ވީހާވެސް އަވަހަށް ނޭޓޯގެ މެމްބަރަކަށް ވެވިއްޖެ ނަމަ ގައުމަށް އެންމެ ރަނގަޅު ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށް ފިންލޭންޑްގެ ބޮޑުވަޒީރު ސަނާ މާރިން ވިދާޅުވެއްޖެއެވެ.
ފިންލޭންޑްގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައި ވަނީ އެގައުމުން ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ރަސްމީކޮށް ފޯމު ހުށަހެޅުމަށް ފަހު ރޯމްގައި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ އާ ބައްދަލުކުރެއްވުމަށް ފަހުއެވެ.
ފިންލޭންޑް އަދި ސްވިޑްން އިން ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ރަސްމީކޮށް ފޯމު ހުށަހަޅާފައި ވަނީ ބުދަ ދުވަހުއެވެ. މި ދެގައުމުން ނޭޓޯ އާ ގުޅެން ނިންމާފައި ވަނީ މިހާރު ކުރިއަށްދާ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެންނެވެ.
ފިންލޭންޑް އަދި ސްވިޑްން އިން ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް އެޖަމިއްޔާގެ ގައުމުތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ނަމަވެސް، އެޖަމިއްޔާގެ މެމްބަރެއް ކަމަށްވާ ތުރުކީ އިން ވަނީ މި ދެ ގައުމުން ނޭޓޯ އާ ގުޅުމަށް އެގައުމުން ތާއީދު ނުކުރާ ކަމަށް ބުނެފައެވެ.
ރޯމްގައި އިޓަލީގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ފިންލޭންޑްގެ ބޮޑުވަޒީރު ސަނާ މާރިން ވަނީ ނެޓޯގެ މެމްބަރުކަން ލިބުމަކީ މިވަގުތު ފިންލޭންޑް އަދި ސްވިޑްން އަށްވެސް ރައްކާތެރިކަން ލިބޭނެކަން ކަށަވަރުވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އިޓަލީގެ ބޮޑުވަޒީރު ޑްރާގީ ވަނީ މި ދެގައުމުން ނޭޓޯއާ ގުޅުމަށް އެދެ ގައުުމުން ތާއީދު ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެޖަމިއްޔާގެ މެމްބަރު ގައުމަކަށް މިދެ ގައުމު ހެދުމަށް ވީހާވެސް އަވަހަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި އިޓަލީގެ އެހީ ލިބޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ޑްރާގީ ވަނީ ނޭޓޯއަށް ބަރޯސާ ވާ "ހަގީގީ ޑިފެންސް" އެއް ހުޅަނގުން ގާއިމުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.