ކ. މާލެ
|
13 މެއި 2022 | ހުކުރު 16:40
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ
ރާއްޖެއެމްވީ
ދަރިންނަށް ވަގުތު ދިނުން
ދަރިންނަށް މުހިންމީ މައިންބަފައިންގެ އަގުހުރި ވަގުތު، ފައިސާއެއް ނޫން!
 
ބިޒީ ޝެޑިއުލް އިން އެ ކުއްޖާއަށް ބޭނުންވަނީ އުފާވެރި ވަގުތު ކޮޅެއް

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަރު ކުރުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ބާރެކެވެ. ގައުމުގެ މުސްތަޤްބަލް އަށްޓަކާ ވެސް ކުރަން ލާޒިމް ކަމެކެވެ. ދަރިންނަށް އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމުން އެކަމުގެ ހެޔޮ ނަތީޖާ ހުރިހާ ދިމާލަކުން ފެންނާނެއެވެ. އިސްލާމްދީނުގައިވެސް ބާރުއަޅަނީ އެއަމާޒަށް ވާސިލުވުމަށެވެ. ރަނގަޅަށް ދަރިން ތަރުބިއްޔަތު ކުރުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތުގައި އެކަމުގައި ގާއިމުވެ ތިބި މީހުންނަށް ސަވާބާއި ދަރުމަ ﷲ ދެއްވާ ކަމެކެވެ. އަދި އޭގެ ފައިދާ ކުދިންނަށާ މައިންބަފައިންނަށް އަދި މުޅި ގައުމަށްވެސް ކުރާނެއެވެ.

ދަރިންނަކީ ހަވާލު ކުރެވިފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އާއިލާއެއް ބިނާކޮށް ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށްދިނުމުގައި ދެމަފަރިންގެ ޒިންމާ ވެސް ބޮޑެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ ހަމައެކަނި މަންމަގެ އެކަނި ޒިންމާ އެއް ނޫނެވެ. ގިނަ ފަހަރަށް ހީވެފައި އޮންނަނީ ބައްޕަ ދަރިންނަށް ޚަރަދު ދިނުމުން އެހިސާބުން ބައްޕަގެ ދައުރު ނިމުނީ ކަމަށެވެ. ނުވަތަ އެ ގެއަކަށް ބޭނުންވާ ޚަރަދުތައް ބެލެހެއްޓުމުން އެ ހިސާބުން ބައްޕަގެ ޒިންމާ އަދާ ކުރެވުނީކަމަށެވެ.

ނަމަވެސް އެއީ ކުރެވޭ ކުށް ހީއެކެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ބައްޕަގެ ވެސް ޒިންމާ ބޮޑެވެ. އެ ކުދިންނަށް ދީނުގައިވާ ކަންތައްތަކާއި ރަނގަޅު އަހްލާޤާއި ނަމާދަށް އެ ކުއްޖާގެ ހިތް ޖެއްސުމަށް މަސައްކަތް ކުރުމަކީ ބައްޕަގެ ވެސް ޒިންމާއެކެވެ. ބައްޕަ އަވަދިނެތި އުޅުމުގެ ސަބަބުން، ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީ ހަމަ ޔަތީމް އަކާ އެއްވަރު ކުއްޖެކެވެ. ކުދިންނަށް ބޭނުންވަނީ ހަމައެކަނި ބައްޕަ އަތުން ދިއްކޮށްލާ ފައިސާ ފޮއްޗެއް ނޫނެވެ. އެ ބައްޕަގެ ބިޒީ ޝެޑިއުލް އިން އެ ކުއްޖާއަށް ބޭނުންވަނީ ވަގުތު ކޮޅެކެވެ. ކުއްޖާ އާއެކު ހޭދަކޮށްލާ އުފާވެރި ވަގުތުކޮޅަކީ މާ އަގުބޮޑު އެއްޗަކަށް ވެގެންދާނެކަން ޔަޤީނެވެ. އެކަމުގެ ސަބަބުން ކުއްޖާއާ މައިންބަފައިންނާމެދު އޮންނަ ގުޅުން ވެސް އިތުރަށް ބަދަހިވެގެންދާނެއެވެ. އުފާވެރި ހަންދާންތަކެއް ހިތުގައި ރައްކާ ކުރެވިގެން ދާނެއެވެ. ކާއްސަކޮން ލޯބި ލިބުމުން އެކުދިންނަށް ލޯބިދޭން ދަސްވާނެއެވެ. މުސްތަގްބަލްގައި އަމިއްލަ އާއިލާއެއް ހެޔޮގޮތުގައި ބިނާ ކުރުމަށް ވަރަށް ބޮޑު އެހީ އަކަށް ވާނެއެވެ.

ވަރަށް ގިނަ ފަހަރަށް ގޭގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި މަންމަ ވެސް ވަޒީފާއަށް ނިކުންނަން އޮންނަނީ ޖެހިފައެވެ. މަންމަ އަށް ވެސް ކުދިންނަށް ވަގުތު ދެވޭގޮތް އޮންނަނީ ނުވެފައެވެ. ދެން އެކުދިން އެކަނިވެރިކަން ފިލުވުމަށްޓަކައި ބޭނުން މިކުރަނީ ސްމާޓް ފޯނެއް ނުވަތަ ޓެބްލެޓް، އައިޕެޑް ފަދަ އެއްޗެކެވެ. މި ޑިވައިސް މެދުވެރިކޮށް އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެކުއްޖާ ވަދެ، އެކި މީހުންނާއި ދިމާވެއެވެ. މިއީ ވެސް އެ ކުއްޖާ ނުބައިމަގުން ދިޔުމަށް ހުޅުވާލެވޭ އިތުރު ދޮރެކެވެ. މީގެ އިތުރުން ހުއްދަނޫން މަންޒަރާ ފޮޓޯފަދަ އެއްޗެތި ބެލޭތަން އޮންނަނީ ވަރަށް ގާތުގައެވެ. ހުއްޓުވާނެ މީހަކު ނެތެވެ. މިއީވެސް ކުދިންގެ އަޚްލާގު ގޯސް ވާ އެއްސަބަބެވެ. 

މަންމަ އާއި ބައްޕަގެ ވެސް ވަގުތު ދަރިފުޅަށް ވަރަށް މުހިންމެވެ. ފައިސާއަކުން ވަގުތެއް ނުގަނެވޭނެއެވެ. ދަރީން ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމުގެ މަސްއޫލިއްޔަތު އުފުއްލަންޖެހޭ ބަޔަކީ، އެކުދީންގެ މައިންބަފައިންނަށްވާއިރު ހިތާމައަކީ މިއަދު މައިންބަފައިން ދަރިންނާމެދު އިހުމާލުވާ މަންޒަރު ފެންނަމުންދާ ކަމެވެ. އެހެން ނުހަދާ ގަސްތުގަ ވަގުތު ބާކީ ކޮށް ކުދިންނާ ވާހަކަ ދައްކާލާ، ކުދިންގެ ދުވަސް ހޭދަވި ގޮތް އަހާލާ ހަދަން ވަގުތު ހޭދަ ކުރަން ޖެހެއެވެ. ކުދިންގެ ކަންބޮޑުވުންތައް އަޑުއަހާ އެކަންތަކަށް ހައްލު ހޯދާދޭން މަސައްކަތް ކުރަން ޖެހެއެވެ.

ތިބާގެ ދަރިންނަކީ ތިބާގެ މަސައްކަތުގެ ތާޖެވެ. އެއީ ތިބާ އޭނާއަށް ދިން ތަރުބިއްޔަތާއި، ހޯދައިދިން ރައްކައުތެރިކަމުގެ މޭވާއެވެ. އެދަރިން ރަނގަޅުވެއްޖެނަމަ އެއީ ތިބާއަށް ލިބުނު، ދެދުނިޔޭގެ ހެވެކެވެ. އެހެންކަމުން އެ ދަރިންނަށް ވަގުތުދީ އަޅާލަން އެބަޖެހެއެވެ. އެކުދިންގެ މުސްތަޤްބަލް އަށް ޓަކައެވެ. ގައުމުގެ މުސްތަޤްބަލް އަށް ޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
0%
0%
50%
ކޮމެންޓް
14 މެއި 2022 | ހޮނިހިރު 05:49
ކަރުކެހި
ފައިސާ އާއިނުލާ ދަރިންނައް ވަގުތުނުދެވޭނެ ދަރިންނައް ބޭނުންވާ ތަކެތި މަތިންތަފައިބަނީ؟؟؟؟؟؟؟
14 މެއި 2022 | ހޮނިހިރު 01:35
ނިކަމެތި މީހާ
އަގަޔާ އަތާ ދިމާ ކުރަން ބޭނުމިއްޔާ މިހެން ރިސޯޓުގަ ހުރުން ނޫން ގޮތެއް ނެތް.ރަށުގަ އަނބި ދަރީން ކައިރީގަ ވަގުތު ދޭން ހުންނަން ވެއްޖެޔާ ނުކައެންނު ތިބެން ޖެހޭނީ. އަހަރުންްނަކަށް ދައުލަތުގެ ތިޖޫރިއަކަށް އަތެށް ނުބޭނެޔޭ