ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސްގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް މަސައްކަތްކުރާ ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ބުނެފިއެވެ.
މީގެ ކުރިން 2016 އަހަރު ބާސާ ދޫކޮށްލުމަށްފަހު އޭނާ ބާސާއަށް އެނބުރި އައީ ހުސްވި 2021 ވަނަ އަހަރުއެވެ. އެ އަހަރު އޭނާ ބާސާއާ ގުޅުނީ އެ ޓީމުގެ އައު ކޯޗު ޒަވީ ހެނާންޑޭޒްގެ އެދުމުގެ މަތިންނެވެ. އޭނާ ބާސާއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގައެވެ. އޭނާ ބާސާއަށް ގެނެސްފައިވަނީ ކުލަބުގެ އެންމެ ކާމިޔާބު ދުވަސްވަރު ޓީމަށް ކުޅުނު ކުޅުންތެރިއަކު އަލުން ގެނެސް، މިހާރު އޮތް ޒުވާން ސްކޮޑަށް ނަމޫނާ ދައްކާނެ ލީޑަރެއް ހޯދުމުގެ ބޭނުމުގައި ކަމަށް ޒަވީއާ ހަވާލާދީ އޭރު މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އަލްވޭސްއާ ގުޅޭ ގޮތުން ބާސާގެ ރައީސް ލަޕޯޓޭ ބުނީ ބާސާއިން އަލްވޭސްއާ ބައްދަލު ކުރާނެ ކަމަށެވެ. އަދި އެއަށްފަހު ބާސާގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކައި ނިންމުމެއް ނިންމާނެކަަމަށެވެ. އަދި މި އަަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ކުޅެން ވެސް އަލްވޭސް ބޫނުންވާ ކަމަށް ލަޕޯޓާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ ބާސާއާއި އަލްވޭސްއާ ދެމެދު ހަދާފައިވާ އެއްބަސްވުން ހަ މަސް ދުވަހަށް އިތުރުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް، ވާނެ ގޮތެއް ޖެހޭނީ ބަލަން ކަމުގައި އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ އަލްވޭސް ބާސާއަށް ގުޅުނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު ބާސާއަށް 247 މެޗު ކުޅެދީ 14 ލަނޑު އޭނާ އެ ޓީމަށް ޖަހައިދިނެއެވެ. އޭނާ ބާސާ ދޫކޮށް 2018 ވަނަ އަހަރު ބަދަލުވީ ޔުވެންޓަަސްއަށެވެ. އޭގެ ފަހުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ސައޮ ޕައޮލޯއަށް ވެސް އޭނާ ކުޅުނެވެ. މިދިޔަ 2021 ވަނަ އަހަރު އަނެއްކާ ވެސް ބާސާއަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބަށް މިހާތަނަށް 13 މެޗު ކުޅެދީފައެވެ.
ބާސާގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމާއެކު 23 ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.