ކ. މާލެ
|
11 މެއި 2022 | ބުދަ 17:03
އައިޖީއެމްއެޗް ނަރުހުން
އައިޖީއެމްއެޗް ނަރުހުން
އަވަސް.އެމްވީ
ނަރުހުންގެ ހަފްތާ
މުޖުތަމައުގެ ހައްގުގައި ގުރުބާންވަމުންދާ ނަރުހުން
 
މިއަދު ނަރުހުން ގޮވާލަމުންދަނީ އެމީހުންގެ އަޑު އެހުމަށް
 
އެމީހުންނަށް ހައްގުވާ އެތައް ކަމެއް އަދިވެސް އެބަހުރި
 
ނަރުހުންނަކީ އެތައް ގަޑިއިރެއް މަސައްކަތުގައި ހޭދަކުރާ ބައެއް

ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ ރައްޔިތުންގެ ޚިދުމަތުގައި ގުރުބާނީތަކެއް ވާ އެތައް ބަޔަކު އުޅެއެވެ. ގައުމުގެ ޚިދުމަތުގައި އާއިލާއާ ދުރުގައި އެތައް ދުވަހެއް ހޭދަކުރާ މީހުން މަދެއް ނޫނެވެ. ރަނގަޅަށް ނިދި ނުލިބި އެތައް ބަޔަކު އެބަ އުޅެއެވެ. ހަމަ ގައުމުގެ ޚިދުމަތުގައެވެ. ކަމަކާ ކުރިމަތިލާންޖެހޭ ކޮންމެ ވަގުތެއްގައި އެންމެ ކުރީ ސަފަށް އެމީހުން ނިކުމެއެވެ. މިފަދަ ޚިދުމަތްތަކުގައި އެތައް ބަޔަކު އެތައް ދާއިރާތަކެއްގައި މަސައްކަތްކުރަމުންދާއިރު، މިއަދު ދައްކާލަން މިއުޅެނީ ވަރުބަލިކަމެއްނެތި އެތައް ގަޑިއިރަކު މަސައްކަތުގައި އުޅޭ ނަރުހުންގެ ވާހަކައެވެ.

އެއީ އޯގާތެރި ބައެކެވެ. ބަލިވެގެން ހޮސްޕިޓަލަކަށް ގޮސް ނަރުހަކާ ކުރިމަތިލާ ކުރިމަތިލުން ގިނަ ބަޔަކަށް ވަނީ ވަރަށް ރަނގަޅު ތަޖުރިބާއަކަށެވެ. އާއިލާގެ މީހުން ކައިރީގައި ތިބި ނަމަވެސް އެމީހުން އެ ކޮށްދޭންޖެހޭ ކަމެއް އެއްވެސް ޝަކުވާލެއްނެތި ހިތްހެޔޮކަމާއެކު ކޮށްދެއެވެ. އަޅާލާނެ އާރެއް ޔާރެއް ނެތް ބަލި މީހުންގެ ގިނަ ކަންކަން އެމީހުން ބަލަހައްޓައިދެއެވެ. އެގޮތުގައި، އެ މަސައްކަތްތަކުގައި އެމީހުން އެތައް ގަޑިއިރެއް ހޭދަކުރެއެވެ.

ސިއްހީ ކާރިސާއެއް ދިމާވެއްޖެނަމަ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުން ތިބެއެވެ. ކޮވިޑް-19 ގެ ހާލަތުގައި އެކަން ވަރަށް ފުރިހަމައަށް ހާމަވެގެން ދިޔައެވެ. ބަލިމީހުންގެ ހައްގުގައި އެމީހުން ގެންދިޔައީ އެތައް ގަޑިއިރެއް ހޮސްޕިޓަލުތަކުގައި ހޭދަކުރަމުންނެވެ. އެދުވަސްކޮޅު އަމިއްލަ ގެއަށް ނުގޮސް، ހޮސްޕިޓަލުގައި އެތައް ދުވަހެއް ހޭދަކުރި ނަރުހުންވެސް މަދެއް ނޫނެވެ. ދަރިން ލޮލަށް ނުފެނިއެވެ. މައިންބަފައިންނާ ދިމާނުވެއެވެ.

ކޮވިޑް-19ގެ ހާލަތުގައި އެއްވެސް ބްރޭކެއް ނުނަގާ 24 ގަޑިއިރު އަދި އެއަށްވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރި ނަރުހުންވެސް މަދެއް ނޫނެވެ. މިއީ މުޖުތަމައު އަކަށް ކިހާ މުހިންމު މަސައްކަތެއްތޯއެވެ؟ މިއީ ދުނިޔެއަށް ކިހާ މުހިންމު މަސައްކަތެއްތޯއެވެ. އެމީހުން އެ ކޮށްދިން މަސައްކަތް ފާހަގަކުރަންޖެހެއެވެ. އަބަދުވެސް އެ ވާހަކަތައް ދައްކަންޖެހެއެވެ. ވަކިން ޚާއްސަކޮށް މިމަހުގެ 6 ން 12 އަށް ފާހަގަކުރަމުންދާ ނަރުހުންގެ ހަފްތާގައި މި ވާހަކަތައް އިތުރަށް ދައްކަންޖެހެއެވެ.

މި ދާއިރާގައި ރަނގަޅުކުރަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. މިގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާނަމަ އެކަށީގެންވާ މިންވަރަށް ނަރުހުން ގިނަކުރެވިފައި ނެތުން ފަދަ ކަންކަން ފާހަގަވެއެވެ. މިއަހަރުގެ މި ހަފްތާގެ ޝިއާރަކީ "ނަރސަސް: އަ ވޮއިސް ޓު ލީޑް – އިންވެސްޓް އިން ނަރސިން އެންޑް ރެސްޕެކްޓް ރައިޓްސް ޓު ސިކިއޯރ ގްލޯބަލް ހެލްތު" މިއެވެ. މިއަހަރުގެ ޝިއާރުގައި ގޮވާލަމުންދަނީ މި ދާއިރާ އިތުރަށް ހަރުދަނާކުރުމަށެވެ. ނަރުހުންގެ އަޑު އަހައި އެމީހުންނަށް ހައްގުވާ މުސާރަ ދިނުމަށެވެ. ދުނިޔޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް މިއީ މުހިންމު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް