ކ. މާލެ
|
10 ޖޫން 2017 | ހޮނިހިރު 05:28
އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލާސަން
އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލާސަން
ރޮއިޓަރސް
ގަތަރުގެ މައްސަލަ
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
ގަތަރުގައި ކާބޯތަކެތި ވަނީ މަދުވެފައި
އިންސާނީ މުސީބާތެއް ޖެހުމުގެ ބިރު އެބައޮތް
ރޯދަ މަހު މިކަންކަން މިހެން ދިމާވުން އަދި ވަކިން ކަންބޮޑުވޭ

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފިއެވެ.

ސައުދީ އަރަބިއްޔާ އިސްވެ، ގަލްފްގެ ގައުމުތަކާ ގުޅިގެން ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވިދާޅުވީ އެ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ މުސީބާތެއް އުފެދިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އައިސިސް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ގަތަރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހުރަސް އެޅޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ބަހްރޭން، އަދި މިސްރަށް ގޮވާލަން ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރަން" ހުކުރު ދުވަހު ޓިލާސަން ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއިން އިސްވެ އައިސިސް އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ވަރަށް ބޮޑަށް ހުރަސް އެޅޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާއިން އުއްމީދު ކުރަނީ، މިހާރުން މިހާރަށް މި ފިޔަވަޅުތައް ލުއިކުރުމަށް ގައުމުތަކުން މަސައްކަތް ކުރާނެ ކަމަށާއި، ހިތްހަމަ ނުޖެހުންތައް ނައްތާލުމަށް ރަނގަޅު ގޮތުގައި ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ފަށާނެ ކަމަށެވެ.

ގަތަރަށް ފިއްތުންތައް އިތުރު ކުރުމަށް ގަތަރާ ދެކޮޅަށް މަސައްކަތް ކުރާ ގައުމުތަކުން ބުރާސްފަތި ދުވަހު ވަނީ ގަތަރާ ގުޅުންހުރި ކަމަށްބުނާ ޓެރަރިސްޓުންނާއި ޓެރަރިސްޓް ޖަމާއަތްތަކެއްގެ ކަޅު ލިސްޓެއް އާއްމު ކޮށްފައެވެ.

ގަތަރުން ބުނެފައިވަނީ މިއީ އެ ގައުމުން ގަބޫލު ކުރާ ލިސްޓެއް ނޫން ކަމަށެވެ.

އެމެރިކާއިން ދެކޭ ގޮތުގައި ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ސަރަހައްދުގެ ވިޔަފާރިއަށް އަދި ބައިނަލް އަގްވާމީ ވިޔަފާރިއަށްވެސް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.

ޓިލާސަން ވިދާޅުވީ، ގަތަރުގައި ކާބޯތަކެއްޗަށް ޖެހުމުގެ ބިރު އުފެދިފައިވާ ކަމަށާއި، ކުޑަކުދިންނަށާއި އާއިލާތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. ޚާއްސަ ގޮތެއްގައި ރޯދަ މަހު މިފަދަ ދަތިތަކެއް ކުރިމަތިވެފައި ވުމީ ކަންބޮޑުވެ ވަޑައިގެންނަވާ ކަމެއް ކަމަށާއި މިކަންކަން އަވަހަށް ހައްލު ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ޓިލާސަން ވިދާޅުވީ، ކުވޭތުގެ އަމީރު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ސުލްހައިގެ މަސައްކަތްތަކަށް އެމެރިކާއިން ތާއީދު ކުރާކަމަށާއި، މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކަންކަން ފެންނަން އެބަހުރި ކަމަށެވެ.

ގަތަރުގައި މިހާރުވެސް އެމެރިކާގެ އެގާރަހާހަށްވުރެ ގިނަ ސިފައިން ގާއިމްވެފައި އެބަތިއްބެވެ. އަދި ގަތަރުގައި ގާއިމް ކޮށްފައިވާ އެމެރިކާގެ ބޭސް އިން ސަތޭކަ މަތިންދާ ބޯޓު އޮޕަރޭޓް ކުރެއެވެ.

- ކޮމެންޓް