މެދުރާއްޖެތެރެއާ އުތުރުގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ހޮނިހިރު ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ސަލާމަތީ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ ރ އަތޮޅުން ފެށިގެން ވ އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. ހުކުރު ދުވަހުގެ ރޭ މެންދަމު 2ން ހޮނިހިރު ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. މިގަޑިތަކުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެއިތުރުން ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.