"އަޅުގަނޑުމެން އެބަޖެހޭ ކުޅިވަރު ވިޔަފާރިއަކަށް ބަދަލުކުރަން. ވިޔަފާރިއަކަށް ބަދަލުކުރަން އަޅުގަނޑުމެން އެބަޖެހޭ ޕްރޮޑަކްޓެއް ކްރިއޭޓްކުރަން. "މިއީ ވޮލީބޯޅަ އެސޯސިއޭޝަންގެ މިހާރުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އެކުޅިވަރުން ކުރިއެރުން ހޯއްދަވަން ގެންގުޅުއްވާ އެންމެ ބޮޑު ވިސްނުންފުޅެވެ.
ރަނޭގެ ވިޔަފާރީގެ ހިޔާލުތަކުގެ ތެރެއިން ކުޅިވަރު ވިޔަފާރިއަކަށް ބަދަލުކުރުމުގެ ވިސްނުން ގުންގުޅުއްވަނީ ކްލަބްތައް ބާރުވެރިކޮށް, ފުދުންތެރިކުރުވުމަށެވެ. ވިޔަފާރިތަކުގެ ބައިވެރިވުން ކުޅިވަރަށް ހޯދުމާއެވެ. ކުރުކޮށް ބުނާނަމަ ސްޕޮންސަރުންގެ އިތުބާރު ހޯދައިގެން, ސްޕޮންސަރުން ޝައުޤުވެރިވާ އެއްޗަކަށް ކުޅިވަރު ހެދުމެވެ. މިއަހަރުގެ ވޮލީބޯޅަ ސީޒަނަކީ ލޯކަލް ލީގު ވަރުގަދަކުރުމާ އެއްވަރަށް ސްޕޮންސަރުންގެ އިތުބާރު ކުޅިވަރަށް, ދިވެހި ވޮލީއަށް ހޯދުމަށް ރަނޭގެ ޚާއްޞަ ވިސްނުންތަކެއް އޮތް ސީޒަނެކެވެ. މިސީޒަންގައި އޭނާގެ އެންމެ ބޮޑު އެއް މަސައްކަތަކީވެސް ސްޕޮންސަރުންގެ އިތުބާރު ވޮލީއަށް ހޯއްދެވުމެވެ.
އަޅުގަނޑުމެންނަށް ޕްރޮޑަކްޓެއް ހެދިއްޖެނަމަ ޕްރޮޑަކްޓް ހިފައިގެން މިއަންނަ އަހަރު ނިކުތީމަ ސްޕޮންސަރުން ލިބޭނެ.މުޙައްމަދު ރަނޭޝް / ވީއޭއެމްގެ ރައީސް
ރަނޭގެ ލީޑަރޝިޕްގައި މިއަހަރު މަސައްކަތްކުރަނީ މިއަންނަ އަހަރަށްވެސް ވިސްނަވައިގެންނެވެ. މިއަހަރު ލިބުނު ސްޕޮންސަރޝިޕްގެ ބޭނުން ހިފަނީ އަންނަ އަހަރަށް އެމީހުންގެ އިތުބާރު ހޯއްދަވައިގެން "ބޮޑު" ސްޕޮންސަރޝިޕެއް އަންނަ އަހަރުގެ ސީޒަންގައި ހޯދުމަށެވެ. އެކަން ކުރެވޭނީ ރާއްޖޭގެ ލޯކަލް ސީޒަން ވަރުގަދަކޮށްގެންނެވެ. ކްލަބްތައް ވާދަވެރިކޮށްގެންނެވެ. ވޮލީގެ ފޯރި ގެނެސްގެންނެވެ. ކްލަބްތައް ވަރުގަދަކޮށް ވާދަވެރިކަން ބޮޑުކުރަން އަޅާ އެންމެ މުހިއްމު ފިޔަވަޅަކީ ކްލަބްތަކަށް ދޭ ޓެކްނިކަލް އެހީގެ ތެރެއިން ބިދޭސީ މޮޅު ތިން ކުޅުންތެރިން ފިރިހެން ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދިނުމެވެ. އޭރުން ކޮންމެ ކްލަބެއްވެސް ވަރުގަދަވެ, މުބާރާތުގެ ތަށްޓަށް ވާދަކުރަމުން އައި ދެ ކްލަބް ހަ ކްލަބަށް ބަދަލުވާނެކަމަށް ރަނޭ ޤަބޫލުކުރައްވައެވެ.
ނަތީޖާއަކަށް ވާނީ މޮޅު ކުޅުންތެރިންގެ ކުޅުން ބަލަން ސަޕޯޓަރުން ވަނުމެވެ. މޮޅު ވޮލީ މެޗެއް ބަލަން ވަނުމުގެ ޝައުޤު އުފެދުމެވެ. މޮޅު ކުޅުންތެރިޔާއަށް ސަޕޯޓް ކުރުމެވެ. އެކުޅުންތެރިޔާ ކުޅޭ ކްލަބަށް ސަޕޯޓް ކުރުމެވެ. ގެއްލިފައި އޮތް ސަޕޯޓަރުންގެ ފޯރި އަނބުރާ އައުމެވެ. މިއީ ރަނޭގެ ވިސްނުމެވެ. އޭނާ ޤަބޫލުކުރާ ގޮތެވެ. ލީގަށް ގެންނަ ކުޅުންތެރިން ރިއަލިޓީ ޝޯވއެއްގެ ތެރެއިން ކްލަބްތަކަށް ބެހިގެންގޮސް ލީގު ވަރުގަދަ ވާނެކަމަށް ރަނޭ ޤަބޫލުކުރައްވައެވެ.
ސްޕޮންސަރުން އަޅުގަނޑުމެން ކުޅިވަރާ ދޭތެރޭ ދެކޭދެކުން ބަދަލުވާންޖެހޭ. އެބޭފުޅުން އަޅުގަނޑުމެންގެ ކުޅިވަރަށް އިތުބާރުކުރަން އެބަޖެހޭ. އިތުބާރުކުރާވަރުގެ ޕްރޮޑަކްޓެއް ހިފައިގެން އަޅުގަނޑުމެން ނިކުމެއްޖެނަމަ ސްޕޮންސަރ ކޮށްދޭނެ މީހުން އެބަތިބިމުޙައްމަދު ރަނޭޝް/ ވީއޭއެމްގެ ރައީސް
ސްޕޮންސަރުންގެ އިތުބާރު ހޯދުމަށް ކުރަން އޮތް އެންމެ މުހިއްމު ކަމަކީ މިއަހަރު ލިބުނު ސްޕޮންސަރޝިޕްގެ ދަށުން ލިބުނު ފައިސާ ރަނގަޅު ގޮތުގައި އިންވެސްޓްކުރުމެވެ. ވީހާވެސް ރަނގަޅު ގޮތުގައި އެޕްރޮޑަކްޓް ވުޖޫދަށް ގެނައުމެވެ. އެހެން އެކަން ކުރެވިއްޖެނަމަ ހުރިހާ ޑިވިޝަނަކަށްވެސް ބިދޭސީ ކުޅުންތެރިން ގެނެސް ހުރިހާ ޑިވިޝަނެއްވެސް ވަރުގަދަކޮށް, ވާދަވެރިކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ރަނޭ ޤަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ މިއީ ފެށުމެއްކަމަށެވެ. ފަށަން ފުރަތަމަ އެއް ޑިވިޝަނަށް ފޯކަސް ކުރިނަމަވެސް އުއްމީދަކީ ސްޕޮންސަރުންގެ އިތުބާރު ހޯދައިގެން އެހެން ޑިވިޝަންތަކަށްވެސް އެހީތެރިކަން ބޮޑަށް ފޯރުކޮށްދިނުމެވެ. ހުރިހާ ޑިވިޝަނެއްވެސް ވަރުގަދަކުރުމެވެ.
ވޮލީބޯޅަ ސީޒަން އަންނަ މަހު ފަށާނެއެވެ. މެދުނުކެނޑި ދިގުދެމިގެންދާ ވޮލީބޯޅަ ސީޒަނަށްފަހު ޑިސެމްބަރު މަހު ޤައުމީ ޓީމް ވާދަކުރާނީ ސެންޓްރަލް ޒޯންގައެވެ. ޑިސެމްބަރު މަހު އެމުބާރާތް އޮންނާނީ މާލޭގައެވެ. ލޯކަލް ލީގުގެ ވަރުގަދަކަން އެމުބާރާތުން ވަޒަންކޮށްލެވޭނެއެވެ. މިސީޒަންގައި ގެންނަ ބަދަލުތަކުގެ ފައިދާ ކުރި މިންވަރެއްވެސް ތަޖުރިބާކޮށްލެވޭނެއެވެ.