ކ. މާލެ
|
13 މެއި 2022 | ހުކުރު 13:47
ތިލަމާލެ ބްރިޖަށް ކޮންކްރީޓް ސަޕްލައި ކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރުން
ތިލަމާލެ ބްރިޖަށް ކޮންކްރީޓް ސަޕްލައި ކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރުން
އެސްޓީއޯ
ތިލަމާލެ ބްރިޖުގެ މަސައްކަތް
ތިލަމާލެ ބްރިޖަށް ކޮންކްރީޓް ސަޕްލައި ކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފި
7500 ކިއުބިކް މީޓަރގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފައި
އެސްޓީއޯއިން ވަނީ މި މަސައްކަތަށް ފުރިހަމައަށް ތައްޔާރުވެފައި
ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޯން އިންފްރާސްޓްރަކްޗަރާއި

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތަށް އެސްޓީއޯއާއި އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑްއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެފްކޯން އިންފްރާސްޓްރަކްޗަރަކީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫޢު ހަވާލުކޮށްފައިވާ އިންޑިޔާގެ ކުންފުނިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު އެވެ. އެފްކޮންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރ ވީ. މަދުސްދަނަން އެވެ.

އެއް އަހަރު ދުވަހަށް ސޮއިކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފައެވެ.

މިޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ފުރިހަމަ ކޮށްފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އެގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީ ހައި ސްޓްރެންތު ކޮންކުރީޓަށް ވުމާއެކު، އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ގާއިމްކުރެވިފައިވާކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.

ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ.

މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާ ބުރިޖުގެ އެއްބަސްވުމުގައި އެފްކޯން އިންފްރާސްޓްރަކްޗަރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. މި މަޝްރޫއުގެ ދަށުން ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެ ގުޅުވާ ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް އަޅާ ބުރިޖެވެ.

3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިގިލި ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނާން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ސާލިހުގެ ސަރުކާރުން، އެ މަޝްރޫއެއްގެ މަސައްކަތް، ދެ އަހަރުގެ ތެރޭގައި، ނިންމަން އަމާޒު ހިފާފައިވާ، މި ބިޔަބޮޑު މަޝްރޫއު ވެގެންދާނީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ބޮޑު މަޝްރޫއަށެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑައަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫއު ނިންމައި، މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު، މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން، ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.

- ކޮމެންޓް