މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 10 ބިލިއަނަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކުވެސް އާންމު ކުރަމުންދާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ މެއި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 10.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.7 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައިވަނީ ޓެކްސްއިންނެވެ. މި މުއްދަތުގައި ޓެކްސްއިން ލިބުނު އާމްދަނީ ވަނީ 7.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ 3 ބިލިއަނަށް އަރާއިރު ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގްރާންޓްސްގެ ގޮތުގައި 137.5 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.
މިހާތަނަށް 12.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ރިކަރަންޓް ޚަރަދުގެ ތެރެއިން މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 3.6 ބިލިއަން ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. ހިންގުމުގެ ޚަރަދުގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ކެޕިޓަލް ޚަރަދުގެ ތެރެއިން ކެޕިޓަލް އިކުއިޕްމެންޓް ހޯދުމަށް 117.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެކި މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޑިވެލިޕްމެންޓް މަޝްރޫއުތަކަށް 933.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.