ކ. މާލެ
|
9 ޖޫން 2017 | ހުކުރު 19:43
ބޮޑު ވަޒީރު މޭ
ބޮޑު ވަޒީރު މޭ
ސީ.އެން.އެން
އިނގިރޭސި އާއްމު އިންތިޚާބު
ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ
ޑީޔޫޕީއާ ގުޅިގެން އާ ސަރުކާރެއް އެކުލަވާލުމަށް ބޮޑު ވަޒީރު މޭ ދަނީ މަސައްކަތް ކުރައްވަމުން

އާ ސަރުކާރެއް އެކުލަވާލެއްވުމަށްޓަކައި ހުއްދަޔަށް އެދި  އިނގިރޭސި ބޮޑު ވަޒީރު ތެރީސާ މޭ އިނގިރޭސި ރާނީ އަރިހަށް ހުކުރު ދުވަހު ވަޑައިގަންނަވާނެ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުނެފިއެވެ.

މިހާރުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑު ވަޒީރު މޭގެ ޕާޓީ އޮތް މެޖޯރިޓީ، ބުރާސްފަތި ދުވަހު ބޭއްވުނު އާންމު އިންތިޚާބުގައި ނުލިބޭ އިރު، މޭ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަމަނާގެ ތާއިދު ކުޑަ ސަރުކާރަށް ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީ (ޑީޔޫޕީ)ގެ ތާއިދު ހޯދުމަށެވެ.

ބާކީ އެއް ސީޓުިގެ ނަތީޖާ އިއުލާން ނުކުރެވޭ އިރު، ކޮންޒަވޭޓިވުންނަށް މެޖޯރިޓީއާ އެކު ވެރިކަން ކުރުމަށް އަށް ގޮނޑި ބޭނުންވެއެވެ.

މައި އިދިކޮޅު ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ ބޮޑު ވަޒީރު މޭގެ އިސްތިއުފާ އަށް ގޮވާލައްވާފައެވެ. މޭ ވިދާޅުވެފައި ވަނީ އަކަމަނާގެ ޕާޓީން ޔޫކޭގައި "ހަމަޖެހުން" ގާއިމު ކުރައްވާނެ ކަމަށެވެ.

މޭ އަވަސް އިންތިޚާބަކަށް ގޮވާލެއްވީ ޔޫރަޕްގެ އިއްތިހާދުން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމުގެ މަޝްވަރާތައް އަވަސްކުރެއްވުމަށް ޕާލަމެންޓްގައިއެކަމަނާގެ ސަރުކާރުގެ ބާރު އިތުރަށް ވަރުގަދަ ކުރެއްވުމުގެ ބޭނުންފުޅުގައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ މި ވަނީ ދިމާ އިދިކޮޅަށް ނުކުމެފައެވެ. މި ފަހަރުގެ އިންތިޚާބުގައި އެމަނާގެ ޕާޓީ އަށް ލިބިފައި ވަނީ، އިންތިޚާބަށް ގޮވާލެއްވުމުގެ ކުރިން ގާނޫނު ހަދާ މަޖިލީހުގައި އެކަމަނާގެ ޕާޓީ އަށް ލިބިފައިވާ ގޮނޑިއަށް ވުރެ 12 ގޮނޑި މަދުންނެވެ.  މިހާރު މި ދިމާވި މި ހާލަތާ ހެދި ބޮޑު ވަޒީރަށް ޖެހެނީ އެހެން ޕާޓީތަކުގެ ތާއިދާ އެކީ ދެން ވެރިކަން ކުރައްވަންށެވެ.

މިފަހަރުގެ އިންތިޚާބުގައި  ކޮންޒަވޭޓިވް ޕާޓީ އަށް 319 ގޮނޑި ލިބޭނެ ކަމަށް ބެލެވެއެވެ. ލޭބާ ޕާޓީއަށް 261 ގޮނޑި ލިބޭނެއެވެ. އެސްއެންޕީ އަށް 35 ގޮނޑި ލިބޭނެ ކަމަށް ބެލެވޭއިރު ލިބަރަލް ޑިމޮކްރޭޓުން އަށް 12 ގޮނޑި ލިބޭނެއެވެ. އަދި ޑީޔޫޕީ އަށް 10 ގޮނޑި ވަނީ ލިބިފައެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް 650 މެމްބަރުން ހޮވާއިރު، ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 45.8 މިލިއަން މީހުންނަށެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް