ބ އަތޮޅުން ފެށިގެން މ އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:30ން ފެށިގެން 10:30ށް އެސަރަހައްދަށް ޔެލޯ އެލަރޓް ނެރެފައިވާކަމަށެވެ. މިގަޑިތަކުގައި ގަޑިއަކު 25 މޭލަށް 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ދެކުނުގެ ބައެއް އަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ވައިޖެހޭނެކަމަށް ބެލެވެނީ ހުޅަނގުދެކުނާއި ހުޅަނގުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.