އެންމެފަހުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗް އެ ކްލަބުން ދޫކޮށްލައިފި އެވެ.
މިވަގުތު އަނިޔާގައި ހުރި އިބްރާހިމޮވިޗް ޔުނައިޓެޑަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ އަށް ސީޒަނުގައި ނުކުޅެވިފައިވަނީ މި ސީޒަނުގެ އެންމެ ފަހުން ޔުނައިޓެޑް ކުޅުނު 10 މެޗެވެ.
ގޯލްޑޮޓްކޮމް އިން ބުނީ އުމުރުން 35 އަހަރުގެ އިބްރާހިމޮވިޗް ދޫކޮށްލަން ނިންމާފައިވަނީ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ކަމަށެވެ. އޭނާ ވަނީ ޕީއެސްޖީން ޔުނައިޓެޑަށް ބަދަލުވެ އެ ޓީމަށް 28 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޔުނައިޓެޑް އަދި އިބްރާހިމޮވިޗް އެއްބަސްވުން އާކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު، ކޯޗު މޮރީނިއޯ އެދުނީ އިބްރާހިމޮވިޗް އަނިޔާ އިން ސަލާމަތްވެ ރިކަވާވާން ވަގުތު ނަގާތީ އިތުރު ކުޅުންތެރިޔަކު އޭނާގެ ބަދަލުގައި މި ޓްރާންސްފާ ވިންޑޯގައި ހޯދުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިބްރާހިމޮވިޗްއަށް ގިނަ ކުލަބު ތަކަކުން ފާރަލަމުން އަންނަ އިރު މީގެ ކުރިން އޭނާގެ އޭޖެންޓް މީނޯ ރިއޯލާ ބުނީ އިބްރާހިމޮވިޗްގެ ބޭނުން ޔުނައިޓެޑަށް ނުހިފޭނަމަ ދެން އޭނާ ބަދަލުވާނީ އަނެއްކާވެސް ޕްރިމިއާ ލިގުގެ ކްލަބަކަށް ކަމަށެވެ.
އިބްރާޙިމޮވިޗް ހޯދަން ޗައިނާ، ޖަރުމަން އަދި އެމެރިކާގެ ކްލަބްތައްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރިޔަށް އޮތް ޓްރާންސްފާ ބާޒާރުގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.