ކ. މާލެ
|
22 މެއި 2022 | އާދީއްތަ 22:28
މައުރީސިއޯ ޕޮޗެޓީނޯ
މައުރީސިއޯ ޕޮޗެޓީނޯ
ގެޓީ އިމޭޖަސް
ޕީއެސްޖީ
ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ މަޤާމުން ވަކިކުރަނީ
ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު
ޕޮޗެޓީނޯ ވަކިކުރަނީ ކުލަބަށް ގެންނަ ބަދަލުގެ ތެރެއިން

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ކަމުގެ މަޤާމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރަން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕޮޗެޓީނޯ މަޤާމުން ވަކިކުރަނީ އެ ކުލަބަށް ގެންނަ ބޮޑު ބަދަލެއްގެ ތެރެއިންނެވެ. ޕީއެސްޖީއާއެކު މި ސީޒަނުގެ ފްރާންސް ލީގު ކާމިޔާބުކުރި ޕޮޗެޓީނޯ މަޤާމުން ވަކިކުރާނެކަމުގެ އަޑުތައް ފެތުރެމުންދާއިރު، ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަަށެެވެ.

އުމުރުން 49 އަހަރުގެ ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމުގެ މަޤާމާ ހަވާލުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ޕީއެސްޖީގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖެއްސީ، 2018 ވަނަ އަހަރު އެ ޓީމާ ހަވާލުވި ތޯމަސް ޓުޗެލް މަޤާމުން ވަކިކުރުމަށްފަހުއެވެ. ޕީއެސްޖީއާއެކު ޕޮޗެޓީނޯ ފުރަތަމަ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ހޫނު މޫސުމަށެވެ. އެކަމަކު އެ އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންވާނަމަ އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓޭއިރު، އެ ފުރުސަތުގެ ބޭނުން ހިފައި ޕީއެސްޖީން ވަނީ ޕޮޗެޓީނޯގެ އެއްބަސްވުން 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އައު ކޮށްފައެވެ.

ޕޮޗެޓީނޯގެ އިތުރުން އެކުލަބުގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވެސް މަޤާމުން ވަކިކުރާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އޭނާގެ ބަދަލުގައި މޮނާކޯ އާއި ލީލްއަށް ސްޕޯޓިން ޑިރެކްޓަރުކަން ކޮށްފައިވާ ލުއިސް ކެމްޕޮސް ހަމަޖައްސަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގެ ކޯޗު ކަމުގެ މަޤާމުން ޕޮޗެޓީނޯ ވަކިކޮށް، އެ މަޤާމަށް ޒިނެދީން ޒިދާން ގެނައުމަށް ޕީއެސްޖީން މަސައްކަތް ކުރާ ނަމަވެސް، އޭނާ އެ ކުލަބާ ހަވާލުނުވާނެކަމަށް ޓެލެފޫޓުގައި ބުނެފައިވެއެވެ. އެއާއެކު ޕީއެސްޖީން ޕޮޗެޓީނޯގެ ބަދަލަށް އެހެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ.

- ކޮމެންޓް