ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 12:38
ރާއްޖެ އައި ފަތުރުވެރިއަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ކިޔަނީ
ރާއްޖެ އައި ފަތުރުވެރިއަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ކިޔަނީ
ވެލާނާ އެއާޕޯޓް
ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް
އަހަރުގެ މިހާތަނަށް ހަލައްކައަށްވުރެ ގިނަ ފަތުރުވެރިން
މެއި މަހުގެ މިހާތަނަށް 44،843 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި
އަހަރުގެ މިހާތަނަށް 628،709 ފަތުރުވެރިން ވަނީ އައިސްފައި
މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ އިނގިރޭސިވިލާތުން

މިއަހަރުގެ މިހާތަނަށް ހަލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ މެއި މަހުގެ އެކަކުން އެގާރަޔަށް ރާއްޖެ އައިސްފައިވަނީ 51،919 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަލާބަލާއިރު 25.4 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ނިމިދިޔަ މަސްތަކަށް ބަލާލާއިރު އޭޕްރީލް މަސް ނިމުނުއިރު ރާއްޖެ އައިސްފައިވަނީ 145،279 ފަތުރުވެރިންނެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 10.9 އިންސައްތަ ދަށް އަދަދެކެވެ. މާރޗް މަސް ނިމުނުއިރު 150،739 ފަތުރުވެރިން އައިސްފައިވާއިރު، 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއީ 7.4 އިންސައްތަ ދަށް އަދަދެކެވެ. ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އައިސްފައިވެއެވެ. މިއީވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު 11.6 އިންސައްތަ ދަށް އަދަދެކެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ މަހު 131،764 ފަތުރުވެރިން އައިސްފައިވާއިރު މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 13.1 އިންސައްތަށް ދަށް އަދަދެކެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 628،709 އަށް އަރާފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 8.6 އިންސައްތަ ދަށް އަދަދެކެވެ.

މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ އިނގިރޭސިވިލާތުންނެވެ. ފަތުރުވެރިން އަންނަ މާކެޓުތަކުގެ ޓޮޕް މާކެޓުގައި މިހާރު އިނގިރޭސިވިލާތް އޮތްއިރު، 2019 ވަނަ އަހަރު އިނގިރޭވިލާތް އޮތީ 5 ވަނަ މާކެޓުގެ ގޮތުގައެވެ. މިއަހަރު އިނގިރޭސިވިލާތުން އައިސްފައިވާ ފަތުރުވެރިން 12.8 އިންސައްތަ ހިއްސާކުރެއެވެ. ދެވަނަ މާކެޓުގެ ގޮތުގައި މިހާރު އޮތީ އިންޑިއާއެވެ. އިންޑިއާއިން އައި ފަތުރުވެރިން 12.5 އިންސައްތަ ހިއްސާކުރާއިރު މިހާރު ރަޝިއާ މާކެޓު ވެއްޓިފައިވަނީ ތިންވަނައަށެވެ. ރަޝިއާއިން އައި ފަތުރުވެރިން ހިއްސާކުރަނީ 9.7 އިންސައްތައެވެ.

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން މިހާރު މަސައްކަތްކުރަމުންދާއިރު, ފެބްރުއަރީ މަހު ރަޝިއާ އަދި ޔޫކްރެއިނާ ދެމެދު ހަނގުރާމަ ފެށުނު ހިސާބުން އެދެގައުމުން ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. އޭރު ފަތުރުވެރިން ރާއްޖެ އަންނަ މާކެޓުތަކުގެ ތެރެއިން ޓޮޕް މާކެޓުގެ ގޮތުގައި އޮތީ ރަޝިއާއެވެ. ރަޝިއާ ފަތުރުވެރިން އައުން ހުއްޓުނު ހިސާބުން ޓޮޕް މާކެޓަށް އަރާފައިވަނީ އިނގިރޭސިވިލާތެވެ.

ރަޝިއާއާއި ޔޫކްރެއިނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ހިއްސާއެއް އޮތް ދެ ގައުމެވެ. މި ދެގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ކުރިއަށްނުދާނަމަ މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވީސްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް