ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 17:16
ލަންކާގެ ހާލަތު ގޯސްވެ، އެގައުމުގެ އަސްކަރިއްޔާއަށް މިހާރު ވަނީ ބާރުތަކެއް ދީފައި
ލަންކާގެ ހާލަތު ގޯސްވެ، އެގައުމުގެ އަސްކަރިއްޔާއަށް މިހާރު ވަނީ ބާރުތަކެއް ދީފައި
ރޮއިޓާސް
އިގުތިސާދީ ކާރިސާއާއެކު ލަންކާ ހަލަބޮލިވުން
ލަންކާގެ ހާލަތު މިހާ ގޯސްމިވީ ކީއްވެ؟
 
އައިއެމްއެފްއާއެކު މަޝްވަރާތައް ފެށިފައި މިވަނީ މާ ލަހުން ކަމަށް އެގައުމުގެ މިހާރުގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވޭ
 
މިހާރު ލަންކާގައި ހިނގަމުން މިދާ ކަންތައްތަކުގެ ސަބަބުން، ގައުމުގެ ދަރަނިތައް ރީސްޓްރަކްޗަރކޮށް އިގުތިސާދު އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުން އެކަށީގެންވޭ
 
އާމްދަނީ ދަށްވުމުން ގައުމުގެ ދަރަނިތައް އަދާކުރެވޭނެކަމާމެދު ޝައްކު އުފެދެންފެށުމުން، ރޭޓިންގ އެޖެންސީތަކުން ދިޔައީ 2020 ވަނަ އަހަރުން ފެށިގެން ލަންކާގެ ކްރެޑިޓް ރޭޓިންގ ދަށްކުރަމުން

އަވައްޓެރި ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގައި މިވަނީ މީހުންގެ ފުރާނައަށް ނުރައްކާކުރި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެގައުމުގައި ކުރިއަށްދިޔަ މުޒާހަރާތައް ހޫނުވެ ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް ނުވަ މީހުން މަރުވެ 200ށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ހޯމަ ދުވަހުގެ މި ހަލަބޮލިކަމުގެ ތެރޭގައި ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސް ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ. ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމުގެ އުންމީދުގައެވެ.

ލަންކާގައި ޒަރޫރީ މުދަލުގެ ސަޕްލައި މަދުވެ އަގުތައް އުފުލިގެން ދިއުމާއި ޒަރޫރީ ޚިދުމަތްތައް ކަމަށްވާ ކަރަންޓުގެ ހިދުމަތް ނުލިބުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވި ގޮންޖެހުންތަކާއެކު އެމީހުންގެ ނުރުހުން ސަރުކާރަށް އަމާޒުވިއެވެ. ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާތައް ކުރަންފެށިއެވެ. ހާލަތު ގޯސްވާ ފެށުމާއެކު ކަންތައްތައް ހަމައަކަށް އެޅުމުގެ ނިޔަތުގައި ގޮތަބަޔާ ވަނީ މިދިޔަ ހުކުރު ދުވަހު ލަންކާގައި ކުއްލި ހާލަތުވެސް އިއުލާނުކުރައްވާފައެވެ.

ލަންކާއަކީ 22 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. އެގައުމަށް އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުނުފަހުން ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިސާއާ ކުރިމަތިލާން ޖެހިފައި މިވަނީ އެގައުމުގެ އެތައް ހާސް ބަޔަކު މަރުވި ދާޚުލީ ހަނގުރާމަ ނިމުނުތާ އެންމެ 13 އަހަރު ފަހުންނެވެ.

ލަންކާއަށް ދިމާވެފައިވާ މި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުންނާއި ލަންކާއަށް ބޭނުންވާ ޒަރޫރީ ސާމާނު އިމްޕޯޓުކުރުމަށް ޚަރަދުކުރުމަށް އިންޑިއާއިން ވަނީ އެތައް ބިލިއަން ޑޮލަރުގެ ލޯނު އެގައުމަށް ފޯރުކޮށްދީފައެވެ.

މިފަހުގެ އަހަރުތަކުގެ ތެރޭގައި ލަންކާގައި ހިންގަން ފެށި އުމްރާނީ ބޮޑެތި މަޝްރޫއުތަކުގައި އެންމެ ބޮޑަށް އިންވެސްޓުކުރަމުން އައި ޗައިނާގެ ފަރާތުން މިފަދަ ގިނަ ލޯނުތަކެއް މިކާރިސާއާ ވިދިގެން ފޯރުކޮށްދީފައި ނެތް ނަމަވެސް، އެގައުމުން ވަނީ ލަންކާގެ ލޯނުތައް ރީސްޓްރަކްޗަރ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްބުނެފައެވެ.

ލަންކާއިން ދަނީ އެގައުމަށް މިހާރު ދިމާވެފައި މިވާ ކާރިސާއިން އަރައިގަތުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާއެކު މަޝްވަރާތައްކޮށް، ރެސްކިއު ޕްލޭނެއް އެކުލަވާލުމަށް މަސައްކަތްކުރަމުންނެވެ.

ނަމަވެސް މިހާރު ލަންކާގައި ހިނގަމުންމިދާ ކަންތައްތަކުގެ ސަބަބުން ގައުމުގެ ދަރަނިތައް ރީސްޓްރަކްޗަރކޮށް އިގުތިސާދު އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަކީ އެކަށީގެންވާކަމެކެވެ.

ގައުމުގެ ހާލަތު މިހާ ހިސާބަށް ދިއައީ ކިހިނެއް؟

ތަޖުރިބާކާރުން ބުނާގޮތުގައި ލަންކާގެ ސަރުކާރުތަކުން އެގައުމުގެ އިގުތިސާދު އާރާސްތުކުރުމުގައި ގެންގުޅެފައިވާ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ލަންކާގެ ޕަބްލިކް ފައިނޭންސަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. އެގައުމުގެ އާމްދަނީއަށްވުރެ ޚަރަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. 2019 ވަނަ އަހަރު ގޮތަބަޔާ ރާޖަޕަކްސަ ލަންކާގެ ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު ދައުލަތުން ނަގަމުން އައި ޓެކްސްތައް ނެގުން ހުއްޓާލުމާއެކު އަނެއްކާވެސް ދައުލަތުގެ އާމްދަނީ އިތުރަށް ދަށަށް ދާންފެށިއެވެ.

މިހާލަތުގައި ލަންކާގެ ސަރުކާރުގެ އާމްދަނީ އޮއްވައި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއެކު ލަންކާގެ އިގުތިސާދަށް އިތުރު އަސަރުތަކެއް ކުރިއެވެ. ނާޒުކު ފައްތަރެއްގައި އޮތް ލަންކާގެ އިގުތިސާދު އިތުރަށް ގޯސްވިއެވެ.

ބަލިމަޑުކަމާއެކު އިގުތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ޚާއްސަކޮށް އެގައުމުގެ ފަތުރުވެރިކަމުގެ ނިޒާމަށް އައި ލޮޅުމާއެކު ލަންކާއަށް އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެގެންދިޔައެވެ. ޚާއްސަކޮށް ލަންކާއަށް ބޭރުފައިސާ ލިބުމުގައި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އަދި ފޮރިން އެކްސްޗޭންޖް ރޭޓުގައި އެގައުމުން ގެންގުޅޭ އިންފްލެކްސިބަލިޓީއާއެކު ގައުމުން ބޭރުގައި މަސައްކަތްކުރާ ރައްޔިތުންގެ އަތުން ލިބޭ ރެމިޓެންސްފީވެސް ދަށްވާންފެށިއެވެ.

ލަންކާގެ ހާލަތު ގޯސްވާން ފެށުމާއެކު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަނީ އެގައުމުގެ ސަރުކާރުގެ އާމްދަނީ ދަށްވެ ގައުމުގެ ދަރަނިތައް އަދާކުރެވޭނެކަމާ މެދު ޝައްކު އުފައްދައި، 2020 ވަނަ އަހަރުން ފެށިގެން ލަންކާގެ ކްރެޑިޓް ރޭޓިން ދަށްކުރަން ފަށާފައެވެ. މިއާއެކު ބައިނަލްއަގުވާމީ މާލީ ބާޒާރުން ލަންކާ ބޭރުކޮށްލެވުނެވެ.

މިހުރިހާ ކަންތައްތަކާއެކު ގައުމުގެ އިގުތިސާދު ވެއްޓުނަނުދީ ހިފެހެއްޓުމަށް ލަންކާގެ ސަރުކާރުން އެގައުމުގެ ފޮރިން އެކްސްޗޭންޖް ރިޒަރވަށް ވަރަށް ބޮޑަށް ބަރޯސާވާން ފެށިއެވެ. އެއާއެކު ދެން ފެނުނީ ދެ އަހަރު ދުވަހުގެ ތެރޭގައި ފޮރިން ރިޒަރވްގެ 70 އިންސައްތަ އެއްކޮށް ބޭނުންކުރެވިގެން ދިއުމެވެ.

ސަރުކާރުން ކުރީ ކޮންކަމެއް؟

ލަންކާގެ އިގުތިސާދީ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދިޔަ ނަމަވެސް ރާޖަޕަކްސަގެ ސަރުކާރުން އެކަމަށް ބައިނަލްއަގުވާމީ އެހީއަށް ނޭދި އެތައް ދުވަހެއް ހޭދަކުރިއެވެ. އައިއެމްއެފްގެ އެހީއަށް އެދުންވެސް ފަސްކުރިއެވެ.

ލަންކާގެ އިދިކޮޅު ލީޑަރުންނާއި މާލީ ތަޖުރިބާކާރުން ވަނީ އިގުތިސާދު އަޑިއަޅާލަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް އެތައް މަސްތަކެއް ވަންދެން ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް ރާޖަޕަކްސަގެ ސަރުކާރުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. ސަރުކާރުން މަޑުކުރަމުން ދިޔައީ ފަތުރުވެރިކަން އަލުން ފެށި ރެމިޓެންސްފީން ލިބޭ އާމްދަނީ އިތުރުވާނެކަމަށް ގަބޫލުކޮށްގެންނެވެ.

ނަމަވެސް ގައުމުގެ ހާލަތު ރަނގަޅުވަމުން ނުދާކަން ވިސްނި، ލަންކާ ސަރުކާރުން ވަނީ އެކުވެރި ގައުމުތަކުގެ އެހީއަށް އެދިފައެވެ. އެގޮތުން އިންޑިއާއާއި ޗައިނާގެ އެހީއަށް ލަންކާއިން އެދުނެވެ.

އިންޑިއާއިން ބުނާގޮތުން މިއަހަރު ތެރޭގައި އެގައުމުން ވަނީ ލަންކާއަށް 3.5 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.

މިއަހަރުގެ ކުރީކޮޅު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ލަންކާއިން ޗައިނާއަށް ދައްކަންޖެހޭ 3.5 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ވަނީ ލަންކާއަށް ޔުއާން ޑިނޯމިނޭޓެޑް 1.5 ބިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕެއް ފޯރުކޮށްދީފައެވެ.

ލަންކާއިން މިހާރު ވަނީ އައިއެމްއެފްއާ އެކުވެސް މަޝްވަރާތައް ފަށާފައެވެ. ނަމަވެސް މިމަޝްވަރާތައް ފެށިފައި މިވަނީ މާ ލަހުން ކަމަށް އެގައުމުގެ މިހާރުގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީވެސް ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ބޭރުގެ އެހީތައް ލިބުނު ކަމުގައި ވިނަމަވެސް ތެލުގެ ސަޕްލައި މަދުވެ ތެޔޮ ގަންނަންވެސް އެގައުމުގެ ރައްޔިތުން ވަނީ ތެޔޮ ވިއްކާ ސްޓޭޝަންތައް ކައިރީ ކިއުގައިޖެހިފައެވެ. އަދި ކަރަންޓު ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވެ، ދުވަހުގެ ގިނަ ވަގުތު ކަރަންޓާ ނުލައިވެސް އެގައުމުގެ ރައްޔިތުންނަށް ވޭތުކުރަން ޖެހުނެވެ.

މީގެ އިތުރުން އެގައުމަށް އެތެރެކުރާ ބައެއް މުހިންމު ބޭސްތަކުގެ ސަޕްލައި ދަށްވެ ބޭހުގެ އަގުވެސް އެގައުމުގައި އުފުލިގެންދިޔައެވެ. އަދި ބައެއް ބޭސްތައް އިމްޕޯޓުނުކުރެވިވެސް ދިޔައެވެ.

ދެން ވާނީ ކިހިނެއް؟

ލަންކާގެ ހާލަތު ގޯސްވެގެން ގޮސްވެ އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ ރާޖަޕްކަސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މަހިންދަ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިހާރު ދިމާވެފައިވަ ކަންތައްތަކުން އަރައި ގަންނަން ހުރިހާ ޕާޓީތަކެއް އެކުލެވޭ ވަގުތީ ސަރުކާރެއް ގާއިމުކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެފައެވެ.

އެގައުމުގައި ހުރިހާ ޕާޓީތަކެއް އެކުލެވޭ، ގުޅިފައިވާ ވަގުތީ ސަރުކާރެއް ގާއިމުކުރުމަށް ތާއީދުކަމަށް ރައީސް ގޮތަބަޔާ ވިދާޅުވެފައިވާއިރު، މިހުށަހެޅުން އިދިކޮޅަށް ހުށަހެޅުމުން އިދިކޮޅުން ވަނީ ނޫނެކޭ ބުނެފައެވެ. ނަމަވެސް ރައީސް ވަނީ އިދިކޮޅު ލީޑަރުންނާ ބައްދަލުކޮށް ވަގުތީ ސަރުކާރެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމާފައެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު މި ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކަށް ފަހުވެސް މުޒާހަރާކުރާ މީހުން ދަނީ ރައީސް ގޮތަބަޔާވެސް އިސްތިއުފާދެއްވަންޖެހޭ ކަމަށް ބުނަމުންނެވެ.

ލަންކާގައި ވިޔަފާރިކުރާ ފަރާތްތަކުން ދަނީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ބުނަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އައު ސަރުކާރެއް ގައުމާ ހަވާލުވުން ވަރަށް މުހިންމުކަމަށްވެސް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް