ރަޝިއާއިން ފިންލޭންޑަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓާލައިފިއެވެ.
ރަޝިއާގެ ގޭސް އެކްސްޕޯޓްކުރާ ކުންފުނި ގެޒްޕްރޮމް އިން ބުނެފައި ވަނީ އެކުންފުނިން ފިންލޭންޑްގެ ގެސަމް ކުންފުނިން ގޭހުގެ ފައިސާ ރުބެލް އިން ދައްކަން ދެކޮޅުހަދާފައިވާތީ ހޮނިހިރު ދުވަހުން ފެށިގެން އެކުންފުންޏަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓާލަން ނިންމާފައިވާކަމަށެވެ.
ގެޒްޕްރޮމް އިން ވަނީ އެގައުމާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނީ ރުބެލް އިން ކަމަށް ބުނެ ރުބެލް އިން ފައިސާ ނުދެއްކޭ ނަމަ އެކުންފުންޏާއެކު މުއާމަލާތްތައް ނުކުރެވޭނެ ކަމަށް ހުޅަނގުގެ ގައުމުތަކަށް އަންގާފައެވެ. މޮގޮތަށް ރަޝިއާގެ ކުންފުނިން އަމަލުކުރަން ފަށާފައި ވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެގައުމާ ދެކޮޅަށް އަޅަން ފަށާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
މިފަދަ ގިނަ ސަޕްލައި ކޮންޓްރެކްޓުތައް އާންމުކޮށް އެކުލަވާލާފައި ވަނީ ޔޫރޯ އިން ނުވަތަ ޑޮލަރުން މުއާމަލާތްތައް ކުރާ ގޮތަށެވެ. ނަމަވެސް މިހާރު ރަޝިއާއިން މި މުއާމަލާތްތައް ކުރަން ބޭނުން ވަނީ އެގައުމުގެ ފައިސާ ރުބެލް އިންނެވެ. ރުބެލް އިން މުއާމަލާތްތައް ކުރަން ދެކޮޅުހެދުމުން މިދިޔަ މަހު އެގައުމުން ވަނީ ބަލްގޭރިއާ އަދި ޕޮލެންޑަށް ގޭސް ފޯރުކޮށްދިނުން ހުއްޓާލާފައެވެ.
ފިންލޭންޑަށް އެތެރެކުރާ މެޖޯރިޓީ އަކީ ރަޝިއާއިން އެތެރެކުރާ ގޭހެއެވެ. ނަމަވެސް ފިންލޭންޑުން އާންމުކޮށް އެނަރޖީ ބޭނުންކުރާ ވަރަށް ބަލާއިރު، އެގައުމުން ގޭސް ބޭނުން ކުރަނީ އެންމެ ފަސް އިންސައްތައެވެ.
ގެޒްޕްރޮމް އިން ގޭސް ފޯރުކޯށްދިނުން ހުއްޓާލުމާ ގުޅިގެން ފިންލޭންޑްގެ ގެސަމް ކުންފުނީގެ ޗީފް އެކްސެކިއުޓިވް މިކާ ވިލްޖަނެން ވަނީ ގެޒްޕްރޮމް އިން ނެޗުރަލް ގޭސް ސަޕްލައި ކުރުން ހުއްޓާލުމުން އެކަމާ ކަންބޮޑުވާކަމަށާއި އެހެން ނަމަވެސް މިފަދަ ހާލަތަކަށް އެކުންފުނިން ދިޔައީ މަޑުމަޑުން ތައްޔާރުވަމުންކަމަށް ވިިދާޅުވެފައެވެ. އެގޮތުން އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް އޮތް މަސްތަކުގައި ކުންފުނީގެ ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދޭނެ ކަމަށާއި ގޭސް ޓްރާންސްމިޝަންތަކަށް އެއްވެސް ބުރެއް ނާރާނެ ކަމަށް ވިދާޅުވިއެވެ.
ބުދަ ދުވަހު ގެސަމް އިން ވަނީ ރަޝިއާއިން ގޭސް ފޯރުކޮށްދިނުން ހުއްޓާލައިފި ނަމަ ފިންލޭންޑް އާއި އެސްޓޯނިއާ ގުޅުވައިދޭ ބެލްޓިކްކަނެކްޓަރ ޕައިޕްލައިން މެދުވެރިކޮށް އެހެން ސޯސްތަކުންވެސް އެކުންފުނީގެ ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.
ހުކުރު ދުވަހު ފިންލޭންޑް އިން ވަނީ އެމެރިކާގެ އެކްސެލެރޭޓް އެނަރޖީކުންފުނިން ސްޓޯރޭޖް އެންޑް ރީގެސިފިކޭޝަން ވެސެލް އެއް ޗާރޓާ ކުރަން ނިންމާފައިވާކަމަށް ބުނެފައެވެ. މިއީ މިއަހަރުގެ ހަތަރު ވަނަ ކުއަރޓާއިން ފެށިގެން ރަޝިއާއިން ނުލިބޭ ގޭހުގެ ސަޕްލައި ފޫބައްދަން ކަމަށް އެކުންފުނިން ބުނެއެވެ.
ގެޒްޕްރޮމް އިން ފިންލޭންޑަށް ގޭސް އެކްސްޕޯޓްކުރުން ހުއްޓާލަން ނިންމާފައިވާކަމަށް އިއުލާންކުރުމުގެ ކުރިން ކްރެމްލިންގެ ތަރުޖަމާން ޑްމިޓްރީ ޕެސްކޮވް ވަނީ ގެޒްޕްރޮމްގެ ސަޕްލައި ކޮންޓްރެކްޓްތަކުގެ ތަފުސީލު ސަރުކާރަށް ނޭނގޭކަމަށާއި އެއްވެސް އެއްޗެއް، އެއްވެސް ބަޔަކަށް ހިލޭ ސަޕްލައި ނުކޮށްދޭނެކަމަށް ހުކުރު ދުވަހު ވިދާޅުވެފައެވެ.