ކ. މާލެ
|
9 ޖޫން 2017 | ހުކުރު 21:31
ބޮޑުވަޒީރު މޭ - އިސްތިއުފާ އެއް ނުދެއްވާނެ
ބޮޑުވަޒީރު މޭ - އިސްތިއުފާ އެއް ނުދެއްވާނެ
އޭޕީ
އިނގިރޭސި އާއްމު އިންތިޚާބު
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
ލޭބާ ޕާޓީގެ ލީޑަރު ކޯބިން ވެސް ހުންނެވީ ވެރިކަން ކުރައްވަން ތައްޔާރަށް
ސަރުކާރު އެކުލަވާލެއްވުމާ ގުޅޭ ގޮތުން މޭ ވަނީ އިނގިރޭސި ރާނީގެ ހުއްދަ ހޯއްދަވާފައި

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު މޭ ކަމަށް އެކަމަނާ އިއުލާނު ކުރައްވައިފިއެވެ. ބޮޑުވަޒީރުގެ ރަސްމީ އޮފީސް ކޮޅުގެ ކުރިމަތީގައި ހުންނަވާ ދެއްވި ބަޔާނެއްގައި ހުކުރު ދުވަހު އެކަމަނާ ވިދާޅުވީ، އިނތިޚާބުން އެންމެ ގިނަ ގޮނޑިވެސް އެންމެ ގިނަ ވޯޓުވެސް ލިބުނީ އެކަމަނާގެ ޕާޓީއަށް ކަމަށާއި އެހެން ކަމުން ސަރުކާރެއް އެކުލަވާލުމުގެ ގާނޫނީ މެންޑޭޓް އޮތީވެސް އެޕަޓީއަށް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އާއްމު އިންތިޚާބުގެ ނަތީޖާއިން އެއްވެސް ޕާޓީއަކަށް ޕާލިމެންޓުގެ މެޖޯރިޓީ ލިބިފައެއް ނުވެއެވެ.

މޭ ގެ ކޮންޒަވެޓިވް ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ މެޖޯރިޓީ ގެއްލުނީ އިންތިޚާބުގައި އަށް ގޮނޑި މަދުން ލިބުމުގެ ސަބަބުންނެވެ.

ސަރުކާރު އެކުލަވާ ލައްވާނެ ކަން އިއުލާން ކުރުމުގެ ކުރިން މޭ ވަނީ ރާނީ އާ މަޝްވަރާ ކުރައްވާ މައިނޯރިޓީ ސަރުކާރެއް އެކުލަވާލެއްވުމުގެ ހުއްދަ ރާނީގެ އަރިހުން ހޯއްދަވާފައެވެ. މޭ ސަރުކާރެއް އެކުލަވާލެއްވުމަށް ބޭނުންވާ ތައީދު ނޮދަން އަޔަލެންޑްގެ ޑެމޮކްރަޓިކް ޔުނިއަނިސްޓް ޕާޓީ (ޑީޔޫޕީ) ން ކުރާނޭ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

އިންތިޚާބުގެ ޔާގީންކަން އޮތްލެއް ބޮޑުކަމުގެ ސަބަބުން އަވަސް އިންތިޚާބަކަށް މޭ ގޮވާލެއްވި އިރު މިފަދަ ނަތީޖާއެއް ނުކުމެދޭނެ ކަމަށް ގިނަ ބަޔަކު ލަފާކުރާނެ ކަމަށް ނުބެލެއެވެ. މި އިންތިޚާބުގައި މޭ ގެ ކޮންޒަވެޓިވް ޕާޓީ އަށް ލިބުނީ އުވި ދިޔަ މަޖިލިހަށް ވުރެ 12 ގޮނޑި މަދުންނެވެ.

އިނގިރޭސި ވިލާތުގައި އެއްޕާޓީއަކުން އެކަނި ސަރުކާރެއް އެކުލަވާލުމަށް 326 ގޮނޑި ބޭނުންވެއެވެ. އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދި މޭ ގެ ކޮންޒަވެޓިވް ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ އަގްލަބިއްޔަތު ހޯދުމަށް 6 ގޮނޑި މަދުވެއެވެ. އެހެން ކަމުން ބޮޑުވަޒީރު މޭ އަށް ތާއީދު ކުރާނެ ކަމަށް ބެލެވިފައިވާ  ޑީޔޫޕީ އަށް 10 ގޮނޑި ލިބިފައިވާއިރު މި އަދަދަކީ، ތެރޭސާ މޭ އަށް ހައުސް އޮފް ކޮމަންސް އިން ބޭނުންފުޅުވާ އަގްލަބިއްޔަތު ހޯއްދެވޭނެ އަދަދެކެވެ.

ޑީޔޫޕީން ތާއީދު ނުކުރި ނަމަވެސް މޭ އަށް ސަރުކާރެއް އެކުލަވާ ލެއްވިދާނެއެވެ. ނަމަވެސް އެހެން ޕާޓީއެއްގެ ތާއީދު ނެތި ހައުސް އޮފް ކޮމަންސްގެ ތެރެއިން ބޮޑުވަޒީރު އެދިވަޑައިގަންނަވާ ގޮތައް ކަންކަން ކުރަން ފަސޭހަފުޅެއް ނުވާނެއެވެ.

އިންތިޚާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯދި ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ މޭ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. ކޯބިން ވިދާޅުވީ ބޮޑު ވަޒީރުކަން ކުރައްވަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

- ކޮމެންޓް