މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެންމެ ބޮޑު ފެއާ، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވާ މި ފެއާ އޮންނާނީ މެއި 9 އަކުން 12 އަށް ދުބާއީ ވޯލްޑް ސެންޓަރުގައެވެ. މިއީ އެމްއެމްޕީއާރުސީން މިއަހަރުގެ މިހާތަނަށް ބައިވެރިވާ އެންމެ ބޮޑު ޓޫރިޒަމް ހަރަކާތެވެ.
އެމްއެމްޕީއާރުސީއާއެކު މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 62 ކުންފުންޏަކުން ބައިވެރިވެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެންމެ ގިނަ ކުންފުނިތަކުން ބައިވެރިވާ ހަރަކާތެވެ.
އޭޓީއެމް ފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކާއި ހިދުމަތްތަކާއި ޕްރޮޑަކްޓުތައް ވިއްކާ ފަރާތްތައް އެއްތަންވެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއާއެކެވެ. މިއަހަރަކީ އޭޓީއެމް ފެއާ ބާއްވާ 28 ވަނަ އަހަރެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އޭޓީއެމް ފެއާއަކީ މެދުއިރުމަތީގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި އެ މާކެޓަކީ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް ބޭނުންވާ މާކެޓެއް ކަމަށާއި ރާއްޖޭން ލިބެން ހުރި އެފަދަ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ވެސް ހޯދި އެންމެ ބޮޑު ލަގަބު، ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ޖެހިޖެހިގެން ދެ އަހަރު ހޯދި ގޮތާ ބެހޭ މައުލޫމާތު ވެސް ފެއާގެ ބައިވެރިންނާ ހިއްސާ ކުރާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
މެދުއިރުމަތީ މާކެޓަކީ ތަފާތު އަދި މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް ބޭނުންވާ މާކެޓެއް. އެހެންކަމުން ރާއްޖޭން ލިބެން ހުންނަ މިފަދަ ހިދުމަތްތައް އަންގައިދީ މައުލޫމާތު ފޯރުކޮށްދިނުމަށް މި ހަރަކާތުގައި ބައިވެރިވެވޭތީ އަޅުގަނޑުމެން އުފާކުރަންއެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު
އޭޓިއެމް ފެއާގެ ތެރެއިން ރާއްޖެއިން މުހިންމު ބައްދަލުވުންތަކާއި ނެޓްވޯކިން ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ. އަދި މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ރަންޔޫބީލްއާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.
މީގެ އިތުރުން މި ފެއާގެ ތެރެއިން އެމްއެމްޕީއާރުސީއާއި ގަތަރު އެއާވޭސްއާ ދެމެދު ވަނީ ހާއްސަ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައެވެ. ދެ ކުންފުނީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވެވުނު މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދެވެ. އަދި ގަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީސީއޯ ތިއެރީ އެންޓިނޯރީއެެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ދަށްވި ނަމަވެސް އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ރިކަވާވަމުން ދަނީ ހަލުވި ކަމާއެކުގައެވެ. ރާއްޖެއަކީ ކޮވިޑުގައި ވެސް ފަތުރުވެރިކަމުގައި ކާމިޔާބު ގައުމެއް ގޮތުގައި ބޭރުގެ ގިނަ ގައުމުތަކުން ވަނީ ސިފަކޮށްފައެވެ.
މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު މިއަހަރު ނިމޭއިރު ދެ މިލިއަން ފަތުރުވެރިން ހަމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެއެވެ.