކުރެއް ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ. އެގޮތުން ޒުވާބު ހިނގަން މެދުވެރިވީ އިސްކުރެއް ހަލާކުވެފައި ހުރުމުން އެކަން ހައްލުކުރުމަށް ގެނައި ތަކެތި އެ މަސައްކަތް ކުރުމުގެ ތެރޭގައި ހަލާކުވެ އެކަން ހައްލުނުކުރެވި، އެކަމާ މޭރީ ހިތްހަމަ ނުޖެހިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިންކަމަށް މާވިން ބުނެއެވެ.

މާވިންއާ ކުރިން އެހެން އަންހެނަކާ ހިންގާފައިވާ ލޯބީގެ ގުޅުމުގެ ވާހަކަތައް އެވަގުތު މޭރީ ދެއްކި ކަމަށް މާވިން ބުނެއެވެ. އަދި މޭރީ އަމިއްލަ އަތުން މޭރީގެ މޫނުމަތީގައި ތަޅަން ފެށިކަމަށާއި އެ ވަގުތު މާވިން މޭރީގެ އަތުގައި ހިފުމުން މޭރީގެ ބޮލުގެ ފުއްކިބަ ފާހާނައިގެ ފާރުގައި ތަޅަން ފެށިކަމަށްވެސް މާވިން ބުނެއެވެ.

މާވިން ބުނާ ގޮތުގައި އެހިސާބުން އޭނާ މޭރީގެ ގައިގައި ދެ އަތުން ހިފެހެއްޓީއެވެ. އަދި އެވަގުތު މޭރީގެ ފައިން ޖެހިފައި އެތަނުގައި ހުރި ޕްލާސްޓިކް ހަރެއްގައި ހުރި ތަކެތި ބިންމައްޗަށް ވެއްޓުނުކަމަށާއި، އޭގެ ތެރޭގައި އޮތް ވަޅިއެއް މާވިންއާ ދިމާލަށް މޭރީ އެއްލުމުން އެ ވަޅިން މާވިންގެ ކަކުލުގައި ޖެހުނުކަމަށްވެސް މާވިން ބުނެއެވެ.

އަދި އެއަށްފަހު މާވިން ގާތުގައި އެ ކޮޓަރިން ނިކުތުމަށް މޭރީ ބުނުމުން، އޭނާ އެކޮޓަރިން ނިކުތްކަމަށާއި، އެއަށްފަހު ދެން އޭނާ ގޮސް ބެލިއިރު މޭރީ ހުރީ ދަންޖެހިފައި ކަމަށް މާވިން ބުނެއެވެ.

މީގެ ކުރިންވެސް މޭރީ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާކަމަށް މާވިން ބުނެއެވެ.

މީގެ އިތުރުން، ލަމްހާއަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެނެއް ކަމަށާއި، ލަމްހާއާ އޭނާ ބައްދަލުވީ އައި.ޖީ.އެމް.އެޗް ގެ އީ.އާރް އިން ކަމަށް މާވިން ބުނެއެވެ. އޭގެ ފަހުން އޭނާއާ ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް، މޭރީ އަށް އެކަން އެނގުމުން މޭރީ އޭނާއާ ޒުވާބުކުރިކަމަށާއި، މޭރީ އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކުރިކަމަށް މާވިން ބުނެއެވެ.

މާވިންގެ ސާރޗް ހިސްޓަރީ: "ހައު ޓު ނޮކް ސަމްވަން އައުޓް"

މި މައްސަލައާ ގުޅިގެން 26 އޭޕްރީލް 2022 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި މޭރީގެ ބޮލަށާއި ކަރަށް ހަމަލާ ދީފައިވާކަން އޭނާގެ އޮޓޮޕްސީ ރިޕޯޓުން އެނގެއެވެ. ހަމަ އެއާއެކު، އެ ދުވަހު އެތަނުގައި ހުރީ މާވިން އެކަނިކަމަށް އޭނާ ތަހުޤީޤުގައި ބުނެފައިވުމާއި، އޭނާގެ ސާރޗް ހިސްޓަރީގައި "ހައު ޓު ނޮކް ސަމްވަން އައުޓް" އޭ ލިޔެ ސާރޗް ކޮށްފައިވާކަން އެނގެން އޮތުމުން، އެ ކަންކަން ދައުލަތުން ވަނީ ގުޅުވާލާފައެވެ.

ނަމަވެސް މާވިން ބުނާ ގޮތުގައި އޭނާގެ ސާރޗް ހިސްޓަރީ ގޮސް ގުޅެނީ މުޅިން އެހެން ކަމަކާއެވެ. އެގޮތުން މީހަކު ހޭނައްތާލާނެ ގޮތާއި ގުޅޭގޮތުން އޭނާގެ ފޯނުން ސާރޗްކޮށްފައި ވަނީ ބަޔަކު އޭނާއަށް ބިރު ދައްކާތީ އަމިއްލަ ސަލަމާތަށް ހޯދާފައިވާ މަޢުލޫމާތެއްގެ ގޮތުގައި ކަމަށް މާވިން އޮތީ ބުނެފައެވެ.

މާވިން ބުނާ ގޮތުގައި އެ މަޢުލޫމާތު ހޯދަން ޖެހުނީ ބަޔަކު އޭނާއަށް ބިރުދައްކާފައިވާތީއެވެ. ނަމަވެސް އެ މައްސަލަ އޭނާ އެއްވެސް ބަޔަކަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. މީހެއްގެ ކަރުގައި ހިފައިގެން ނޭވާ ހާސްކުރުވާ ޕޮސިޝަންގައި މީހަކު އިން ފޮޓޯތައްވެސް މާވިންގެ ފޯނުން ފެނިފައިވާއިރު، އެއީވެސް އޭނާއަށް ބަޔަކު ބިރުދެއްކުމާއި ގުޅިގެން ގޫގަލް ސާރޗްކޮށްގެން ހޯދާފައިވާ ފޮޓޯތައް ކަމަށް ބުނެއެވެ.

ޙަލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން - ސޯޝަލް މީޑިއާ

މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވެދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށް އޭނާގެ ގާތް މީހުން ބުނެއެވެ. ސަބަބަކީ އެ ދުވަހަކީ މޭރީގެ ބޭބެ ދިވެހިރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ދުވަސްކަމަށްވާތީ މޭރީ ހުރީ އޭނާއާ ބައްދަލުވާނެތީ ނުހަނު އުފަލުންކަމަށްވާތީ ކަމަށް މޭރީގެ ގާތް މީހުން ބުނެއެވެ.

އެ ދުވަހު ހެނދުނު އޮފީހަށް ދިޔުމުގެ ކުރިން މޭރީ އޭނާގެ ބޭބެއަށް ކެއުންވެސް ތައްޔާރުކުރިކަމަށް ވެއެވެެ.

މީގެ އިތުރުން، މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެފައިވާ ލަމްހާ ފޮނުވާފައިވާ މެސެޖްތަކުގެ ޗެޓް ލޮގްތައް އައިޖީއެމްޗްގެ މެނޭޖްމަންޓްއަށް ހުށަހަޅަން މޭރީ މަސައްކަތް ކޮށްފައިވާކަމަށް އެމީހުންނާ އެކުގައި މަސައްކަތް ކުރި ފަރާތްތަކުން ބުނެއެވެ. އެގޮތުން އެކަން ހައްލު ކުރުމުގެ ގޮތުން ލަމްހާގެ އެދުމަކަށް އޭނާގެ ރައްޓެއްސެއް މޭރީއާއި ބައްދަލުކޮށް، އެ މެސެޖުތައް ލަމްހާ ފޮނުވި މައްސަލަ ހޮސްޕިޓަލުގެ މެނޭޖްމަންޓްއަށް ހުށަހެޅުން ހުއްޓާލުމަށް ނަސޭހަތްވެސް ދީފައިވެއެވެ.

އެ ދުވަހު މީޓީން ނިންމާލި އިރު އެ މެސެޖްތައް ހޮސްޕިޓަލުގެ މެނޭޖްމަންޓްއަށް ހުށަނޭޅުމަށް މޭރީ އޮތީ ނިންމާފައެވެ.

މީގެ އިތުުރުން، މޭރީގެ މަރަށް ފަހު މި މައްސަލައިގައި ދެންވާނީ ކިހިނެއްތޯ އާއި މާވިން ޑީޕޯޓުކޮށްފާނެތޯ އާއި މައްސަލަ ކުރިއަށްދާނީ ކިހިނެއްތޯ ބަލައިދިނުމަށް ލަމްހާ އެދިފައިވާކަމަށްވެސް މި މައްސަލައާ ގުޅުންހުރި ބައެއް ފަރާތްތަކުން ބުނެއެވެ.

ލަމްހާގެ ހާޒިރުގައި ބަލައި ފާސްކުރިއިރު ފެނިފައިވާ ބޭސްތައް:

މި މައްސަލައާ ގުޅިގެން ލަމްހާގެ މައްޗަށްވެސް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ ހާޒިރުގައި އޭނާގެ ގެ ބަލައި ފާސްކުރިއިރު، ހަމައެކަނި ސިއްޙީ އިދާރާތަކުގެ ބޭނުމަށް ދޫކުރާ ބޭސްތަކެއް ލަމްހާގެ ގެއިން ފެނިފައިވާކަމަށް ވެއެވެ. އެއީ މީހަކު މަރާލުމަށްވެސް ބޭނުން ކުރެވިދާނެފަދަ ބޭސްތަކެއްކަމަށްވާއިރު، މޭރީގެ ޓޮކްސިކޮލޮޖީ ރިޕޯޓުން އޭގެ ތެރެއިން ބައެއް ބޭހުގެ އަސަރު ފެނިފައިވާކަމަށް ދައުލަތުން ބުނެއެވެ.

  • ޕޮޓޭސިއަމް ކްލޮރައިޑް އިންޖެކްޝަން
  • ޕްރޮޕޮފޯލް އިންޖެކްޝަން
  • ސަކްސިނައިލްކޮލިން އިންޖެކްޝަން
  • ކްލޮނަޒެޕަމް ބޭސްކާޑެއް (ދެގުޅަ ބޭނުންކޮށްފައި)

އެހެންނަމަވެސް، ގެއިން ފެނުނު ބޭސްތަކަކީ މީހުން ގެނެސްދޭ އެއްޗެހި ކަމަށާއި، އެއީ ވަރަށް ކުރީއްސުރެން ފެށިގެން ގެންނަ ބޭސްތަކެއް ކަމަށް ލަމްހާ ބުނެފައިވެއެވެ. ލަމްހާގެ މައްޗަށް ކުރާ ދައުވާތަކަށް ބަލާއިރު، 19 މެއި ގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
8%
12%
8%
23%
42%
8%
ކޮމެންޓް