ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 13:57
އާޒިމާގެ ޝަރީއަތް- މި އަޑުއެހުމުގައި ވަނީ އިސްތިއުނާފްއާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކަވާފައި
އާޒިމާގެ ޝަރީއަތް- މި އަޑުއެހުމުގައި ވަނީ އިސްތިއުނާފްއާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކަވާފައި
ރާއްޖެއެމްވީ
އާޒިމާ ޝަކޫރުގެ ޝަރީއަތް
އާޒިމާގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ދެ އިސްތިއުނާފީ ގަޒިއްޔާއެއް
އިސްތިއުނާފީ ދެ ގަޒިއްޔާއެއް ސުޕްރީމް ކޯޓަށް ވަނީ ހުށައެޅިފައި
އާޒިމާގެ މައްޗަށް މަނީ ލޯންޑަރިންގ އާ ގުޅޭ ދެ ދައުވާއެއް ކުރޭ
ދައުލަތުގެ އިސްތިއުނާފީ ނުކުތާއަށް އާޒިމާގެ ފަރާތުން އިޖުރާއީ ގޮތުން އިއުތިރާޒު ކުރޭ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ އިސްތިއުނާފު ގަޒިއްޔާތަކުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހުށައެޅި އިސްތިއުނާފެއްގެ އިތުރުން، އާޒިމާގެ ފަރާތުން ހުށައެޅި އިސްތިއުނާފެއްވެސް ހިމެނެއެވެ.

މި އަޑުއެހުމުގައި ފުރަތަމަ ޕީޖީ އޮފީހުން ހުށައަޅާފައިވާ އިސްތިއުނާފުގެ ބައި ވަނީ ކުރިއަށް ގެންދަވާފައެވެ. އެގޮތުން ޕީޖީ އޮފީހުން ހުށައަޅާފައިވަނީ ހައިކޯޓުގެ އިޖުރާއީ ދެ ނިންމުމަކާއި ގުޅޭ އިސްތިއުނާފެކެވެ.

ދައުލަތުގެ ފުރަތަމަ ނުކުތާއަކީ އާޒިމާގެ ވަކީލެއްގެ ގޮތުގައި އިންނެވި އެއް ފަރާތަކީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު ކަމަށްވުމާއެކު، އެކަމަށް އިއުތިރާޒުކޮށް ދައުލަތުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފުގައި، އޭނާއަށް ވަކާލާތު ކުރެވޭނެކަމަށް ހައިކޯޓުން ނިންމެވި ނިންމުމާއި ގުޅޭ ނުކުތާއެކެވެ.

ދައުލަތުން ބުނާ ގޮތުގައި ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަލާއިރު، އެ މުއްދަތުގައި އިދާރާއަށް ހުށައެޅިފައިވާ ނުވަތަ އިދާރާއިން މަޝްވަރާ ކުރެވިފައިވާ މައްސަަލައެއްނަމަ، ވަކާލާތު ނުކުރެވޭނެއެވެ.

ވީއިރު، ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން ނިހާޔަތުއަށް މި މައްސަލައިގައި ވަކީލެއްގެ ގޮތުން ތަމްސީލު ނުކުރެވޭނެކަމަށް ދައުލަތުން ދެކުނު ނަމަވެސް، ހައިކޯޓުން ނިންމީ އޭނާއަށް ވަކާލާތު ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ދެވަނަ ނުކުތާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމާ ދައުވާތަކަކީ އިސްތިއުނާފުކުރެވޭ ބާވަތުގެ ނިންމުންތަކެއްކަމަށް ހައިކޯޓުން ނިންމި ނިންމުމެވެ.

މައިގަނޑު ގޮތެއްގައި ދައުލަތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، އިސްތިއުނާފު ކުރެވޭނީ ކޮން ބާވަތެއްގެ ނިންމުމެއްކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މާއްދާގައި, ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނެފައިވަނީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމަށް ނިންމާ ހުރިހާ ނިންމުމެއް, ދިފާއުން މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފު ކުރެވޭނަމަ، ކޮންމެ މައްސަލައެއް ނިމިގެންދާނީ ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުގެ މަރުހަލާއިން ކަމަށެވެ. އެހާހިސާބުން މައްސަލަތައް ފުނިޖެހި, މަތީ މަރުހަލާގެ ކޯޓުތަކަށް "ފްލަޑް ގޭޓް"އެއް ހުޅުވިގެންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދެން ކުރިއަށް ދިޔައީ އާޒިމާގެ ފަރާތުން ދައުލަތުގެ އެ އިސްތިއުނާފަށް އާޒިމާގެ ފަރާތުން ޖަވާބު ދިނުމުގެ ބައެވެ. އެގޮތުން އާޒިމާގެ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ، ދައުލަތުން ހުށައަޅާފައިވާ އިސްތިއުނާފީ 2 ނުކުތާއަށް އާޒިމާގެ ފަރާތުން އިޖުރާއީ ގޮތުން އިއުތިރާޒު ކުރާ ކަމަށެވެ.

އެހެންނަމަވެސް، ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާން ވަނީ ދައުލަތުގެ އިސްތިއުނާފަކީ ސުޕްރީމް ކޯޓަށް ބަލައިގެންފައިވާ އިސްތިއުނާފެއްކަމަށް ވިދާޅުވެފައެވެ.

އާޒިމާގެ ވަކީލުން ވިދާޅުވާ ގޮތުގައި، ނިހާޔަތު މި މައްސަލައާ ގުޅުންހުރި މަސައްކަތެއްގައި އުޅުއްވާފައިވާކަން ނުވަތަ ނޫންކަން އެއީ އާޒިމާއަށް ޖަވާބުދާރީވެވޭނެ ކަމެއް ނޫނެވެ. އެއީ ނިހާޔަތުގެ "ޕަރސަނަލް ކެޕޭސިޓީ" ގައި ޖަވާބުދާރީވާން ޖެހޭ ކަމެއްކަމަށް ވަކީލުން ވިދާޅުވެއެވެ. ވީއިރު މިއީ ކުރިއަށް ގެންދެވިދާނެ އިސްތިއުނާފެއް ނޫންކަމަށް އާޒިމާގެ ވަކީލުން ވިދާޅުވެއެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނާ ގޮތުގައި، ވަކީލާއި ގުޅޭ މައްސަލަ ދައުލަތުން ހުށައެޅުއްވީ ހައިކޯޓުގައި ޤާނޫނު މާނަ ކުރައްވާފައިވާ ގޮތް ގޯސްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމުގެ ބޭނުމުގައެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ދިޔަ މި އަޑުއެހުމުގައި އާޒިމާގެ ވަކީލުންގެ މަންޒަރާއި އަޑު ޝަރީއަތަށް ލިބުމުގައި ދޭތެރެ ދޭތެރެއިން މައްސަލަތައް ދިމާވިއެވެ. ވުމާއެކު، ޝަރީއަތުން ވަނީ އަޑުއެހުމުގެ ބާކީ ބައި ޝަރީއަތަށް ހާޒިރުވެގެން ކުރިއަށް ގެންދެވުމަށްޓަކައި އަޑުއެހުން މެދުކަނޑާލައްވާފައެވެ.

- ކޮމެންޓް