ކ. މާލެ
|
18 މެއި 2022 | ބުދަ 12:43
މާޒިޔާގެ ކޯޗު ޖެސިކް
މާޒިޔާގެ ކޯޗު ޖެސިކް
ފޭސްބުކް
އޭއެފްސީ ކަޕް 2022
ފޭވަރިޓުން ކަނޑައަޅާނީ މެޗަށްފަހު: ޖެސިކް
ފޭވަރިޓުން ކަނޑައަޅަން ވާނީ މެޗަށްފަހު

ފޭވަރިޓުން ކަނޑައަޅަން ވާނީ މެޗަށްފަހުގައި ކަމަށް މާޒިޔާ ސްޕޯޓްްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މަޔޮޑްރަގް ޖެސިކް ބުނެފިއެވެ.

އޭނާ މިހެން ބުނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕް ޑީގައި ބަންގްލަދޭޝްގެ ބަޝުންދަރާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އޭއެފްސީ ކަޕްގެ ފޭވަރިޓުންނަކީ ކޮން ޓީމެއްތޯ ޖެސިކާ ސުވާލުކުރުމުން އޭނާ ބުނީ ފުޓުބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށެވެ. އަދި ޚާއްސަކޮށް މިފަަދަ ބޮޑު މުބާރާތެއްގައި ކޮންމެ މިނެޓަކީ ވެސް އެހާމެ މުހިންމު އެއްޗެއް ކަމަށް އޭނާ ބުންޏެވެ. މިކަހަލަ މުބާރާތެއްގެ މެޗެއްގައި ހެދޭ ކުޑަ މިސްޓޭކަކުން ވެސް މުޅީ ގޭމު ބަދަލުވެދާނެކަން ޖެސިކް ފާހަގަކުރިއެވެ.

އޭނާ ބުނީ ކޮންމެ ކުލަބަކީ ވެސް ބޮޑު ކުލަބެއްކަމަށާއި، ކުލަބުތަކުގައި ހިމެނޭ މޮޅެތި ކުޅުންތެރިންނާއެކު ކުލަބުތަކަށް އިހްތިރާމް ހައްގުކަމަށެވެ. އަދި ފޭވަރިޓުން ކަނޑަ އެޅުމުގެ ވާހަކަ ކުލަބުތަކަށް ދޫކޮށްލުމަށް ވެސް އޭނާ ވަނީ އެދިފައެވެ. އޭނާ ބުނީ ފޭވަރިޓުން ކަނޑައަޅާނީ މެޗަށް ފަހު ކަމަށެވެ. އޭގެ ކުރިން ފޭވަރިޓުން ކަނޑައެއް ނޭޅޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މާޒިޔާގެ ކުޅުންތެރިންނާމެދު އޭނާއަށް އިތުބާރު އޮތް ކަމަށެވެ. ރަނގަޅު ކުޅުމެއް ކުޅެވިއްޖެ ނަމަ އޭގެ ނަތީޖާ ފެންނާނެ ކަމަށާއި، މާޒިޔާގެ ފަރާތުން ފެންނަމުން އައި މޮޅު ކުޅުން މިފަހަރު ވެސް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޖެސިކް އިތުރަށް ބުނީ މިދިޔަ އަހަރު ބަޝުންދަރާ އަތުން 2-0 ން ބަލިވެފައި އޮތުމުން މި މެޗުގެ ފޭވަރިޓުންގެ ރޯލު އޭނާ ދޭނީ އެ ޓީމަށް ކަމުގައެވެ. އަދި މިފަހަރުގެ މެޗުގައި މާޒިޔާއިން އެމީހުން ސްޓައިލްގެ މޮޅު ކުޅުމެއް ކުޅެ، ކުރީ ފަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް މަަސައްކަތް ކުރާނެ ކަމަށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިޔާގެ ގްރޫޕް ޑީގައި މާޒިޔާ އާއި ބަޝުންދަރާ ބައްދަލުކުރާ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ 20:00 ގައެވެ. މި ގްރޫޕްގެ މެޗުތައް ކުޅޭނީ އިންޑިއާގެ ކަލްކަތާއި ހުންނަ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ.

- ކޮމެންޓް