އޭއެފްސީ ކަޕްގެ ދެކުނު އޭޝިޔާގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިންޑިއާގެ ވަރުގަދަ ގޯކުލަމް ކެރެލާ ބަލިކޮށްފިއެވެ.
ގޯކުލަމް ކެރެލާއަކީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ވެސް ހޯދި ޓީމެވެ. ސޯލްޓް ލޭކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 0-1 ންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ފަށައިގެން މާޒިޔާ އިން ވަނީ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޓަނާ ޑޮމިންގޭޒް ފޮނުވާލި ހަމަލާ ގޯކުލަމް ކެރެލާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މާޒިޔާގެ ހުސެއިން ނިހާން (ނިހާޓް) އާއި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މާޒިޔާއިން މެޗުގައި ލަނޑު ޖަހާފައިވަނީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 50 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ކޯނޭއެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ޓަނާ ތަނަވަސްކޮށްދިން ފުރުސަތެއްގައެެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާވަނީ ބަލިވެފައެވެ. އެ ޓީމު ބަލިވީ ބަޝުންދަރާ ކިންގްސް އަތުން 1-0 ންނެވެ. ރޭގެ މެޗުން މޮޅުވުމާއެކު މާޒިޔާ އޮތީ ގްރޫޕްގެ ތިން ވަނަ މަގާމުގައެވެ. އެއީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ގްރޫޕްގެ އެއް ވަނަ މަގާމުގައި އޮތް އޭޓީކޭ މޯހަން ބަގާން އަށް ވެސް ލިބެނީ ތިން ޕޮއިންޓެެވެ. އެ ޓީމަށް ކުރި ލިބެނީ ފައިދާ ދެ ގޯލުންނެވެ. ދެ ވަނަ މަގާމުގައި އޮތް ގޯކުލަމަށް ވެސް ތިން ޕޮއިންޓު ލިބޭއިރު، އެ ޓީމަށް ދެ ވަނަ މަގާމު ލިބެނީ ފައިދާ އެއް ގޯލުންނެވެ. ތިން ޕޮއިންޓާއެކު ބަޝުންދަރާ ފުލުގައި އޮތީ ގެއްލުނު ތިން ގޯލާއެކުއެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އަންގާރަ ދުވަހު މާޒިޔާ ނިކުންނާނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.