ސައޫދީ އަރަބިއްޔާގެ އިގްތިސާދީ މަސައްކަތްތަކުގައި އަންހެނުން ބައިވެރިވާ ނިސްބަތް އެގައުމުގެ މުޅި ތާރީޚްގައިވެސް ނުދާހާ މައްޗަށް ގޮސްފައިވާކަމަށް އެގައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ފޯ ލޭބަރ އަބްދުﷲ އަބޫތުނައިމް ވިދާޅުވެއްޖެ އެވެ. "ސައިންޓިފިކް ކޮންފަރެންސް ފޯ ލޭބަރމާކެޓް ރިސަރޗް ސަޓަޑީސް" ބައްދަލްވުމުގައި މުޚާތަބުކުރައްވަމުން އޭނާ ވިދާޅުވީ އިގްތިސާދީ މަސައްކަތްތަކުގައި ސައޫދީ އާންމު ރައްޔިތުން ބައިވެރިވާ ނިސްބަތް 51.5 އިންސައްތަޔަށް އަރާފައިވާއިރު އަންހެނުންގެ ބައިވެރިވުމުގެ ނިސްބަތް މިހާރު 35.6 އިންސައްތަޔަށް އަރާފައިވާ ކަމުގައެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ހިއްސާވާ އަންހެނުންނާއި ފިރިހެނުންގެ އަދަދު މިހާރު ދެމިލިއަންއަށް ވުރެއިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބޫތުނައިމް ވިދާޅުވީ ސައޫދީ ވަޒީފާގެ މާކެޓަށް މިވަގުތުވަނީ މުހިންމު އިސްލާހުތަކެއް ގެންނަން ފަށާފައި ކަމަށާއި މިގޮތުން ޚާއްސަ 8 ދާއިރާއެއް ފާހަގަކޮށް މިދާއިރާތަކަށް ފަންސަވީސް އިނީޝިއޭޓިވް، ނުވަތަ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ހިއްވަރުދޭ ޕްރޮގްރާމްތައް ތައާރަފް ކޮށްފައިވާ ކަމުގައެވެ. އަދި ދުއިސައްތަ ޕްރޮފެޝަނެއްގެ ސްޓޭންޑާޑް ކަނޑައަޅާ ވަޒީފާގެ ކަންކަން ބެލުމަށް ސްކިލް ކައުންސިލްތައް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައޫދީ އަރަބިއްޔާގައި މީގެ ކުރިން އޮތީ އަންހެނުން ވަޒީފާތަކަށް ގޮސް އިގްތިސާދީ މަސައްކަތްތައް ކުރުމަށް ހިތްވަރު ދޭ ގޮތަކަށް ނޫނެވެ. ނަމަވެސް އެގައުމުގެ ވަލީއަޙްދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ ޚާއްސަ މަސައްކަތްޕުޅެއްގެ ދަށުން މިކަންގެންދަނީ ބަދަލު ކުރަމުންނެވެ. ދާދި ފަހުން އެގައުމުގައި ވަނީ ރޭލު ދުއްވާނެ އަންހެން ޑްރައިވަރުން ހޯދުމަށްވެސް އިއުލާން ކޮށްފައެވެ. އަދި އެތައްހާސް ބަޔަކު އެވަޒީފާއަށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.