އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދެން ހަވާލުވެވަޑައިގަންނަވާނީ ލޭބަރ ޕާޓިގެ އެންތަނީ އަލްބަނީސްއެވެ.
އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ އާންމު އިތިހާބުން ލޭބަރ ޕާޓީ ކާމިޔާބު ހޯދަމުންދާއިރު، އެގައުމުގެ އައު ބޮޑުވަޒީރަކަށް ހޮވިވަޑައިގެންފައި ވަނީ ލޭބަރ ޕާޓިގެ އެންތަނީ އަލްބަނީސްއެވެ. މިއާއެކު މިހާރުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ބަލިގަބޫލުކުރައްވާކަން އިއުލާނުކުރައްވާފައެވެ.
ހޮނިހިރު ދުވަހުގެ އިންތިހާބަށްފަހު ބަލިގަބޫލުކުރައްވާކަން މޮރިސަން އިއުލާންކުރައްވާފައިވާއިރު، މޮރިސަން ވަނީ އަށް އަހަރާ ނުވަ މަސް ދުވަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވާފައެވެ.
މިހާތަނަށް އާންމުކޮށްފައިވާ އިންތިހާބުގެ ވޯޓުތައް ދައްކާގޮތުން އޮސްޓްރޭލިއާގެ ހުޅަނގުގެ ސަރަހައްދުތަކުންނާއި އަރބަން ސަރަހައްދުތަކުން މިހާރުގެ ލިބެރަލް-ނެޝަނަލް ކޯލިޝަނަށް ވަނީ ބޮޑު ނާކާމިޔާބީއާ ކުރިމަތިވެފައެވެ.
ޕާޓީގެ ލީޑަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ވާހަކަދައްކަވަމުން މޮރިސަން ވަނީ އިދިކޮޅު ލީޑަރުންނާ ދެން ގައުމުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަންނަވާ އަލްބަނީސް އާއި އެކު މަޝްވަރާތައް ކުރައްވައި އޭނާ އަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
އެހެނަމަވެސް އަދި އަމިއްލަ އަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ވަރަށް ލޯވަރ ހައުސްގެ ގޮޑިތައް ލޭބަރ ޕާޓީއަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެންމެފަހުގެ ރިޕޯޓުތައް ދައްކާގޮތުން 151 ގޮނޑީގެ ތެރެއިން ލޭބަރ ޕާޓީއަށް އަދި ކާމިޔާބުކުރެވުނީ 76 ގޮނޑިއެވެ. އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާ އިއުލާނުކުރަން އަދި ވަގުތު ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާންމުންގެ ހިޔާލު ހޯދުމަށް އޮސްޓްރޭލިއާގައި ނަގާފައިވާ ބައެއް ޕޯލްތައް ދައްކާގޮތުން ލޭބަރ ޕާޓީއަށް ފުދޭ ވަރެއްގެ ރަނގަޅު ކުރިއެރުމެއް ވަނީ ލިބިފައެވެ. ނަމަވެސް ސަރުކާރުން ކުރިއަށް ގެންދިޔަ ކެމްޕެއިންތަކުގެ ސަބަބުން އިދިކޮޅާ ދެމެދު އޮތް ފަރަގު ކުޑަވަމުންދާކަމަށް ބުނެއެވެ.