ގޭބިސީތަކުން އުފައްދާ ކުނި އުކާލަން ނެރޭއިރު ވަކިކޮށްފައި ބެހެއްޓުމަށް ވެމްކޯއިން މިވަނީ އަންގާފައެވެ. މިގޮތަށް އަންގާފައިވަނީ، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ނިންމާފައިވާތީއެވެ. ވެމްކޯއިން ބުނެފައިވާ ގޮތުގައި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު، ވަކިކޮށްފައި ބަހައްޓަންޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްކލާސްޓިކް ފުޅިއާއި އަދި އެހެނިހެން ބާވަތްތަކުގެ ކުންޏެވެ.
މިކަމާ ގުޅިގެން އާންމުންގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ވެމްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑަސްބިނަށް ކުނި އެޅުމަށްޓަކައި ރަޖިސްޓްރީކޮށްފައިވަނީ 823 ގޭބިސީންނެވެ. ވެމްކޯއިން ބުނީ މި ގަވައިދަށް އަމަލު ކުރަން ފެށުމުން އެފަދަ ގޭބިސީތަކުގައި ވެސް ދެ ޑަސްބިން ބަހައްޓަން ޖެހޭނެ ކަމަށެވެ. އެއީ ކުނިވާޒާތުގެ ކުންޏަށް އެއްް ޑަސްބިން، އަދި ކުނިނުވާ ޒާތުގެ ކުންޏަށް އެއް ޑަސްބިނެވެ. ތިންވަނަ ކެޓަގަރީއަކީ ޕްލާސްޓިކް ފުޅިއެވެ.
ޑަސްބިނުން ކުނި ނަގަން ރަޖިސްޓްރީ ނުކުރާހާ ހިނދަކު ކުނި ނަގަމުންދާނީ ގޭގެ ދޮރުމަތިން ކަމަށް ވެމްކޯއިން ބުންޏެވެ. މާލޭގައި ގާތްގަޑަކަށް 46000 ގޭބިސީ ހުރިއިރު، ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވަނީ 25000-26000 ދެމެދުގެ އަދަދެއްގެ ގޭބިސީތަކުންނެވެ. ރަޖިސްޓްރީނުކުރާ ގެތަކުން ދޮރުމައްޗަށް ކުނި ނެރުމުން ވެމްކޯ މުވައްޒަފުން އެ ކުނި ނަގައެވެ. އެ ގޭބިސީތައްވެސް ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވެމްކޮއިން ބުންޏެވެ. މީގައި މައްސަލަތައް ނިކުންނާނެ ކަމަށް ވެމްކޯއިން ދެކެއެވެ. އެހެންކަމުން އާއްމުން ހޭލުންތެރި ކުރުވުމާއި، ރަޖިސްޓްރީކުރުމަށް ހިންގާ ކެމްޕޭނަކީ ދިގުދެމިގެންދާނެ ކެމްޕޭނެކެވެ. ކަސްޓަމަރުންނަށް ދުރާލައި، ކުނި ނެރެންވީ ގަޑި އަންގާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
މި ބަދަލާއެކު، ޖޫން މަހުން ފެށިގެން ކުނި ބަންދުކުރާއިރު ވަކިކުރަން ކަނޑައަޅާފައިވާ ކުނި، އެއްކުނީގެ ބާވަތާއި އަނެއްކުނީގެ ބާވަތް އެއްނުވާނެހެން ވަކި ކޮތަޅުތަކުގައި ބަންދު ކުރުމަށް ސަމާލުވުމަށް ވެމްކޯއިން އެދެއެވެ. އަދި އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުން ވެސް ވެމްކޯގެ ސައިޓުތަކަށް ކުނި އުކާލާއިރު ކުނި ވަކި ކުރަން އެ ކުންފުނިން ވަނީ އަންގާފައެވެ.
އަންގާފައިވާގޮތަށް ކުނި ވަކި ނުކުރާނަމަ އެ ގެއަކުން ކުނި ނުނެގުމުގެ އިޚުތިޔާރު ވެމްކޯއަށް ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ދުވަހު ކުނީގެ އިތުރުން އުފެދޭ ކުނި އުކާލެވޭނީ ކުރިންވެސް އެ ކުނި އުކާލަން ހަދާފައިވާ ގަވާއިދުގެ ދަށުން ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސަރވިސް މެދުވެރިކޮށެވެ. އަދި ދުވަހު ކުނީގެ ގޮތުގައި އުކާލަން ޖެހޭ ކުނި އުކާލަން ވެމްކޯގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.
ކުނި ވަކިކޮށްގެން އުކާލުމަކީ މިހާރު ގިނަ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތެވެ. އެއީ ވަކި ކޮށްގެން ކުނި އުކާލުމުގެ ސަބަބުން ރިސައިކަލް ކުރަން ފަސޭހަވުމާއި، މެނޭޖްކުރަންޖެހޭ ކުނި ނިސްބަތުން މަދުވެފައި ކުނި ނައްތާލަން ފަސޭހަވާނެތީއެވެ. އަދި މިކަމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެމްކޯއިން ބުނެއެވެ.
ސަރުކާރުގެ މި ނިންމުމަށް އެއްބާރުލުންދީ އާންމުން މިކަމަށް ހޭލުންތެރިވާންޖެހެއެވެ.