ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެ ޓީމާއެކު ހަދާފައިވަނީ އެއްބަސްވުން އައު ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނީ ރެއާލާއެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތުގެ 2023 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އިތުރުކުރާނެ ކަމުގައެވެ. އަދި ވަރަށް އަވަހަށް އެ އެއްބަސްވުމުގައި އޭނާ ސޮއިކުރާނެ ކަމަށެވެ.
މޮޑްރިޗް ބުނި ގޮތުގައި އޭނާއަށް ހުރިހާ ވެސް އެއްޗަކީ ރެއާލްއެވެ. އަދި ރެއާލަކީ އޭނާގެ ހޯމް ކަމަށާއި، ރެއާލްގައި އޭނާ ހުންނަނީ ނުހަނު ހިތްހަމަ ޖެހިގެން ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ރެއާލްގެ އެއްބައި ކަމަށާއި، އަބަދު ވެސް އޭނާ އަކީ ރެއާލްގެ މީހެއް ކަމަށެވެ.
ޑައިނަމޯ ޒަގްރެބުން ސީނިއާ ކެރިއަރު ފެށި މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. ރެއާލަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ޓޮޓެންހަމަށް ވެސް ކުޅެފައެވެ. ޓޮޓެންހަމުގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމާއެކު 127 މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ އެ ޓީމަށް 13 ލަނޑު ޖަހައިދީފައެވެ. ރެއާލަށް ބަދަލުވި ފަހުން މޮޑްރިޗް ވަނީ މިހާތަނަށް އެ ޓީމާއެކު 293 މެޗު ކުޅެ 22 ލަނޑު ޖަހާފައެވެ.
މޮޑްރިޗް ވަނީ ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ހޯދާފައެވެ. މީގެ އިތުރުން ސްޕެނިޝް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދާފައިވެއެވެ. އަދި އޭނާ ވަނީ ރެއާލާއެކު ކޮޕަ ޑެލްރޭ މުބާރާތް އެއް ފަހަރު ހޯދާފައެވެ. މީގެ އިތުރުން މޮޑްރިޗް ވަނީ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު 2018 ވަނަ އަަހަރުގެ ބެލެންޑިއޯ އެވޯޑު ވެސް ހޯދާފައެވެ.