ސްރީލަންކާގައި ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އެ ގައުމުގެ އާއްމުން މުޒާހަރާ ކުރަންފަށައިފިއެވެ.
ލަންކާގެ އިގުތިސާދީ ހާލަތު ދަށްވެ، އެ ގައުމުގައި ތެޔޮ ގަންނާނެހާ ލާރިއެއްވެސް ނެތް ކަމަށް، ބޮޑުވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގެންވި ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ. އެ ގައުމުގައި ޕެޓްރޯލާއި ޑީސަލް ހުސްވާން ކައިރިވެފައިވާއިރު، އެ ގައުމަށް އެތަކެތި އެތެރެކުރެވޭކަށް ވެސް ނެތެވެ.
އެކަމާ ގުޅިގެން ރައްޔިތުންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދޭން ގޮވާލައި، މުޒާހަރާތައް ފަށާފައިވަނީ ހޮނިހިރު ދުވަހު ހެނދުނުއެވެ. އެގޮތުން، މަގުތަކުން އުޅަނދުތަކަށް ނުދެވޭގޮތަށް ބައެއް މަގުތައް ވެސް އާއްމުން ވަނީ ބަންދުކޮށްފައެވެ. މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސިފައިންވެސް ވަނީ ނުކުމެފައެވެ.
ތެލުގެ މައްސަލައާ ގުޅޭގޮތުން ލަންކާގެ ޕަވަރ އެންޑް އެނާޖީ މިނިސްޓަރާ ހަވާލާދީ އެ ގައުމުގެ މީޑިޔާތަނުން ބުނެފައިވަނީ، ހޮނިިހިރު ދުވަހު ތެލުގެ އާ ޝިޕްމަންޓެއް ލިބޭނެކަމަށެވެ. އޭނާ ވިދާޅުވީ ތެޔޮ އުޅަނދުތަކަށް ގެއްލުންދޭނެކަމުގެ އިންޒާރު ބައެއް ގްރޫޕުތަކުން ދޭކަމަށާއި، ބައެއް ހިސާބުތަކުން އެ އުޅަނދުތައް ހުއްޓުވައި ފޭރެމުންދާ ކަމަށެވެ. މި ގޮތަށް ކަންކަން ކުރާނަމަ، ތެޔޮ ޑެލިވަރީ ކުރުން ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
ތެލުގެ އިތުރުން، ލަންކާގައި ކައްކާ ގޭސް ވެސް ވަނީ ހުސްވެފައެވެ. އެކަމާގުޅިގެން ވެސް ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. ތެލާއި ގޭސް ލިބުން ދަތިވުމުގެ ސަބަބުން އެ ހޯދަން ދިގު ކިޔޫތަކެއް ވެސް ވަނީ ހަދާފައެވެ.
އެ ގައުމުގައި ކައްކާ ގޭސް އުފައްދާ ކުންފުންޏެއް ކަމަށްވާލިޓްރޯ ގޭސްއިން ވަނީ 80،000 ގެސްފުޅި ބަހަން ނިންމާފައިވާ ކަމަށް ބުނެފައެވެ. މީގެ 60 އިންސައްތަ ބަހަން ނިންމާފައިވަނީ ކޮލަމްބޯއާއި ގަމްޕަހާ ޑިސްޓްރިކްޓުގައެވެ.