ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 17:27
އާސިސަޓް އޮޝޯލާ ބާސެލޯނާގެ ޖާޒީގައި
އާސިސަޓް އޮޝޯލާ ބާސެލޯނާގެ ޖާޒީގައި
ޓްވިޓަރ
ފުޓްބޯޅައިގައި އަންހެނުންގެ ދައުރު
ފުޓުބޯޅައިގައި އަންހެނުންނަށް މުސްތަގުބަލެއް އެބައޮތް
 
އެފްރިކާގެ ކުޅުންތެރިންތަކުގެ ތެރެއިން ސްޕެއިންގައި ރަން ބޫޓު ހޯދި ފުރަތަމަ ކުޅުންތެރިޔާއަކީ އޮޝޯލާ
 
އޮޝޯލާއަކީ އެފްރިކާގެ އެންމެ މޮޅު އަންހެން އެއް ފުޓުބޯޅަ ކުޅުންތެރިޔާ

އަންހެން ފުޓުބޯޅައިގައި މުސްތަގުބަލެއް އެބައޮތް ކަމަށް ބާސެލޯނާގެ އަންހެން ޓީމަަށް ކުޅެމުން އަންނަ އެފްރިކާގެ އާސިސަޓް އޮޝޯލާ ބުނެފިއެވެ.

ބާސެލޯނާއާއެކު އެފްރިކާގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވަނީ އޮޝޯލާ މިހެން ބުނީ އޭނާ ރޮއިޓަރސްއަށް ދިން އިންޓަވިއުއެއްގައެވެ.

އޭނާ ބުނީ އުންމީދަކީ މިއަހަރުގެ އަންހެން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިއޯން ބަލިކޮށް ތަށި އުފުލާލުމެވެ. އޭނާ ވަނީ ސީޒަނުގައި ބާސާއަށް ކުޅެދިން 19 މެޗުން 20 ގޯލު ޖަހާފައެވެ. އަދި ބާސާއާއެކު މި ސީޒަންގެ ސްޕެނިޝް ލީގު ވެސް އޭނާ ހޯދާފައިވެއެވެ. ބާސާއިން މި ފަހަރުގެ ލީގު ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމު ވަނީ ލީގުގައި ކުޅުނު 30 މެޗުން ވެސް މޮޅުވެފައެވެ. މިކަމާ ގުޅިގެން އޮޝޯލާ ބުނީ ކުޅިވަރު ކުރިއަރައިގެން ދާތީ ވަރަށް އުފާވާކަމަށެވެ.

ބާސެލޯނާއިން ވަނީ އަންހެން ފުޓުބޯޅައިގެ ރެކޯޑެއް ދެ ފަހަރު ހަދާފައެވެ. އެއީ އެންމެ ގިނައިން އަންހެން ފުޓުބޯޅައިގެ މެޗެއް ބަލަން ސްޕޯޓަރުން ވަތް އަދަދެވެ. އޭގެ ތެރޭގައި އެންމެ ފުރަތަަމަ ބާސާއިން މުގުރާލީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕޯޓަރުން ވަތް އަދަދެވެ. ބާސާގެ ކޭމްޕް ނޯވްގައި ކުޅުނު އެ މެޗު ބަލަން 91،553 މީހުން ވަނެވެ. އޭގެ ފަހުން ބާސާއިން ވަނީ އެ ރެކޯޑު ވެސް މުގުރާލާފައެެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ވޮލްވްސްބާގާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭޕްރީލް 22 ވަނަ ދުވަހު ކުޅުނު އެ މެޗު ބަލަން 91،648 މީހުން ވަނީ ވަދެފައެވެ. އެ މެޗުން ބާސާ މޮޅުވީ 5-1 ގެ ބޮޑު ނަތީޖާއަކުންނެވެ.

އަންހެނުން ފުޓުބޯޅައިން ފެނުމަކީ ބޮޑު ހައިރާން ކަމެއް އަދި އަހަރެންނަށް ހީވާ ގޮތުގައި މިއީ އަދި ފެށުމެއް. އަހަރެމެން ޖެހޭނީ އޭގެ ބޭނުން ހިފަން
އާސިސަޓް އޮޝޯލާ

މީގެ އިތުރުން އޭނާ ބުނީ މީހުން އަންހެން ފުޓުބޯޅައާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އަަހަރުމެން ވަރުބަލިވެއްޖެކަމަށެވެ. އަދި އަންހެން ފުޓުބޯޅައަށް އޮތް ޝައުގުވެރިކަން މިހާރު ބޮޑުކަމަށާއި، މެޗުތައް ބަލަން ދަނޑަށް ވަންނަ މީހުންގެ އަދަދު ވެސް އިތުރުވެއްޖެކަމަށެވެ. އޭގެ ތެރޭގައި ގިނަ ޖާޒީތައް ވިކުމާއި ޓީވީން މެޗުތައް ބަލާ މީހުންގެ އަދަދު ވެސް އިތުރުވެއްޖެކަމަށް ވެސް އޭނާ ބުންޏެވެ.

މީހުން އަންހެން ފުޓުބޯޅައާއި ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް މިހާރު އަހަރެމެން ވަރިބަލިވެއްޖެ. އިންޓަރަސްޓް އެބަ ބޮޑުވޭ. މެޗުތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެެ، ޖާޒީ ވިއްކުމާއި ޓެލެވިޝަން މެދުވެރިކޮށް މެޗުތައް ބަލާ މީހުންގެ އަދަދު ވެސް އިތުރުވެއްޖެ. އަހަރެން އަބަަދުވެސް މީހުން ގާތު ބުނާ ގޮތަށް އަންހެން ފުޓުބޯޅައަކީ ކުރިމަގެއް. އަހަރެމެން ޖެހޭނީ އޭގެ ބޭނުން ހިފަން
އާސިސަޓް އޮޝޯލާ

ނައިޖީރިޔާއަށް އުފަން އުމުރުން 27 އަހަރުގެ އޮޝޯލާއަކީ އެފްރިކާގެ އެންމެ މޮޅު އަންހެން އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ދެ ވޯލްޑް ކަޕެއްގައި ލަނޑު ޖަހާފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ވެސް އޭނާ ލަނޑު ޖެހިއެވެ. އަދި އޭނާ އަކީ އެފްރިކާގެ ކުޅުންތެރިންތަކުގެ ތެރެއިން ސްޕެއިންގައި ރަން ބީޓު ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

އޭނާ ބުނި ގޮތުގައި އެންމެ ފުރަތަަމަ ފުޓުބޯޅަ ކުޅެން ފެށުމަށް އޭނާގެ މައިންބަފައިން ދެކޮޅު ހެދިކަމަށެވެ. އޭނާ ބުނީ މައިންބަފައިން އޭރު ގަބޫލު ކުރި ގޮތުގައި ފުޓުބޯޅައަކީ އޭނާއާ ގުޅޭ ކުޅިވަރެއް ނޫން ކަމަށެވެ. އަދި އޭރު އެކުވެރިންނާއެކު މަގުމަތީގައި ކުޅުމަށް ވެސް މައިންބަފައިން މަނާކޮށްފައި އޮންނަ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި 2018 ވަނަ އަހަރު އާސިސަޓް އޮޝޯލާ ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފެއްްދުމުގެ ބޭނުމަކީ ޒުވާން އަންހެން ކުދިންނަށް ކުޅިވަރުގެ ކެރިއަރެއް އުފެއްދުމަށް އެހީވުމަށެވެ. އަދި އެކަން އޭނާ ކުރީ ވަރަށް ގިނަ ކަންކަން ހުރަސްކުރުމަށްފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ޒަުވާން ދުވަސްވަރު އޭނާއަށް ދިމާވި ފަދަ ދަތި އުނދަގޫތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންނަށް ވެސް ކުރިމަތިވަމުންދާކަން އޭނާއަށް އިނގޭކަމަށެވެ. ކުރިއަށް ދިޔުމަށް އޭނާ އަށް ކުރިމަތިވި އުނދަގޫތައް އިނގޭކަމަށާއި، އޭނާގެ ބޭނުނަކީ އަންހެން ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އޭނާ ބުނީ މީގެ ތިން އަހަރު ކުރިން ލިއޯން އަތުން ބަލިވުމުގެ ބަދަލު މިއަހަރުގެ ފައިނަލުން ހިފޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އޭނާ ބުނީ މިދިޔަ ސީޒަނުގައި ޗެލްސީ ބަލިކޮށް ތަށި ހޯދި ގޮތަށް، މިއަަހަރުގެ ތަށި ހޯދުމަށް ވެސް މުޅި ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މިދިޔަ އަހަރު ބާސާއާއެކު ޗެމްޕިއަންސް ލީގު ލިބުމަކީ އޭނާގެ ކެރިއަރުގައި އަދިވެސް ކުރަން ބޭނުންވާކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް