ކ. މާލެ
|
10 މެއި 2022 | އަންގާރަ 15:46
ކުޑަކުދިންތަކެއް މަޑިއަރުވަނީ
ކުޑަކުދިންތަކެއް މަޑިއަރުވަނީ
ރާއްޖެއެމްވީ
ކުޑަކުދިންގެ ދުވަސް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭބާ؟
 
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެެއް

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ އެ ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް ބާރުއެޅުމަށާއި އެ ހައްގުތަކާ ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށެވެ. ކުޑަކުއްޖަކަށް ލިބިދޭން ޖެހޭ ހައްގުތައް ހުރިއިރު އެ ހައްގުތައް ކަށަވަރުކުރެވެނީ ވަރަށް މަދު ފަހަރެއްގައެވެ. ކުދިންނަށް އިހުމާލުވުމާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުންނާއި ޖިންސީ ގޮތުން ކުޑަކުދިންނަށް ގިނަ އަނިޔާތައް ލިބޭ ވާހަކަތައް ކޮންމެ ދުވަހަކުހެން ނޫސްތަކުގެ ސުރުޚީތަކަށް އެރުމަކީ ކުދިންގެ ހައްގުތައް ރައްކާތެރި ނުކުރެވޭކަން ދޭހަވާ ކަމެކެވެ.

ދުނިޔޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރަކު ބިލިއަނަކަށްވުރެ ގިނަ ކުދިންނަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ކުދިން ވެސް ހިމެނެއެވެ. ރާއްޖޭގައި އެންމެ ގިނައިން ފެންމަތިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރު ކުދިންނަށް ގޯނާ ކުރަނީ އެ ކުއްޖާއާ ގާތް މީހެކެވެ. އެ ލިބޭ ކޮންމެ ގޯނާއަކާއެކު ގެއްލިގެން ދަނީ ކުއްޖާގެ ހައްގެކެވެ. އިހުމާލު އެ ވަނީ ކުދިން ބެލެހެއްޓުމުގެ ޒިންމާ ނަގައިގެން ތިބި ބައެކެވެ.

ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ އިތުރުން، އެކަންކަން ފޮރުވާ މައްސަލަތަކަކީ ވެސް މި މުޖުތަމައުން ފެންނަ ކަމެކެވެ. ކުއްޖާއަށް ގޯނާކުރީ އާއިލާ މީހަކުކަން އެނގުމާއެކު، އާއިލާގެ ނަން ހަޑިވެދާނެތީ އެކަން ސިއްރު ކުރަނީއެވެ. އެހާހިސާބުން ކުއްޖާއަށް ކުރި އަނިޔާ އެއީ ހަޑި ކަމަކަށް ނުވެއެވެ. ހަޑި ކަމަކަށް ވަނީ ޖިންސީ ގޯނާ ކުރި މީހާގެ މައުލޫމާތު އާއްމުންނަށް އެނގުމެވެ.

މިފަދަ ހާލަތްތަކުގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުން އެ ގެއްލޭ ހައްގުގެ އިތުރުން އެ ކުއްޖާއަށް ލިބެން ޖެހޭ އިންސާފުގެ ހައްގުވެސް ވެއްޔާލައި މޮޑެލެވުނީއެވެ. ހައްގުތައް ކަށަވަރުކުރަން ތިބި މީހުން ފެއިލްވީއެވެ.

ކުޑަކުދިންނަށް ރައްކާތެރިކަން ދޭންވީ އެކުދިންނަށް އަނިޔާއެއް ލިބުމުން އެކަންޏެއް ނޫނެވެ. އެފަދަ ކަމެއް ވުމުގެ ކުރިން ކުދިންނަށް، ނުރަނގަޅު ގޮތުގައި ގައިގައި އަތްލުން (ބޭޑް ޓަޗް)އާއި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ދެން އަމަލު ކުރަން ޖެހޭ ގޮތާ ގުޅޭގޮތުން ކުދިން ހޭލުންތެރި ކުރުވަން ޖެހޭނެއެވެ. ކުދިންގެ ހައްގުތައް ކުދިންނަށް ދަސްކޮށްދޭންވާނެއެވެ. އެކަމުގެ ޒިންމާ މައިންބަފައިންގެ އިތުރުން ދައުލަތުން ވެސް ނަގަންޖެހޭނެއެވެ.

ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ކުޑަކުދިންނަށް ލިބޭ ހާނިއްކައިން ކުދިން ރައްކާތެރިކުރުމުން ހައްގުތައް ކަށަވަރުވީއެއް ނޫނެވެ. އެ ނޫންވެސް ގިނަ އަދަދެއްގެ ހައްގުތައް ކުޑަކުދިންނަށް ލިބިދޭން ޖެހެއެވެ. އެގޮތުން ކުޑަ ކަމެއްގެ ގޮތުގައި ހީކޮށް އަޅާ ނުލެވި ހުންނަ އެއް ކަމަކީ، ކުދިންގެ ދިރިއުޅުމުގެ ކަންކަން އެ ކުދިންނާ މަޝްވަރާ ނުކޮށް ނުވަތަ އެ ނިންމުމުގެ ސަބަބުން ކުއްޖާއަށް ކުރާނެ އަސަރަކަށް ނުބަލައި މައިންބަފައިން ގޮތް ނިންމުމެވެ. ކުޑަކުދިންނާ މަޝްވަރާ ކުރެވޭ ފަދަ ކަންކަމުގައި ކުދިންނާ މަޝްވަރާ ކުރަންޖެހޭނެއެވެ. އަދި އެކަމުގައި ކުދިންގެ ޚިޔާލު ވެސް ހޯދަން ޖެހޭނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންގެ ވެސް ހައްގުތަކެއް ވާކަން ގަބޫލުކުރަން ޖެހޭނެއެވެ. ކުޑަކުއްޖަކަށް ކުށެއް ކުރެވުމުން އޭނާއަށް ޖަލުގެ އަދަބު ދިނުމާއި މަރުގެ އަދަބު ދިނުމާއި ބާކީ ކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް އެ ކުށުގެ ވެށިގެން އަރައިގަނެ މުޖުތަމުގައިގައި ޒިންމާދާރު މީހަކަށް ވުމުގެ ފުރުސަތު ދޭންވީއެވެ. ނަމަވެސް ގިނަ ފަހަރު ކުށެއް ކުރުމުން އެ ކުދިން މުޖުތަމައުން ބާކީކޮށްލައެވެ.

ކުޑަކުއްޖަކަށްވީތީ ލިބެން ޖެހޭ ބައިވަރު ހައްގުތައް ހުންނާނެއެވެ. އެންމެ ފުރަތަމަ އެ ހައްގުތައް ކަށަވަރުކުރަން ޖެހޭނީ އެ ކުއްޖާގެ މައިންބަފައިންނެވެ. މައިންބަފައިންނަށް ނުވަތަ އާއިލާއިން ކުއްޖާގެ ޒިންމާ ނަގާއިރު އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. އަދި އެ ހައްގުތައް ކަށަވަރު ކުރުމުގައި އިހުމާލުވާނަމަ އެ ކުއްޖަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ވެސް ދައުލަތުގެ ޒިންމާއެކެވެ.

ކޮންމެ ކުއްޖަކީ ވެސް ބިރުވެރިކަމެއް ނެތި އުފާވެރި ދިރިއުޅުމެއްގައި އުޅޭ ކުއްޖަކަށް ހަދަން މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންވީއެވެ. އެ ކުދިންނަށް ލިބިދޭން ޖެހޭ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރި ކުރުވަންވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި